އުރުދުޣާން އަވަހާރަކޮށްލަން ރާވާ ރޭވުންތަކުގެ ފަހަތުގައި އިސްރާއީލު!

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އަވަހާރަކޮށްލުމަށް ބަޔަކު ރާވަމުން ގެންދާކަމަށް އެގައުމުގެ ޖާސޫސީ އިދާރާއިންވަނީ ބުނެފައެވެ.

އެއިދާއިން ހޮނިހިރު ދުވަހު ބުނެފައިވަނީ އުރުދުޣާން ބޮސްނިޔާއަށް ކުރައްވާ ދަތުރުފުޅުގައި އޭނާ އަވަހާރަކޮށްލަން ބަޔަކު ރާވާފައިވާ ކަމުގެ ޖާސޫސީ މައުލޫމާތުތަކެއް ލިބިފައިވާތީ އެކަން ބަލަމުން ގެންދާކަމުގައެވެ. ތުރުކީގެ ޖާސޫސީ އިދާރާއިން މިހެން ބުނެފައިވަނިކޮށް އެއިދާރާގެ ބައެއް އިސް ފަރާތްތަކާ ޙަވާލާދީ ތުރުކީގެ "ބަނީ ޝަފަޤް" ނޫސް ބުނާގޮތުން މިހާތަނަށް ބެލިބެލުމުން މި ރޭވުމުގެ ފަހަތުގައިވަނީ ތުރުކީގައި ޓެރަރިސްޓް ޖަމާއަތެއްކަމަށް ލޭބަލްކޮށްފައިވާ ކުރީގެ އިދިކޮޅު ލީޑަރު ފަތްހުﷲ ގުލެންގެ ޖަމާއަތާއި އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު" އެވެ.

އުރުދުޣާން އަވަހާރަކޮށްލާ ގާތިލުންގެ ޓީމަށް ތަމްރީން ދެނީ އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު"ން ކަމަށާއި އެޓީމުގައި ހިމެނެނީ ފަތްހުﷲ ގުލެންގެ ޖަމާއަތުގެ މީހުން ކަމަށްވެސް ތުރުކީގެ ޖާސޫސީ އިދާރާއާ ހަވާލާދީ "ބަނީ ޝަފަޤް" ނޫސް ބުނެއެވެ.

އަނެއްކޮޅުން އަސްކަރީ ތަހްލީލްތައް ކުރުމުގައި ދުނިޔެއަށް ނަންމަޝްހޫރު "ވެޓަރަންސް ޓުޑޭ" ވެބްސައިޓް ބުނާގޮތުން އުރުދުޣާން އަވަހާރަކޮށްލުމަށް ރާވާ ރޭވުމާ އެމެރިކާއާވެސް ވަނީ ގުޅިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރްމްޕްގެ ރިޔާސީ ޓީމުގައި ހިމެނޭ ޖޯންބޯލްޓަން ފަދަ ހަރުކަށި ޒަޔަނިސްޓް ފިކުރުގެ ބޭފުޅުން ދެކޭގޮތުގައި އުރުދުޣާން އަވަހާރަކޮށް ނުލައި އީރާނަށް ޙަމަލާއެއް ނުދެވޭނެއެވެ. އަދި އީރާނާއި ރަޝިޔާގެ ގުޅުންތައް ބަދަހިވެ އީރާނާއި ތުރުކީއާއި ރަޝިޔާއިން ވަރުގަދަ އެލަޔަންސެއްގެ ގޮތުގައި މެދުއިރުމަތީގައި ހަރަކާތްތެރިވަނީވެސް އުރުދުޣާންގެ ސަބަބުން ކަމަށް ޓްރަމްޕްގެ ޓީމުން ދެކެއެވެ.

އީރާން، ތުރުކީ، ރަޝިޔާ، މިތިން ގައުމު ގުޅިފައިވާ އެލަޔަންސަކީ އެމެރިކާއާއި އިސްރާއީލަށް މެދުއިރުމަތީގައި މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަމަށާ ސޫރިޔާގެ ވެރިކަން ވައްޓާލުމަށް އެމެރިކާއާ ގުޅިގެން މަސައްކަތްކުރި ހަނގުރާމަވެރި ޖަމާއަތްތައް ބަލިކަށިވެގެން ދިޔައީވެސް އެތިންގައުމުގެ ސަބަބުންކަމަށް އެމެރިކާ ދެކޭކަމަށް "ވެޓަރަންސް ޓުޑޭ" ބުނެއެވެ.

ތުރުކީއަކީ ނޭޓޯގެ ގައުމަކަށްވިޔަސް އުރުދުޣާންގެ ޒަޢާމަތުގައި ތުރުކީ ގެންދަނީ އިސްރާއީލާއި އެމެރިކާގެ މަސްލަހަތުތަކާ ދެކޮޅަށް އީރާނާއި ރަޝިޔާއާ ގުޅިގެން ވަރަށް ބޮޑަށް ޙަރަކާތްތެރިވަމުންނެވެ. އުރުދުޣާންގެ ވެރިކަމުގައި ތުރުކީ އިގްތިސާދީ ގޮތުންނާއި އަސްކަރީގޮތުން ސަރަހައްދީ ބޮޑު ބާރަކަށްވެފައިވާއިރު ތުރުކީވަނީ އެމެރިކާ ދޫކޮށް ސްޓްރެޓީޖިކް ގޮތުން ރަޝިޔާއާ ބައިވެރިވެފައެވެ.

ނޭޓޯ އުފެދުމާއެކު އެމެރިކާއިން ނޭޓޯއަށް ތުރުކީ ވެއްދީވެސް ކުރީގެ ސޮވިއެޓް ޔުނިޔަން (ރޫސީވިލާތް)ގެ ދެކުނުގައި ތުރުކީ އޮންނާތީ ތުރުކީ ބޭނުންކޮށްގެން ސޮވިއެޓް ޔުނިޔަންއާ ދިމާކުރުމަށެވެ. 1991ގައި ސޮވިއެޓް ޔުނިޔަން ރޫޅިގެންދިޔުމާއެކު މިހާރުގެ ރަޝިޔަން ފެޑަރޭޝަން މިނިވަން ދައުލަތެއްގެ ވުޖޫދަށް އައުމުން ދެން އެމެރިކާ މަސައްކަތްކުރީ ތުރުކީ ބޭނުންކޮށްގެން ރަޝިޔާގެ ދެކުނުފަޅިން ތުރުކީ ބޭނުންކޮށްގެން ރަޝިޔާ ވަށާލުމުގެ މަސައްކަތެވެ.

އުރުދުޣާންގެ ސަބަބުން މިކަން ވަނީ ކުރިޔަށް ގެންދެވޭގޮތް ނުވެފައެވެ. މިއާއެކު އެމެރިކާވަނީ ރަޝިޔާއާ ކުރިމަތިލުމުގައި ނުކުޅެދިފައެވެ. މީގެއިތުރުން ތުރުކީ މެދުވެރިކޮށް ރަޝިޔާވަނީ މެދުއިރުމަތީގައި އެމެރިކާއާ ކުރިމަތިލާންވެސް ފަށާފައެވެ. ތުރުކީގެ އެހީތެރިކަން ނެތްނަމަ ރަޝިޔާއަށް ސޫރިޔާގައި އެހާ ބާރުގަދަ ގޮތެއްގައި ހަރަކާތްތެރިވުމުގެ ފުރްސަތު ނުލިބުނީސްކަމަށް "ވެޓަރަންސް ޓުޑޭ" ބުނެއެވެ.

އެމެރިކާ ފިޔަވައި ނޭޓޯގައި ހިމެނޭ އެއްގަމު ލަޝްކަރު އެންމެ ބޮޑު ގައުމެއްކަމަށްވާ ތުރުކީއާއި ރަޝިޔާގެ ގުޅުންތައް މިހާރުވަނީ ސްޓްރެޓީޖިކް ލެވެލްއަށް ގޮސްފައެވެ. ނޭޓޯގެ ގައުމަކަށް އޮވެގެން ތުރުކީވަނީ ރަޝިޔާއިން ޒަމާނީ ހަތިޔާރުވެސް ގަންނަން ފަށައިފައެވެ. މީގެތެރޭގައި ރަޝިޔާގައި އުފައްދާ އެސް - 400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު ހިމެނެއެވެ. އެމެރިކާވަނީ މިނިޒާމު ރަޝިޔާއިން ނުގަތުމަށް ތުރުކީއަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. ނަމަވެސް ތުރުކީވަނީ އެގައުމުން ހަތިޔާރު ގަންނާނެ ފަރާތެއް އެނގޭނީ އެގައުމަށް ކަމަށްބުނެ އެމެރިކާއަށް ރައްދު ދީފައެވެ.

މީގެއިތުރުން ތުރުކީވަނީ ރަޝިޔާގެ އެހީގައި ހަތިޔާރު އުފެއްދުމުގެ އިންޑަސްޓްރީއެއް ތުރުކީގައި ބިނާކުރުމުގެ މަސައްކަތްވެސް ފަށައި އެކަމަށް ބޭނުންވާ އިންޖިނޭރުންނާއި ފަންނީ މީހުން ތަމްރީން ކުރުމަށް ރަޝިޔާއަށް ފޮނުވާފައެވެ. އެހެންކަމުން ކުރިޔަށްއޮތް ފަސްވަރަކަށް އަހަރުތެރޭގައި ތުރުކީއަށް ބޭނުންވާ ވަރަށް ގިނަ ބާވަތްތަކެއްގެ ހަތިޔާރު ރަޝިޔާގެ ޓެކްނޮލޮޖީގައި ތުރުކީން އުފައްދާނެއެވެ. ނަތީޖާއަކީ ތުރުކީން އެމެރިކާއަތުން ހަތިޔާރު ގަތުން ވަރަށްބޮޑަށް މަދުވެގެން ދިޔުމެވެ. މިކަމުގެ ސަބަބުން އެމެރިކާއަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. ސަބަބަކީ އެމެރިކާއަށް އާމްދަނީ ލިބޭ އެންމެ ބޮޑު އިންޑަސްޓްރީއަކީ ހަތިޔާރުގެ އިންޑަސްޓްރީކަމަށްވެފައި އެމެރިކާގެ ހަތިޔާރު އެންމެ ގިނައިން ގަންނަ އެއްގައުމު ގެއްލިގެންދާތީއެވެ.

ރަޝިޔާގެ ފަންނީއެހީގައި ތުރުކީން ނިއުކްލިޔަރ ތިން ރިއެކްޓަރު ބިނާކުރުމުގެ އެއްބަސްވުންތަކެއްގައި ރަޝިޔާއާއެކު މިދިޔައަހަރު ވަނީ ސޮއިކޮށްފައެވެ. މިއީ ގާތްގަނޑަކަށް 45 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ. މިއީވެސް ތުރުކީއާމެދު އެމެރިކާގެ ރުޅި އިތުރުވެގެންދިޔަ ކަމެއްކަން "ވެޓަރަންސް ޓުޑޭ" ގެ މުހައްލިލުން ފާހަގަކުރައްވާފައިވެއެވެ.

ތުރުކީގެ ޖާސޫސީ އިދާރާއިން މިދިޔަ ހޮނިހިރުދުވަހު ވަނީ ރައީސް އުރުދުޣާން އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާތީ އެކަން ތަހްގީގް ކުރަމުން ގެންދާކަމަށް ބުނެފައެވެ. އެއިދާރާއިން ބުނީ އުރުދުޣާން ބޮސްނިޔާއަށް ކުރައްވާ ދަތުރުފުޅުގައި އޭނާ އަވަހާރަކޮށްލަން ބަޔަކު ރާވާފައިވާ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށާ މިކަންކުރަން ރާވާފައިވަނީ ތުރުކީގެ ގްރޫޕަކުންކަމުގައެވެ.

މިކަމާގުޅޭގޮތުން ތުރުކީގެ ރިޔާސީ ތަރްޖަމާން ވިދާޅުވީ މިބިރާއެކުވެސް އުރުދުޣާން ބޮސްނިޔާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ތާވަލާއެއްގޮތަށް ކުރިޔަށްދާނެ ކަމުގައެވެ. މިގޮތުން އުރުދުޣާން އިއްޔެވަނީ ބޮސްނިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފައްޓަވާފައެވެ. ބޮސްނިޔާއަށް ވަޑައިގެން އުރުދުޣާން ވިދާޅުވީ އޭނާއަކީ މުޖްރިމުން ދައްކާ ބިރުތަކަށް ޖެހިލުންވެވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށާއި ތުރުކީގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައެވެ. އަދި ސިޔާސީ ގޮތުންނާއި އަސްކަރީ އިންގިލާބު ގެނަސްގެން އޭނާގެ ވެރިކަން ފޮރޮޅާލުމަށް ނުކުޅެދިފައިވާ ފަރާތްތަކުން އޭނާ އަވަހާރަކޮށްލާނެ ކަމުގެ ބިރުތަކެއް ދެއްކިނަމަވެސް އޭނާގެ އެއްވެސް ނިންމެވުމެއް އަދި ސިޔާސަތެއްވެސް ބަދަލުނުކުރައްވާނެ ކަމުގައެވެ.

އުރުދުޣާންގެ ވެރިކަން ވައްޓާލުމަށް 2016 ވަނަ އަހަރު ގެންނަންއުޅުނު އަސްކަރީ އިންގިލާބަށްވެސް ނުސީދާ ގޮތެއްގައި ވާގިވެރިވެރިވި ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވެއެވެ. އެ ނާކާމިޔާބު އިންގިލާބުގައި އަމަލީ ގޮތުން ހަރަކާތްތެރިވީ އެމެރިކާގައި ދިރިއުޅުއްވާ ތުރުކީގެ އިދިކޮޅު ލީޑަރެއްކަަމަށް ފަތްހުﷲ ގުލެންގެ ޖަމާއަތެވެ.

އިސްރާއީލުން އުރުދުޣާން ދެކެ ރުޅިއަންނަ މައްސަލަތަކުގެ ތެރޭގައި ޙަމާސް ޖަމާއަތަށް އެހީތެރިވުމާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ދުނިޔޭގައި މަސައްކަތް ކުރެއްވުން ހިމެނެއެވެ. އިސްރާއީލާއި އެމެރިކާއަކީ ގައުމުތަކުގެ ލީޑަރުން އަވަހާރަކޮށްލުމުގެ ރެކޯޑް އޮންނަ ނުރައްކާތެރި ދެގައުމެވެ. އިސްރާއީލުންވަނީ ފަލަސްތީނުގެ އެތަށް ލީޑަރުންނެއް އެކިގޮތްތަށް އަވަހާރަކޮށްލާފައެވެ. ފަލަސްތީނުގެ ރައީސް ޔާސިރު އަރަފާތު އަވަހާރަކޮށްލީ އަރަފާތަށް ވިހަދީގެންނެވެ.

އެމެރިކާއަކީ ލީބިޔާގެ ކުރީގެ ޒައީމް މުއައްމަރުލްގައްޒާފީ އަވަހާރަކޮށްލުމަށާއި ކިޔުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އަވަހާރަކޮށްލުމަށްވެސް އެތަށް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ގައުމެކެވެ. އަދި ޗިލީގެ ޑިމޮކްރެޓިކް ރައީސް ސެލްވަޑޯރ ލެނެންޑީ އަވަރާކޮށްލި ކަމުގެ ތުހުމަތުވެސް ކުރެވިފައިވަނީ އެމެރިކާގެ ޖާސޫސީ އިދާރާގެ މައްޗަށެވެ. ޚުދު އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖޯން އެފް ކެނެޑީ އަވަރާކޮށްލި ކަމުގެ ތުހުމަތުވެސް ކުރެވިފައިވަނީ އެމެރިކާގެ ޖާސޫސީ އިދާރާގެ މައްޗަށެވެ.

އެމެރިކާއަކީ މަތިންމަތިން ޑިމޮކްރެޓިކް ގައުމެއްގެ ގޮތުގައި ފެނުނުނަމަވެސް އެމެރިކާގެ ގައުމީ މަސްލަހަތާ ގުޅޭކަންކަމުގައި ޑިމޮކްރަސީއަށް ބަލާގައުމެއްނޫނެވެ. އެހިސާބުން އެމެރިކާ ކޮންޓްރޯލް ކުރާނީ ޑީޕް ސްޓޭޓްގެ މުއައްސަސާތައް ކަމަށްވާ ޕެންޓަގަން އާއި ސީއައިއޭ އާއި ޔަހޫދީ ޒަޔަނިސްޓް ގްރޫޕްތަކާއި ވޯލްސްޓްރީޓްގެ ކުންފުނިތަކުންނެވެ. އާންމު ހާލަތުގައިވެސް އެމެރިކާގެ ގިނަ ކަންތައްތަކެއް ޕެންޓަގަން އާއި ސީއައިއޭ އިން ކޮންޓްރޯލް ކުރެއެވެ. މިފަދަ ހާލަތަތްތަކުގައި އެމެރިކާގެ ކޮންގްރެސް އާއި މިނިވަން މުއައްސަސާތަކާއި އެމެރިކާގެ ރައީސަކީ ނަމެއްގައި ތިބޭ ފަރާތްތަކެކެވެ.

comment ކޮމެންޓް