ޕީޕީއެމްގެ ކެމްޕެއިން ޓީމުތައް ފަސް އަތޮޅަކަށް

27 ފެބްރުއަރީ 2018: "ސަލާމަތީ ބާރުތަކާއި އެކު ރައްޔިތުން" މި ނަމުގައި ވެސްޓްޕާސް ސަރަހައްދުގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕީޕީއެމްގެ ކެމްޕޭން ޓީމްތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި ފަސް އަތޮޅަކަށް ދަތުރުކުރަން ނިންމައިފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހުގައި މަޖިލިސް މެމްބަރުންނާއި މިނިސްޓަރުން ބައިވެރިވެވަޑައިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަފްތާ ތެރޭގައި ޕީޕީއެމްގެ އިސްވެރިން ހިމެނޭ ވަފުދުތައް އެކިއެކި އަތޮޅުތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

"ރައީސް ޔާމީން 2018 ވަނަ އަހަރަށް ހޮވުމަށްޓަކައި އަޅުގަނޑުމެން އެންމެން. މުޅި ރާއްޖެ ގުޅިގެން މަސައްކަތް ކުރާތަން މިހަފްތާގައިވެސް ފެނިގެންދާނެ. އަޅުގަނޑުމެން ރޫހު އާލާކުރުމާއި ރަމަޟާން މަހުގައި އެކުވެރިކަން އާލާކުރުންވެސް މީގެ ތެރެއިން ފެނިގެންދާނެ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ދަތުރުގެ ތެރެއިންވެސް ފޯރިގަދަ ޖަލްސާތަކެއް ކުރިއަށްދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާތެރޭގައި ޕީޕީއެމް އިން ދަތުރުކުރަން ހަމަޖެހިފައިވަނީ، ރ، ބ، ށ، ވ އަދި އދގެ ބައެއް ރަށްތަކަށެވެ.

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ޖުމުލަ ގޮތެއްގައި ހުރިހާ ރަށެއްގައި ކެމްޕެއިން ހަރަކާތް ކުރިއަށްދާނެ ކަމަށާއި މީގެ ކުރިންވެސް ގިނަ ރަށްތަކެއްގައި ބޮޑެތި ޖަލްސާތަކާއި ހަރަކާތްތައް ބޭއްވިފައިވާ ކަމަށެވެ.

ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން މަސައްކަތުގައި އެމްޑީއޭއިން ބައިވެރިވާނެ ކަމަށާއި އެގޮތުން އަތޮޅުތަކަށް ފަށާ ދަތުރުގައިވެސް އެމްޑީއޭގެ ފުރިހަމަ ހިއްސާ އޮންނާނެ ކަމަށެވެ.

ޕީޕީއެމްއިން އަތޮޅުތަކަށް ދަތުރުކުރަން ނިންމާފައި ވާއިރު އެ ޕާޓީން މީގެ ކުރިން ވަނީ ރަމަޟާން މަހު އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މަދުކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ޕީޕީއެމްއިން މީގެ ކުރިން ފުވައްމުލަކު ސިޓީ، ހއ، ގއ އަދި އައްޑޫ ސިޓީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު ކުރިއަށް އޮތް ތަނުގައި އިތުރު އަތޮޅުތަކަށްވެސް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

comment ކޮމެންޓް