ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް އިތުރުވެއްޖެ

މާލެ ވިޔަފާރި ބަނދަރު ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

މިދިޔަ މަހު ރާއްޖޭން އެކްސްޕޯޓް 77 ޕަސެންޓް އަދި އިމްޕޯޓް 16 ޕަސެންޓް އިތުރުވެފައިވާ ކަމަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓުކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 16 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް 3.25 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓު ކޮށްފައެވެ. އަދި މިއަހަރުގެ އޭޕްރިލް މަހުގައި 3.77 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައި ވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އިމްޕޯޓްކުރި މުދަލުގެ ޖުމްލަ އަގުގެ 21 ޕަސެންޓް ހިއްސާކުރަނީ ޔޫއޭއީއިން އިމްޕޯޓްކޮށްފައިވާ މުދަލަށެވެ. އަދި ސިންގަޕޫރުން 13 ޕަސެންޓް އަދި ޗައިނާއިން 12 ޕަސެންޓްގެ މުދާ އެތެރެކޮށްފައި ވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މިދިޔަ މަހުގެ އިމްޕޯޓް އިތުރުވެފައިވާއިރު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީވެސް 31 ޕަސެންޓަށް އިތުރުވެފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގައި އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 262 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ އޭޕްރީލް މަަހު ލިބިފައިވަނީ 200 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު 208 މިލިއަން ރުފިޔާގެ މުދާ ރައްޖެއިން އެކްސްޕޯޓްކޮށްފައި ވާއިރު، މިއަހަރުގެ އެޕްރީލް މަހު 368 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ވަނީ އެކްސްޕޯޓް ކޮށްފައެވެ. އެއީ 77 ޕަސެންޓްގެ އިތުރުވުމެކެވެ.

ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކުރަނީ މަހުގެ ބާވަތްތައް ކަމަށް ވާއިރު މިދިޔަ މަހު އެކްސްޕޯޓްކުރި މުދަލުގެ 50 ޕަސެންޓު އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑަށްކަމަށް ކަސްޓަމްސްއިން ބުންޏެވެ.

comment ކޮމެންޓް