ވެނެޒުއޭލާގެ އިދިކޮޅު ކޯލިޝަނުން ބޯއިކޮޓްކޮށްފައިވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ ރައީސްކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފަ -- ފޮޓޯ: އޭޕީ

ކަރާކަސް (މޭ 20): ވެނެޒުއޭލާގެ މައި އިދިކޮޅު ކޯލިޝަނުން ބޯއިކޮޓުކޮށްފައިވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު އެގައުމުން ފަށައިފިއެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ އެއިންތިހާބު ބާއްވަން ފުރަތަމަ ހަމަޖެއްސީ ޑިސެމްބަރު މަހުގައެވެ. ނަމަވެސް ފަހުން އޭޕްރިލް 22އަށް އަވަސް ކުރުމަށް ފަހު އަނެއްކާވެސް މިމަހަށް އެއިންތިހާބު ލަސް ކުރިއެވެ.

އެއިންތިހާބުގައި މަޑޫރޯއާ ވާދަ ކުރައްވަނީ އެގައުމުގެ ލާރާ ސްޓޭޓުގެ ކުރީގެ ގަވަރުނަރު ހެންރީ ފެލްކަން އާއި މިނިވަން ކެނޑިޑޭޓެއް ކަމަށްވާ ހާވިއާ ބާޓުޗީ އެވެ.

ނަމަވެސް ވެނެޒުއޭލާގެ ސަރުކާރުން ވަނީ އެގައުމުގެ މައި އިދިކޮޅު ކޯލިޝަން ޑިމޮކްރެޓިކް ޔުނިޓީ ރައުންޑްޓޭބަލް (އެމްޔޫޑީ)ގައި އިސްކޮށް އުޅުއްވާ ލިއޮޕޮލްޑޯ ލޯޕޭޒްއާއި ހެންރީކޭ ކެޕްރީލޭސް ރިޔާސީ އިންތިހާބުގައި ވާދަ ކުރުން މަނާކޮށްފައެވެ. އޭގެ ސަބަބުން އެކޯލިޝަނުން ވަނީ އިންތިހާބު ބޯއިކޮޓްކޮށްފައެވެ.

ވެނެޒުއޭލާގެ އަވަށްޓެރި ގައުމުތައް ކަމަށްވާ ބްރެޒިލް، ކޮލަމްބިއާ އަދި މެކްސިކޯ އިން ވަނީ މިއަދުގެ ރިޔާސީ އިންތިހާބަކީ ގާނޫނު އަސާސީއާ ހިލާފަށް ބާއްވާ އިންތިހާބެއް ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވަނީ އެއީ "ފޭކު އިންތިހާބެއް" ކަމަށާއި އެއިންތިހާބުން ލިބޭނީ "ފޭކު ނަތީޖާ"އެއް ކަމަށް ވިދާޅުވެފައެވެ.

ދެހާސްތޭރަ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަޑޫރޯގެ ސަރުކާރުގެ ދަށުން ވެނަޒުއޭލާގެ އިގުތިސާދު ވަނީ މީގެ ކުރިން ހީނަރު ނުވާ ވަރަށް ހީނަރުވެފައެވެ. އޭގެ ސަބަބުން އެގައުމުގައި ކާބޯތަކެތި ލިބުމަށް ދަތިވެ، ހަމަނުޖެހުން އިތުރުވެ، ގިނަ އަދަދެއްގެ މީހުންނަށް ވަނީ ގައުމު ދޫކޮށް ދާންޖެހިފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް