ގައުމުގައި ހުރި އެންމެ އަމިއްލަ އެދުން ބޮޑު ސިޔާސީ މީހަކީ ނަޝީދު: ޝައިނީ

މިނިސްޓަރު ޝައިނީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިގައުމުގައި ތިބި ސިޔާސީ މީހުންގެ ތެރެއިން އެންމެ އަމިއްލަ އެދުން ބޮޑު މީހަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅުއްވީ ހަމަ އެކަނި ނަޝީދެވެ. އެކަމާ ގުޅިގެން އެމްޑީޕީއާ ދެކޮޅު ހާއްސަކޮށް ސަރުކާރުގެ ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.

ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ މުޅި ސިޔާސީ ހަޔާތުގައި ވެސް އެހެން މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ.

އަދި މި ފަހަރު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަން އެނގޭ އިރުވެސް އެހެން މީހަކަށް ފުރުސަތު ނުދިނުމުން ނަޝީދުގެ އަމިއްލަ އެދުން ހުރި މިންވަރު ހާމަވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ނަޝީދު އެކަނި ފޯމު ހުށަހެޅުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވީ އެމްޑީޕީގައި ޕްރައިމެރީގައި ވާދަ ކޮށްލާނެ މީހަކު ވެސް ނެތް ކަމަށެވެ. އެމްޑީޕީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފެއިލްވީ ނަޝީދުގެ ސަބަބުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

comment ކޮމެންޓް