މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނަޖީބު ހާޒިރުވާން އަންގައިފި

ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި އެޕާޓްމެންޓުތަކުން ވަނީ ފައިސާ އާއި ގަހަނާ އަޅާފައިވާ އެތައް ސަތޭކަ ފޮށި ހޯދާފައި -- ފޮޓޯ: އޭއޭޕީ

ކުއަލަލަމްޕޫރު (މޭ 20): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)އަށް އަންނަ އަންގާރަ ދުވަހު ހާޒިރުވާން އަންގައިފި އެވެ.

އެމްއޭސީސީގެ އޮފިޝަލަކާ ހަވާލާދީ މެލޭޝިއާގެ ނޫހެއްގައިވާ ގޮތުން ނަޖީބު އެކޮމިޝަނަށް ހާޒިރު ކުރަނީ ވަންއެމްޑީބީ އިންވެސްޓްމެންޓު ފަންޑުގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެންނެވެ.

އެގޮތުން ވަންއެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލް އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ފައިސާ ޖަމާ ކުރި ކަމަށް ބުނާ މައްސަލައިގެ ބަޔާނެއް ނަޖީބު ދެއްވާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ވަންއެމްޑީބީ މައްސަލާގައި ނަޖީބު ކުށްވެރިނުވާ ކަމަށާއި އެފައިސާއަކީ ސައުދީ ޝާހީ އާއިލާއިން އޭނާއަށް އެރުވި ހަދިޔާއެއް ކަމަށް މެލޭޝިއާގެ ކޯޓަކުން ވަނީ 2016 ވަނަ އަހަރު ނިންމައިފަ އެވެ. ނަމަވެސް ބޮޑުވަޒީރު މަހާތިރު މުހަމައްދު ވަނީ އެމައްސަލަ އަލުން ތަހުގީގު ކުރާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ނަޖީބު ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާ ކުރި ފަހުން، އޭނާއާ ގުޅުން ހުރި އެޕާޓްމެންޓުތަކެއް ފުލުހުން ވަނީ ފާސްކޮށްފަ އެވެ. އަދި އެއެޕާޓްމެންޓުތަކުން ވަނީ ފައިސާ އާއި ގަހަނާ އާއި އަގުބޮޑު ދަބަސްތައް އަޅާފައިވާ އެތައް ސަތޭކަ ފޮށި ހޯދައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް