އެންމެ ގިނައިރު ރޯދައަށް ތިބެންޖެހެނީ އައިސްލޭންޑްގައި، އެއީ 21 ގަޑިއިރު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ރަމަޟާން މަހުގެ ފަރުޟު އަދާކުރުމަށް ރޯދައަށް ތިބޭއިރު އެކި ގައުމުތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތުތައް ތަފާތެވެ.

ރޯދައިގެ ވަގުތަކީ ފަޖުރުއްޞާދިގުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސުމަށް ދާންދެން ކަމަށްވާއިރު، މިއަހަރުގެ ރޯދަމަހު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެންޖެހެނީ އައިސްލޭންޑުގައެވެ. އެގައުމުގައި 21 ގަޑިއިރު ރޯދައަށް ތިބެންޖެހެއެވެ. އައިސްލޭންޑުގައި އިރު އޮއްސެނީ ރޭގަނޑު 10:44 ގައެވެ. އަނެއްކޮޅުން މެންދަމު 2:27ގައި ފަޖުރުގެ އަލިކަން ފާޅުވާން ފަށައެވެ.

ދެވަނައަށް އެންމެ ގިނައިރު ރޯދައަށް ތިބެންޖެހެނީ ގްރީންލޭންޑާއި ފިންލޭންޑްގައެވެ. އެއީ 19 ގަޑިއިރާއި 30 މިނެޓެވެ. ދެން ސްވިޑްން އާއި ނެދަލޭންޑްސް ގައެވެ. އެ ގައުމުތަކުގައި 19 ގަޑިއިރު ރޯދައަށް ތިބެން ޖެހެއެވެ.

އެންމެ ކުޑަވަގުތުކޮޅެއްގައި ރޯދައަށް ތިބެންޖެހެނީ ޗިލީގައެވެ. އެއީ 10 ވަރަކަށް ގަޑިއިރެެވެ. ނިއުޒިލެންޑްގައި 12 ގަޑިއިރު ރޯދައަށް ތިބެންޖެހޭއިރު ސައުތު އެފްރިކާގައި ރޯދައަށްތިބެންޖެހެނީ 11 ގަޑިއިރެވެ. ބްރެޒިލާއި އޮސްޓްރޭލިއާގައި ވެސް ރޯދައަށް ތިބެންޖެހެނީ 11 ގަޑިއިރާއި، މިނެޓް ކޮޅަކަށެވެ.

ރާއްޖެއަށް ބަލާއިރު ގާތްގަނޑަކަށް 14 ގަޑިއިރު ރޯދައަށް ތިބެން ޖެހެއެވެ.

comment ކޮމެންޓް