ނިހާންގެ ސުވާލެއް އެމްޑީޕީއަށް: ނަޝީދު ނޫނީ ވެރިކަން ކޮށްލާނެ ބޭފުޅަކު ނެތީތޯ؟

ނޮވެމްބަރ 21، 2017: ޕީޕީއެމްގެ ޖަގަހަ، "ރުމާލު 2"ގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި ރާއްޖޭގައި ވެރިކަންކޮށްލެވޭނެ ފަދަ މީހަކު ނެތީތޯ ވިދާޅުވެ، ޕީޕީއެމްގެ ޕާލަމަންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ސުވާލު އުފައްދަވައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލި ފުރުޞަތުގައި ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ހަމަ އެކަނި ރައީސް ނަޝީދު ނަން ހުށަހެޅުއްވުމުން އެކަމަށް ފާޑު ވިދާޅުވެ ނިހާން އޭނާގެ ޓްވިޓާގައި ލިޔުއްވާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީ ފެއިލްވީ ރައީސް ނަޝީދުގެ ލީޑަޝިޕްގައި ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކޮށްލާނެ މީހަކު ނުވުމުން އެ ފެނިގެންދަނީ ޑިމޮކްރަސީގެ ނަމޫނާތޯ ވިދާޅުވެ ނިހާން ސުވާލުކުރެއްވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ނަޝީދު ފޯމް ހުށަހަޅުއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރިތާ 10 މަހާއި ތިން ދުވަސް ފަހުން، ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި އުޅުއްވަމުން ގެންދަވާ ރައީސް ނަޝީދުގެ ފަރާތުން ފޯމު ހުށަހެޅުއްވީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

އަސްލަމް ވަނީ އެމްޑީޕީ އޮފީހަށް ވަޑައިގެން، ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށަހަޅަންޖެހޭ ފޯމާއި ނަޝީދަށް ތާއީދުކުރާ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދު ފޯމާ ހަވާލު ކޮށްފައެވެ.

އެމްޑީޕީގެ ފަރާތުން އެ ފޯމްތަކާއި ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

އެމްޑީޕީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ބަންދުވެފައިވާއިރު، ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ވަނީ ވެސް ރައީސް ނަޝީދު އެކަންޏެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

comment ކޮމެންޓް