އައިފާ އެވޯޑްސް މިފަހަރު ބެންކޮކްގައި!

އައިފާ އެވޯޑް ހަފްލާ މިފަހަރު ބެންކޮކްގައި---

މިއަހަރުގެ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކެޑަމީ (އައިފާ) އެވޯޑްސް، ތައިލޭންޑްގެ ބެންކޮކްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިއީ އައިފާ އެވޯޑު ކުރިއަށް ގެންދާތާ 19 ވަނަ އަހަރެވެ.

އަންނަ މަހުގެ 22 އިން 24ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ހަފްލާގައި ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން ފެނިގެންދާނެއެވެ. އަހަރަކު އެއް ފަހަރު ބާއްވާ އެ ހަފްލާގައި މިއަހަރުގެ ވެސް ހޯސްޓުންނަކީ ކަރަން ޖޯހަރު އަދި ރިތޭޝް ދޭޝްމުކް އެވެ.

އައިފާ އެވޯޑުގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޑިއަން ސިނަމާ ޕްރޮމޯޓު ކުރުން ކަމުގައި ވީނަމަވެސް، ހޮލީވުޑު ފިލްމުތަކުގެ އަގު ވަޒަންކޮށް، އިންޑިއާގައި އެއާ ކުރާ ވެބް ސީރީޒް ތަކުގެ އަގު ވަޒަން ކުރުމަކީ އައިފާ އެވޯޑުގެ ބައެއް އިތުރު މަގުސަދުތައް ކަމަށް ވެސް އައިފާ އިންތިޒާމް ކުރާ ފަރާތުން ވަނީ މީގެ ކުރިން ބުނެފައެވެ.

މިދިޔަ އަހަރުގެ މޮޅު ބަތަލާ އަކަށް "އުޅްތާ ޕުންޖާބް" އިން އާލިއާ ބަޓް ހޮވުނު އިރު އެންމެ މޮޅު ބަތަލަކަށް ހޮވިފައިވަނީ ހަމަ އެ ފިލްމުގެ ލީޑް ފިރިހެން ތަރި ޝާހިދު ކަޕޫރެވެ.

ނިއުޔޯކުގެ މެޓްލައިފް ސްޓޭޑިއަމްގައި މިދިޔަ އަހަރު ބޭއްވި އެވޯޑުގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ސޯނަމް ކަޕޫރު ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު 'ނީރްޖާ' އަށެވެ.

comment ކޮމެންޓް