އޮރީކްސް ބީޗް ހޭންޑްބޯލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ކުރިއަށްދިޔަ ހޭންޑްބޯޅަ މުބާރާތެއްގެ ތެރެއިން: އޮރީކްސް ހޭންޑްބޯލް ކްލަބުން ވަނީ ބީޗް ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ނިންމާފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އޮރީކްސް ހޭންޑްބޯލް ކްލަބުން އިންތިޒާމްކޮށްގެން މި ރަމަޟާން މަހު ބާއްވާ އޮރީކްސް ބީޗް ހޭންޑްބޯލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޮރީކްސް ބީޗް ހޭންޑްބޯލް ޗެލެންޖް 2018 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ރަސްފަންނުގައެވެ. އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެ މުބާރާތުގައި ބައިވެރިވާ ޓީމުތައް ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަންޖެހެއެވެ. ކޮންމެ ޓީމެއްގެ ލިސްޓުގައި ވެސް ފަސް ކުޅުންތެރިންގެ ނަން ޖެހޭ އިރު، ކޮންމެ ޓީމެއްގައި ވެސް ގައުމީ ޓީމަށް ކުޅޭ ތިން ކުޅުންތެރިންނަށްވުރެ އިތުރަށް ނުހިމެނޭނެ ކަމަށް އޮރީކްސް ހޭންޑްބޯލް ކްލަބުން މައުލޫމާތުދެއެވެ.

އެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. ކޮންމެ ޑިވިޝަނެއްގެ ވެސް ޗެމްޕިއަން ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ލަނޑުޖަހާ އަންހެން އަދި ފިރިހެން ކުޅުންތެރިޔާއަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

އޮރީކްސް ހޭންޑްބޯލް ކްލަބުން މައުލޫމާތުދޭ ގޮތުގައި، އެ މުބާރާތުގެ މަގްސަދަކީ ރާއްޖޭގައި މިވަގުތު ހޭންޑްބޯލް ކުޅެމުންދާ ކޮމިއުނިޓީއަށް ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތު ހޯދައިދިނުމާއި، ހޭންޑްބޯޅައަށް ލޯބިކުރާ އެންމެން އެއްވެ އުފާވެރި މާހައުލެއްގައި ބީޗް ހޭންޑްބޯޅަ ކުޅެލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އޮރީކްސް ހޭންޑްބޯލް ކްލަބަކީ ރާއްޖޭގައި ބާއްވާ އެކިއެކި ހޭންޑްބޯޅަ މުބާރާތްތަކުގައި ބައިވެރިވުމާއި، ހޭންޑްބޯޅަ ކުރިއެރުވުމާއި، ޒުވާން ކުޅުންތެރިން ތަމްރީންކުރުމާއި، އެ ކުޅުންތެރިންނަށް އެކިއެކި ފުރުސަތުތައް ހޯދައިދިނުމުގެ މަގްސަދުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި ކްލަބެކެވެ.

comment ކޮމެންޓް