އައްޑު އާއި ތިނަދުއަށް ބޯކޮށް ވާރޭ ވެހި ބައެއް ގެތަކަށް ފެން ވަދެއްޖެ

ތިނަދުއަށް މިއަދު ކުރި ވިއްސާރާގައި ގެއްގެ ތެރެއަށް ފެންވަދެފައި --- ފޮޓޯ: ފުލުހުން

އައްޑޫ ސިޓީ އާއި ގދ. ތިނަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.

މިއަދު ކުރި ވިއްސާރައިގައި އައްޑޫ ސިޓީ އާއި ތިނަދޫގައި ފެން ބޮޑުވުމުގެ ސަބަބުން އެ ދެ ރަށަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށް ފުލުހުންނާއި ސިފައިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީއަށް މިއަދު ކުރި ވިއްސާރާގައި ގެއްގެ ތެރެއަށް ފެންވަދެފައި --- ފޮޓޯ: ފުލުހުން

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫ ސިޓީއަށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ހިތަދޫ ދެ ގެ އަކާއި ފޭދޫ ދެ ގެއްގެ އިތުރުން ހުޅުދޫ ދެ ގެއަކަށް ފެން ވަދެފައިވާ ކަމަށާއި ނަމަވެސް އެއްވެސް ގެ އެއްގެ ހިފާ ގެންގުޅޭ އެއްޗަކަށް ގެއްލުން ލިބިފައިނުވާ ކަމަށެވެ.

އައްޑޫ ސިޓީގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ހުޅުދޫ އާއި މީދޫގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި ތިނަދޫގައި ވެސް ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ތިނަދުއަށް މިއަދު ކުރި ވިއްސާރާގައި ގެއްގެ ތެރެއަށް ފެންވަދެފައި --- ފޮޓޯ: ފުލުހުން

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ހެނދުނު ވަނީ ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގާތްގަޑަކަށް ސާޅީސް މޭލަށް ވައި ގަދަ ވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.

comment ކޮމެންޓް