ޕްރިންސް ހެރީއާއި މޭގަން މާކްލް ކައިވެނި ބައްލަވައިގެންފި

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ކުރައްވަނީ -- ފޮޓޯ: ޕީއޭ

އިނގިރޭސި ރާނީ އެލިޒަބެތު ދެވަނައިގެ މާމަ ދަރިކަލުން ޕްރިންސް ހެރީ އާއި އެމެރިކާގެ ފިލްމީތަރި މޭގަން މާކްލް މިއަދު ކައިވެނި ބައްލަވައިގެންފިއެވެ.

ދެ ބޭފުޅުންގެ ކައިވެންޏާއެކު ޕްރިންސް ހެރީއަށް ވަނީ ޑިއުކް އޮފް ސަސެކްސްގެ ލަގަބު އަރުވާފައެވެ. އަދި މޭގަންއަށް ޑަޗެސް އޮފް ސަސެކްސްގެ ލަގަބު އެރުވުމާއެކު، މޭގަން ވަނީ ޝާހީ އާއިލާގެ މެމްބަރަކަށްވެ ވަޑައިގެންފައެވެ.

އިނގިރޭސިވިލާތުގެ ވިންޑްސާ ކާސަލްގައި މިއަދު ބޭއްވި ކައިވެނީގެ ރަސްމިއްޔާތުގައި ރާނީ އެލިޒަބެތާއި ފިރިކަލުން ޕްރިންސް ފިލިޕް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މޭގަންގެ މަންމަ، ޑޯރިއާ ރެގްލޭންޑް އެރަސްމިއްޔާތުގައި ބައިވެރިވެލެއްވި ނަމަވެސް، ސިއްހީ ސަބަބުތަކާ ހެދި މޭގަންގެ ބައްޕައަށް އެހަފްލާގައި ބައިވެރިނުވެވުނެވެ.

އޭގެ ސަބަބުން ކައިވެނީގެ ހަފްލާގައި މޭގަންގެ ބައްޕަގެ ދައުރު އަދާ ކުރެއްވީ ހެރީގެ ބައްޕާފުޅު، އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްއެވެ.

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ކުރައްވަނީ -- ފޮޓޯ: ރޮއިޓާސް

އެ ރަސްމިއްޔާތަށް 2،000 އަށް ވުރެ ގިނަ މީހުންނަށް ދައުވަތު އެރުވި އިރު އޭގެ ތެރޭގައި އިންދިއާގެ ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ، އިނގިރޭސި ފިލްމީތަރި ޖޯޖް ކްލޫނީ އަދި އަނބިކަނބަލުން ބައިނަލްއަގުވާމީ ވަކީލާ އާމާލް ކްލޫނީ އަދި އިނގިރޭސި ފުޓުބޯޅަ ތަރި ޑޭވިޑް ބެކަމްއާއި އޭނާގެ އަންހެނުން ލަވަކިޔުންތެރިޔާ ވިކްޓޯރިއާ ބެކަމް ހިމެނެއެވެ.

މީގެ އިތުރުން މޭގަން އާއި ހެރީ ފެންނާނެ ކަމުގެ އުންމީދުގައި އެތައް ހާސް ބަޔަކު ވިންޑްސާ ކޭސަލް ކައިރިއަށް އެއްވި އިރު ދުނިޔޭގެ އެކި ސަރަހައްދުތަކުން ޝާހީ ކައިވެނި ލައިވްކޮށް ބަލާ މީހުންގެ އަދަދު ތިން ބިލިއަނަށް އަރާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ލަފާ ކޮށްފައިއެވެ.

އެމެރިކާގެ ޓީވީ ސީރީސް، ސޫޓްސްއިން މަގުބޫލުކަން ހޯދި މޭގަންއާއި ޕްރިންސް ހެރީ ކައިވެނި ބައްލަވައިގަންނަން ނިންމެވިކަން އިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 27ގައި އެވެ.

ކައިވެނީގެ ހަފްލާތައް ރާވާ ކުންފުންޏެއް ކަމަށްވާ ބްރައިޑްބުކްއިން ލަފާ ކުރާ ގޮތުގައި ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެންޏަށް ކުރާ ހަރަދުތަކުގެ އަގު 42.8 މިލިއަން ޑޮލަރަށް އަރާނެއެވެ. އޭގެ ތެރެއިން ބައެއް ހަރަދުތައް ޝާހީ އާއިލާއިން ހަމަޖައްސާނެ ކަމަށް ބުނެފައިވާ އިރު އެހެން ކަންތައްތަކަށް ހަރަދު ކުރާނީ ޓެކްސް ފައިސާއިންނެވެ.

comment ކޮމެންޓް