އިސްރާއީލުން ގާޒާގެ ރައްޔިތުންގެ ގަޔަށް ބަޑިޖެހި މައްސަލަ އދ.އިން ތަހުގީގު ކުރަނީ

ގާޒާގެ މުޒާހާރާ ތެރެއަށް އިސްރާއީލް ސިފައިން ކަރުނަ ގޭސް ޖަހަނީ -- ފޮޓޯ: އޭއެފްޕީ

އދ. (މޭ 19): އިސްރާއިލާއި ގާޒާ ގުޅޭ ބޯޑަރު ކައިރީ މުޒާހަރާ ކުރަމުން ދިޔަ ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖަހާ ޝަހީދުކޮށްލި މައްސަލަ ތަހުގީގު ކުރަން އދ.އިން ނިންމައިފި އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އިއްޔެ ވަނީ އެހާދިސާ މިނިވަންކަމާ އެކު ތަހުގީގު ކުރަން ބައިނަލްއަގުވާމީ ޓީމެއް ފޮނުވުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ. އެގަރާރާ އެއްކޮޅަށް 29 މެމްބަރުން ވޯޓު ދިން އިރު އެމެރިކާ އާއި އޮސްޓްރޭލިއާ އިން ވަނީ ގަރާރާ ދެކޮޅަށް ވޯޓު ދީފަ އެވެ. އަދި އެވޯޓުގައި 14 މެމްބަރުން ބައިވެރިނުވެ އެވެ.

އެގަރާރުގައި ވަނީ މާޗް 30ގައި ގާޒާގައި ފެށި މުޒާހަރާތަކުގެ ބައިވެރިންނަށް އިސްރާއިލް ސިފައިން ދިން ހަމަލާތައް ތަހުގީގުކޮށް، އެ މައްސަލައާ ބެހޭ ރިޕޯޓެއް އަންނަ އަހަރުގެ މާޗް މަހު ހުށަހެޅުމަށް އަންގައިފަ އެވެ.

އދ.އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫއެން ސްޕެޝަލް ރެޕެޓުއާ އޮން ދި ސިޗުއޭޝަން އޮފް ހިއުމަން ރައިޓްސް އިން ފަލަސްތީން، މައިކެލް ލިންކް ވަނީ އިސްރާއީލުން ގާޒާގެ މުޒާހަރާގައި ބާރުގެ ބޭނުން ކުރުމަކީ 'ހަނގުރާމައިގެ ޖަރީމާއެއް'ގެ ގޮތުގައި ބެލެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

އދ. ހިއުމަން ރައިޓްސް ކައުންސިލުގައި ނެގި ވޯޓުގައި 29 މެމްބަރުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދީފައި -- ފޮޓޯ: އދ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އެފަދައިން ނިންމީ އެޖަމްއިއްޔާގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރު، ޒައިދު ރާދު އަލް ހުސެއިން، ގާޒާގެ މައްސަލަ ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގު ކުރަން ގޮވާލެއްވި ފަހުންނެވެ. އަދި އިސްރާއީލް ސިފައިން ގާޒާގެ މުޒާހަރާތަކާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި ފަހުންނެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ވަނީ މިދިޔަ ހޯމަ ދުވަހު ގުދުސަށް ބަދަލުކޮށްފަ އެވެ. އަދި އެދުވަހު ގާޒާގެ ބޯޑަރު ކައިރީ ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އިސްރާއީލް ސިފައިން ބަޑި ޖަހާ ފަލަސްތީނުގެ 62 މީހަކު ޝަހީދުކޮށްފައިވެ އެވެ.

އޭގެ ސަބަބުން 'ގްރޭޓް މާޗް އޮފް ރިޓާން'ގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުން ފެށި މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 106އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 15 ކުޑަކުދިން ހިމެނެ އެވެ. އަދި އިސްރާއީލް ސިފައިން ދިން ހަމަލާތަކުގައި އަނިޔާވި މީހުންގެ އަދަދު ވަނީ 12،000 އަށް ވުރެ އިތުރުވެފަ އެވެ.

އެމުޒާހަރާތައް ފެށީ މިމަހުގެ 15 ވަނަ ދުވަހު ފާހަގަ ކުރާ ނަގްބާ ދުވަހާ ދިމާކޮށެވެ. އެއީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން އެބިން ދޫކޮށް ދާން ޖެހުނު ދުވަހެވެ. (އަލްޖަޒީރާ)

comment ކޮމެންޓް