ޝާހީ ކައިވެނި މިއަދު، އެތައް މިލިއަން މީހުން މަގުތައް މައްޗަށް

ޕްރިންސް ހެރީ އަދި މޭގަން މާކްލް ---

އިނގިރޭސިވިލާތަށް މިއަދަކީ ބޮޑު ދުވަހެކެވެ. ޕްރިންސް ހެރީއާއި މޭގަން މާކަލްގެ ކައިވެނި ކުރެވޭ ދުވަހެވެ. އެގައުމުގެ ގަޑިން މިއަދު މެންދުރު ފަހު އެކެއް ޖަހާއިރު ކުރެވޭ މި ކައިވެންޏާއި، ކައިވެންޏާ ގުޅިގެން ބާއްވާ ހަރަކާތްތައް ބެލުމަށް އެތައް މިލިއަން ބަޔަކު ޓީވީތައް ދޮށަށް ޖަމާވާނެ ކަމަށް ވަނީ ބެލެވިފައެވެ. މީގެ އިތުރުން ވިންޑްސާ ކާސްލް ހިމެނޭ ސަރަހައްދުގައި ރެއިން ފެށިގެން ރައްޔިތުން އެއްވެފައިވާކަމަށް ހަބަރުތައް ބުނެއެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި މޭގަންގެ ބައްޕައަށް ބައިވެރިއެއް ނުވެވެއެވެ. ދާދި ފަހުން ހާޓް އެޓޭކެއް ޖެހި އެކަމަށް މޭގަންގެ ބައްޕަ ފަރުވާ ހޯދަމުން ދާތީ، ކައިވެނީގެ ކަންތަކުގައި މޭގަންގެ ބައްޕައެއްގެ ރޯލު އަދާކުރައްވާނީ ޕްރިންސް ހެރީގެ ބައްޕާފުޅު، ޕްރިންސް ޗާލްސްއެވެ.

ކައިވެނީގެ ކަންތައްތައް އެންމެ ގާތުން އަދި ސާފުކޮށް ފެންނާނެ ތަންކޮޅެއް ހޯދުމަށް އިނގިރޭސިވިލާތުގެ ބައެއް ރައްޔިތުން ރޭ ނިދީ ވިންޑްސާ ކާސްލް ހިމެނޭ ސަރަހައްދުގެ މަގުމަތީގައެވެ.

ކައިވެންޏަށް ދައުވަތު ދީފައި ވަނީ އާންމުންގެ 1،200 މީހުންނަށާއި ހާއްސަ 600 މީހުންނަށެވެ. އާންމުންގެ މީހުންގެ ތެރޭގައި ކޮމިއުނިޓީ ވޯކަރުންނާއި ވޮލަންޓިއަރުން ހިމެނެއެވެ. މީގެ އިތުރުން މަޝްހޫރު ގިނަ މޫނުތައް ޝާހީ ކައިވެނިން ފެންނާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓީވީ މެދުވެރިކޮށްވެސް ރަސްމިއްޔާތު ދައްކާނެއެވެ. ބީބީސީގެ އިތުރުން ބީއޭސީ، އެންބީސީ އަދި ސީބީސީއަށް ޓިއުން ކޮށްލާށެވެ.

comment ކޮމެންޓް