ޓެރަރިސްޓު ގައުމެއް ގުދުސަށް ވެރިވެގަތުމުގެ ފުރުސަތު ނުދޭނަން: އުރުދުޣާން

އުރުދުޣާން ސަމިޓްގައި ވާހަކަ ދައްކަވަނީ

އިސްތަންބޫލް (މޭ 19): ޓެރަރިސްޓު ގައުމަކާއި ޓެރަރިޒަމަށް ވާގިވެރިވާ ދުނިޔޭގެ ބޮޑު ބާރެއްގެ އިސްތިއުމާރުގެ ދަށުގައި ގުދުސް އޮތުވުމުގެ ފުރުސަތު ނުދޭނެކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ،

އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިސްތަންބޫލްގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ)ގެ އިސްވެރިންގެ ކުއްލި ސަމިޓުގައި އުރުދުޣާން ވިދާޅުވީ އިސްރާއީލުގެ ޓެރަރިސްޓު އަމަލުތަކަށް އެމެރިކާއިން ހިތްވަރުދޭ ނަމަވެސް މުސްލިމުން ބިރު ނުގަންނާނެ ކަމަށެވެ. އަދި އިސްރާއީލާ ދެކޮޅަށް ހަތިޔާރަކާ ނުލާ ފަލަސްތީނުގެ ރައްޔިތުން ނުކުތުމުން އެކަން މުޅި ދުނިޔެއަށްވެސް ހާމަވެފައި ވާ ކަމަށެވެ.

އުރުދުޣާން މި އިޝާރާތް ކުރައްވަނީ ގާޒާގެ ސަރަހައްދީ ރޮނގުގައި އިސްރާއީލާ ދެކޮޅަށް މިދިޔަ ހޯމަ ދުވަހު މުޒާހަރާކުރި ފަލަސްތީނުގެ އާންމުންނަށެވެ. އިސްރާއީލު ވަނީ މުޒާހަރާ ކުރި ފަލަސްތީނުގެ އާންމުންގެ ގަޔަށް ބަޑިޖަހައި އޭގެ ތެރެއިން 62 މީހުން ޝަހީދުކޮށް، 2،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައި ބިރުވެރި ގަތުލުއާންމެއް ހިންގާފައެވެ.

އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރި ކުރުމާއި އެމެރިކާއިން އިސްރާއީލުގެ ޓެރަރިޒަމަށް އެހީތެރިވުމަކީ އިސްލާމީ ގައުމުތަކުން އެމެރިކާއާ ދެކޮޅަށް ތެދުވެ ފިޔަވަޅު އަޅަންޖެހޭނެ ކަމެއް ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމްދުﷲ ވިދާޅުވީ އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްތިއުމާރީ ބާރެއް ކަމަށާއި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ކުރިމަތިލުމުގައި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ކުރުމުގެ ހައްގާއި އިހުތިޔާރު ފަލަސްތީނަށް ލިބިގެންވާ ކަމުގައެވެ.

ރޫޙާނީ ސަމިޓްގައި ވާހަކަ ދައްކަވަނީ

މިޖަލްސާގައި ވާހަކަ ދައްކަވަމުން އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އެމެރިކާއިން އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތަކަށް ވާގިވެރިވާ މައްސަލާގައި އިސްލާމީ ގައުމުތައް ގުޅިގެން އެމެރިކާއާ ދެކޮޅަށް ކޯލިޝަނެއް އުފެއްދުމަށް ގޮވާލައްވާފައެވެ. އެމެރިކާ ބޮއިކަޓްކޮށް އެމެރިކާއާ ދެކޮޅަށް އދގެ މަހްފަލްތަކުގައި މިކޯލިޝަނަށް ހަރަކާތެރިވެދިދާނެ ކަމަށާ އަދި އެމެރިކާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް މިކޯލިޝަނުން އެޅިދާނެކަމަށް ރޫހާނީ ވިދާޅުވިއެވެ.

އަދި އެމެރިކާއަކީ ބައިނަލްއަގްވާމީ އަމާނާއި ސުލްޙައަށް އޮތް އެންމެ ބޮޑު ބިރުކަމަށް އިޝާރާތް ކުރައްވަމުން އެމެރިކާއާއި އިސްރާއީލުގެ މަގްސަދަކީ މުޅި އިސްލާމީ ދުނިޔޭގައި ހަނގުރާމައާއި ފިތުނަ އުފައްދައި މުސްލިމުން ހަލާކު ކޮށްލުންކަމަށާ މީގެ ބޮޑުބައެއް މިހާރުވެސް އެދެގައުމުން ތަންފީޒުކޮށްފައިވާ ކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގައި އަވަށްޓެރި އަރަބި ގައުމުތަކަށް އިސްރާއީލުން އުދުވާނީ ހަމަލާތައް ދެނީ އެމެރިކާގެ އެންގުމުގެ މަތިންކަން ވެސް ރޫހާނީ ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރި މައްސަލާގައި ބޭއްވި މިސަމިޓުން ނެރުނު ބަޔާނުގައި އެމެރިކާގެ އެމްބަސީ ގުދްސަށް ބަދަލުކުރި ނަމަވެސް ގުދްސުގެ ހާލަތު ބަދަލު ނުވާނެކަމާއި ގުދުސް އަބަދުވެސް އޮންނާނީ އިސްލާމީ މުގައްދަސް ސިޓީއެއްގެ ގޮތުގައި ފަލަސްތީނުގެ ދާއިމީ ވެރިރަށުގެ ގޮތުގައިކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި އިސްރާއީލުގެ ކިބައިން ގުދުސް މިނިވަންކުރާނެ ކަމަށްވެސް ސަމިޓުން ނެރުނު ބަޔާން ބުނެއެވެ.

އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓްގެ ބައިވެރިން

މެދުއިރުމަތީގެ ސުލްހައިގާ އެމެރިކާގެ ދައުރެއް ނެތްކަން ބަޔާންކުރަމުން އެމެރިކާގެ ދައުރަކީ އިސްރާއީލު ހިންގާ ޣައިރު ގާނޫނީ އަމަލުތަކާއި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގެ އިސްތިއުމާރީ ހަރަކާތްތަކަށް އެހީތެރިވުން އެކަނިކަންވެސް ސަމިޓްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މިމަހުގެ 14 ވަނަ ދުވަހު ގާޒާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އިސްރާއީލުން ގަތުލުއާންމު ހިންގައި ފަލަސްތީނުގެ 62 މީހުން ޝަހީދުކޮށްލި ޖަރީމާ އދއިން މުސްތަގިއްލު ގޮތެއްގައި ތަޙްގީގުކުރުމަށްވެސް ސަމިޓުގެ ބަޔާން ގޮވާލާފައިވެއެވެ. ފަލަސްތީނުގެ މައްސަލަ ހައްލުކުރެވޭނީ ގުދުސްގެ އިރުމަތީ ބައި ހިމެނޭގޮތަށް ހުޅަނގު އައްސޭރިއާއި ގާޒާގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފައްދައިގެން ކަމަށާ އެނޫން ހައްލެއް އިސްލާމީ ގައުމުތަކުން ގަބޫލުނުކުރާނެކަންވެސް ބަޔާންކޮށްފައިވެއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތަކާއި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށްވެސް ގޮވާލާފައިވެއެވެ.

މިސަމިޓްގައި އިސްރާއީލާ ސިއްރިޔާތުގައި ގުޅުންތައް ބަދަހިކުރަމުން ގެންދާކަމަށް އަޑުއަރާފައިވާ ސައުދީ އަރަބިއްޔާއާއި ޔޫއޭއީއާއި ބަހްރައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި އިސްރާއީލާއެކު ގުޅުންތައް ގާއިމްކޮށްފައިވާ މިސްރުގެ ރައީސްވެސް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް