ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ބަންގާޅު ގައުމީ ޓީމުގެ ކޯޗަކަށް އިނގިރޭސިވިލާތުގެ ޖޭމީ ޑޭ

ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗު އިނގިރޭސިވިލާތުގެ ޖޭމީ ޑޭ ---

މިއަހަރު އޮންނަ ސާފް ސުޒުކީ ކަޕަށް ތައްޔާރުވަމުންދާ ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް އިނގިރޭސިވިލާތުގެ ޖޭމީ ޑޭ ހަމަޖައްސައިފިއެވެ.

ބަންގާޅުގެ ކޯޗަކަށް ހަމަޖެއްސި ޖޭމީ ޑޭއަކީ އިނގިރޭސިވިލާތުގެ އެކިއެކި ޑިވިޝަންތަކުގެ ކްލަބުތަކަށް ކުޅުނު ކުޅުންތެރިއެކެވެ. އެގޮތުން އިނގިރޭސިވިލާތުގެ 18 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅުނު ޖޭމީ ޑޭ ވަނީ އާސެނަލާއި ބޯންމައުތަށްވެސް ކުޅެފައެވެ.

އަނިޔާގެ ސަބަބުން ކުޅުންތެރިއެއްގެ ކެރިއަރު މަޑު ޖެހިލުމުން ޖޭމީ ޑޭ ނުކުތީ ކޯޗިން އަށެވެ. އެގޮތުން އޭނާ ވަނީ އާސެނަލާއި ޗާލްޓަން އެތުލެޓިކްގެ ޔޫތު ޓީމުގެ ކޯޗުކަންވެސް ކޮށްފައެވެ.

ޔޫއެފާ އޭ ލައިސަންސް އޮންނަ ޖޭމީ ޑޭ ބަންގްލަދޭޝްއާ ހަވާލުވެފައި މިވަނީ ޓީމުގެ ކޯޗު ކަމުގައި 2017 ވަނަ އަހަރުން ފެށިގެން ހުރި އިނގިރޭސިވިލާތުގެ އަންދްރޭ އޯޑުގެ ބަދަލުގައެވެ. 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ ގައުމުގެ ގައުމީ ޓީމަށް ބިދޭސީ ހަތަރު ކޯޗަކު އިރުޝާދު ދީފައިވެއެވެ. އެގޮތުން ސްޕެއިންގެ ގޮންޒާލޯ ސަންޗޭޒް މޮރޭނޯއާއި ނެދަލޭންޑްސްގެ ލޮޑެވިކް ޑިކްރަސްފް އަދި ބެލްޖިއަމްގެ ޕްރޯ ލައިސަންސް ކޯޗު ޓޮމް ސެއިންޓްފީޓްވެސް ހިމެނެއެވެ.

ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް ވާދަކުރަން ޖެހޭނީ ބޫޓާނާއި ޕާކިސްތާންގެ އިތުރުން ނޭޕާލާއެވެ. ބަންގްލަދޭޝްއަށް އެންމެފަހުން ސާފް ޗެމްޕިއަންޝިޕްގެ ތަށި ލިބިފައިވަނީ 2003 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2005 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ބަންގްލަދޭޝް ދަތުރުކޮށްފައިވާ އިރު، އޭގެ ފަހުން ކުޅުނު ފަސް މުބާރާތުގެ ތެރެއިން ގްރޫޕް ސްޓޭޖު ފަހަނައަޅާ ދޔައީ 2009 ވަނަ އަހަރު އެގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އެކަންޏެވެ.

comment ކޮމެންޓް