ރޯދަ މަސް ނިމެންދެން ގާޒާ ބޯޑަރު ހުޅުވާފައި ބެހެއްޓުމަށް މިސްރުން ނިންމައިފި

މިސްރާއި ގާޒާއާ ދެމެދު އޮންނަ ރަފަހް ބޯޑަރު އާއްމުކޮށް އޮންނަނީ ބަންދުކޮށްފައި --

ގާހިރާ (މޭ 18): މިސްރާއި ގާޒާއާ ދެމެދު އޮންނަ ރަފަހް ބޯޑަރު ރޯދަމަސް ނިމެންދެން ހުޅުވާފައި ބެހެއްޓުމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އަމުރު ކުރައްވައިފި އެވެ.

ސީސީގެ ރަސްމީ ޓުވިޓާ އެކައުންޓުގައިވާ ގޮތުން ބޯޑަރު ހުޅުވާފައި ބެހެއްޓުމަށް ނިންމެވީ "ގާޒާގެ ރައްޔިތުންގެ ބުރައަށް ލުޔެއް ހޯދައިދިނުމުގެ" ގޮތުންނެވެ.

ފަލަސްތީނުގައި އިއްޔެ ރޯދަ މަސް ފެށުނީ ގާޒާގައި މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އިސްރާއީލް ސިފައިން ހަމަލާދީ 60 މީހަކު ޝަހީދުކޮށްލި ފަހުންނެވެ. އެމުޒާހަރާތަކުގައި ފަލަސްތީނުގެ ރައްޔިތުން ވަނީ އެމީހުންގެ ކާބަފައިންގެ ބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ، އިސްރާއީލްގެ ބޯޑަރު ހުރަސް ކުރަން މަސައްކަތްކޮށްފަ އެވެ.

ރަފަހް ބޯޑަރަކީ ގާޒާގެ ރައްޔިތުންނަށް ކާނާ އާއި ބޭހާއި ތެޔޮ ފަދަ ތަކެތި އެތެރެ ކުރަން މުހިއްމު ބޯޑަރެކެވެ. ނަމަވެސް 2014 ވަނަ އަހަރު މިސްރުގެ ސައިނާގައި ދިން ޓެރަރިސްޓު ހަމަލާއަކާ ގުޅިގެން މިސްރުން ވަނީ ރަފަހް ބޯޑަރު ދާއިމީ ގޮތެއްގައި ބަންދު ކުރަން ނިންމައިފަ އެވެ. އަދި އެބޯޑަރު ހުޅުވާނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެކަނި ކަމަށް ބުނެފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް