އޮންލީގެ ފުޓްސަލް ކެރިއަރު: ހުއްޓާނުލާ ކުރި ހިތްވަރުގެ ނަތީޖާ!

އޮންލީ: ކްލަބު މޯލްޑިވްސް ކަޕް މެޗެއްގެ ތެރެއިން --- ފޮޓޯ/ ކްލަބު މޯލްޑިވްސް ކަޕް

ލ. ގަމުން ރާއްޖޭގެ ފުޓްސަލްއަށް ނެރުނު ހުނަރުވެރިންގެ ލިސްޓްގައި "އެއްވަނަ"އަކީ ހުސައިން ޝަރީފް (އޮންލީ)އެވެ. އުމުރުން 25 އަހަރުގެ އޮންލީއަކީ މިހާރު ދިވެހިރާއްޖޭގެ ފުޓްސަލްގައި އެންމެ ވަރުގަދަ ނަމެވެ. މާލެގައި އެކަންޏެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް އޮންލީއަކީ ފުޓްސަލްގައި މިހާރު އެންމެ ފަރިތަ ނަމެވެ.

އުފަން ރަށުގައި 2012 ވަނަ އަހަރުން ފެށިގެން ފުޓްސަލް ކުޅެން ފެށި އޮންލީ، މިއަދު ހުރީ މުޅި ރާއްޖޭގެ "ތަރި"އެއްގެ ގޮތުގައެވެ. ފުޓުބޯޅައިން ފުޓްސަލްއަށް ކެރިއަރު ބައްޓަން ކޮށް، މިއަދު އޭނާއަކީ ފުޓްސަލްގައި ކާމިޔާބު ކެރިއަރެއް ބިނާ ކުރާ އުންމީދީ ކުޅުންތެރިއެކެވެ.

އަމިއްލަ ރަށުން ފުރަަތަމަ ފެށީ ފުޓުބޯޅައިންނެވެ. ފުޓުބޯޅައިގެ ތެރެއިން ފުޓްސަލްއަށް ކެރިއަރު ބަދަލުކޮށްލީ ފުޓްސަލްއަށް ދެވެނު ހާއްސަ ލޯތްބެއްގެ ސަބަބުންނެވެ.

"ފުޓްސަލްގެ ގޭމް މާބޮޑަށްވެސް ހިތްހަމަ ޖެހޭ ފުޓުބޯޅައަށްވުރެ. އަނިޔާވުމުގެ ފުރުސަތުވެސް ވަރަށް ކުޑަ ފުޓްސަލްގައި. އެންމެ މުހިއްމު ކަމަކީ، އޮންލީއަށް މޮޅަށް ކުޅެވެނީވެސް ފުޓްސަލް،" ފުޓުބޯޅައިން ފުޓްސަލްގެ ތެރެއަށް އޭނާ ވަދެގެން އައި ގޮތް އޮންލީ ކިޔައިދިނެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި ތިލަފުށީ ކޯޕަރޭޝަންގެ ކެޕްޓަން ބޭންޑް އެޅި އޮންލީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަމިއްލަ ރަށުގައި އެކުވެރި ރައްޓެހިންނާއެކު ކުޅެމުންދިޔަ އޮންލީގެ ހުނަރު، އެންމެ ފުރަތަމަ އަޅައިގަތީ އަހުމަދު ރަޝީދު (ބަޖީ)ގެ ލޮލުގައެވެ. ބަޖީގެ އެދުމުގެ މަތިން މާލެ އައިސް ކެރިއަރެއްގެ ބިންގާ އެޅި އޮންލީގެ ކާމިޔާބީގެ ފަހަތުގައި ތިބި އެތައް ބައެއްގެ ތެރެއިން ބަޖީގެ ނަމަކީ އޮންލީއަށް ވަކިން ހާއްސަ ނަމެކެވެ.

"ރަށުގައި ތިބި ހުރިހާ އެންމެންވެސް ފުޓްސަލްގެ ތެރެއަށް ނެރެގެން މާލެ ގެނެސް ކުޅުވަން ފެށީ ބަޖީ. އެހާ ހިސާބުން މީގެ ތެރެއަށް ވަދެވި، ރަނގަޅަށް ދަސްވީ ފުޓްސަލް. ވަރަށް ބޮޑަށް ލޯބި ޖެހުނު އެހިސާބުން،" އޮންލީ ބުންޏެވެ.

ވަޒީފާ ދޫކޮށް، ފުޓްސަލްއިން ކާމިޔާބު ކެރިއަރެއަރެއް ބިނާ ކުރުމަށް އޮންލީ މާލެއައީ އަތުގައި މާ ގިނަބައިވަރުތަކެއް އޮވެގެން ނޫނެވެ. ދިރިއުޅުމަށް ވާން ޖެހުނު ގުރުބާނީތައް ވުމަށް ތައްޔާރަށް ހުރެގެންނެވެ. ކެރިއަރު ކާމިޔާބު ކުރުމަށް ކޮންމެ ހާލެއްގައިވެސް ބުރަ މަސައްކަތްތައް ކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

"އަސްލު ވަރަށް އުނދަގޫވި. ރަށުގައި ފުޓްސަލް ކުޅޭ ގޮތާ މިކޮޅުގައި ކުޅޭ ގޮތާ ވަރަށް ތަފާތު. އެންމެ އުނދަގޫވި ކަމަކީ ފައުލް ވާލެއް އަވަސްވުން. މިކޮޅުގައި ވާނެ ގޮތަކީ ޖެހިލާއިރަށް ފައުލްވާނެ. އަސްލު ވަޒީފާވެސް ދޫކޮށްލައިފައި އައުމަކީ ވަރަށް ބޮޑު ކަމެއް. ހަމަ ބަޖީގެ އެހީތެރިކަން އެއީ. ދެން އޭރު ކުޅުނު ޓީމުގެ ކީޕަރުވެސް އެހީތެރިކަން. ވަރަށް ކިޔައިދިން، ވަރަށް އުޅެގެން ދަސްވީވެސް. ތިން މުބާރާތް ކުޅުނު ފަހުން މީގެ ތެރެއަށް ވަދެވުނީވެސް،" އޮންލީ މާލޭގައި އޭނާ ކުރި ފުރަތަމަ ތަޖުރިބާ ކިޔައިދިނެވެ.

އޮންލީގެ ފުޓްސަލް ކެރިއަރު ފެށުމަށް ތަކުލީފުތަކާ ކުރިމަތިވީ ހަމައެކަނި ދަނޑުމަތިން އެކަންޏެއް ނޫނެވެ. ފުޓްސަލްއަކީ އޭނާގެ ދިރިއުޅުމަށް އިންގިލާބެއް ގެނުވި ކުޅިވަރެވެ.

"އެއްވެސް ކަމެއް އުނދަގުލެއް ނުވާނެ މަސައްކަތް ކުރީމަ. އެކަމަކުވެސް މިއީ ވަރަށް ބޮޑު ކަމެއް. އަސްލު ފަސޭހަކަމެއް ނޫން. ރިސްކެއް ދޯ.... ޖޮބް ދޫކޮށްކޮށްލައިފައި އައުމަކީ. ރިއްޕެއާ ބަޖީގެ އެދުމުގެ މަތިން އައީ. ރިއްޕެއަކީ އޮންލީ ވަރަށް އިހުތިރާމް ކުރާ މީހެއް އަސްލު. ރިއްޕެ ދިން ޔަގީން ކަމަކަށް އައީ. އޭނާ ކުރި އިތުބާރަށް.... އޭނާ ބުނީ ރަށުގައި ހުރެގެން ލިބޭ 3000ރ އަށްވުރެ ގިނައިން ލިބޭނެއޭ ކުޅެން މާލެ އައިމަ،" އޮންލީ އޭނާގެ ފުޓްސަލް ކުޅުނު ފުރަތަމަ ދުވަސްކޮޅުގެ ވާހަކަ ކިޔައިދިނެވެ.

އޮންލީ: ކާމިޔާބަށް ވާސިލްވުމަށް އޭނާގެ އެންމެ މުހިއްމު ވިސްނުމަކީ ހިތްވަރު އެލުވާ ނުލުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"ފުރަތަމަ ކުޅުނު ދެ މުބާރާތްވަރު ވަރަށް ދަށްކޮށް ދިޔައީ. އެކަމަކު ދޫނުކޮށް މަސައްކަތް ކުރީ. ދެ މުބާރާތަށްފަހު ތިންވަނަ މުބާރާތް ކުޅުނީމަ ކުޅޭ ހިތްވީ. ފުރަތަމަ އައިސްފަ އެއް މަސް ވަންދެން ރޫމެއް ކުއްޔަށް ހިފައިގެން އުޅުނީ. އެވެސް ބަޖީގެ އެހީތެރިކަން. އަސްލު އޭނާގެ އެހީތެރިކަމުން މިއަދު މިހުރި ހިސާބަށް އާދެވުނީ. އަދި ހަމަ މަންމައާއި ބައްޕަގެވެސް އެހީތެރިކަން،" އޮންލީގެ ކެރިއަރުގެ ކާމިޔާބީއަށް އޭނާ ފެށި ދަތުރުގެ އެންމެ ފުނަށް ޖެހިލިއެވެ.

އޮންލީގެ ދިރިއުޅުން ބަދަލުކޮށްލީ ފުޓްސަލްއެވެ. މިހާރު އޭނާއަށް ތިން މަސްތެރޭގައި 20000ރގެ ތިން މުބާރާތް އާއްމުކޮށް ކުޅެލަން ލިބުމަކީ އޭނާގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ފުޓްސަލް މުބާރާތެއް ބޭއްވިޔަސް، އޮންލީއަށް ޓީމުތައް ލޯ އަޅާ ސަބަބަކީ އަދިވެސް އޭނާގެ ކެރިއަރަށް ބުރަކޮށް ކުރާ މަސައްކަތެވެ.

އެއްވަރެއްގައި ކުޅުން ހިފެހެއްޓުން - ކުރިމަގަށް ކުރާ އުންމީދު

ނޭމާ ޖޫނިއާސް ފައިވްގައި ވާދަކުރުމަށް ބްރެޒިލަށް މިދިޔަ އަހަރު ދިޔަ ކްލަބު ޓީނޭޖްގެ ޓީމު: ޓީމުގައި އޮންލީ ހިމެނޭ --- ފޮޓޯ/ ރެޑްބުލް

އޮންލީގެ ކެރިއަރު ފެށީ ރައްޓެހި ރަހުމަތްތެރިންނާއެކު ރަށުގައެވެ. ފުޓްސަލް ތެރެއަށް އޮންލީ ވަދެގެންއައީ އޭނާގެ ޚާއްސަ ޓީމަކާއެކުގައެވެ. "އައްމަޑޭ، ނާއްޓޯ... ދެން އަޖޭ، މިއީ ފުޓްސަލްއަށް ވަދެވުނު ޓީމު. މިހާރު އެއްކޮށް ކުޅެލަން ލިބެނީ ވަރަށް މަދުން. އެކަމަކު އެ ޓީމަކީ އެއްކޮށް ކުޅެލަން ވަރަށް ފަސޭހަ ޓީމެއް،"

އޮންލީއާއެކު ފުޓްސަލްއަށް ވަދެގެންއައި ލ. ގަމަށް ޚާއްސަ މިއިން ކޮންމެ ކުޅުންތެރިއަކީވެސް މިހާރު ފުޓްސަލްގެ ތަރިއެކެވެ. ރާއްޖޭގެ ލެވެލްގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނެވެ. އެ ރައްޓެހިންނަކީ މިއަދުވެސް އޮންލީ އިންތިހާއަށް ޝުކުރުވެރިވާ ނަންތަކެވެ.

ކެރިއަރުގައި ދަމަހައްޓަމުން އަންނަ ފޯމް ދެމެހެއްޓުމަށް އެކުވެރިންގެ އިތުރުން އޮންލީގެ އާއިލާ ދެގޮތެއްނުވެ ހިތްވަރުދެއެވެ. އޮންލީގެ ފުޓްސަލް ކެރިއަރަކީ އާއިލާގެ ފަޚުރެއް ކަމަށް މުޅި އާއިލާއިން ގަބޫލުކުރުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

"އާއިލާގެ ހުރިހާ އެންމެންވެސް ފަޚުރުވެރިވާނެ ކާމިޔާބީއަށް. ގަބޫލުކުރާނެ ކާމިޔާބީތައް. އުފާކުރާނެ އޮންލީގެ މަސައްކަތަށް. ދެން ރައްޓެހިން. ގޯޅިއަންސް. ގޯޅީގެ ހުރިހާ އެންމެންވެސް. އަނެއްކާވެސް ހަމަ ބަޖީއާއި ރިއްޕެގެ ނަން ވަކިން ހާއްސަވާނެ،" އޮންލީގެ ކެރިއަރު އެއް ލެވެލްއެއްގައި މެއިންޓެއިން ކުރުމަށް އޭނާއަށް އެންމެ އެހީތެރިވެދޭ ފަރާތްތައް އޮންލީ ކިޔައިދިނެވެ.

ދަނޑުމަތީގައި ފިޒިކަލްއަށްވުރެ ބޮޑަށް "މައިންޑް" ރަނގަޅު، ވިސްނުން ތޫނު ކުޅުންތެރިއެއް ގޮތުގައި ފާހަގަކޮށްލެވޭ އޮންލީއަށް ފުޓްސަލްގައި އެންމެ މުހިއްމު ކަމަކީވެސް އިދިކޮޅު ޓީމުގެ ކުޅުން ދަސްކުރުމެވެ. "އިދިކޮޅަށް ކުޅޭ ޓީމު ދަސްނުކޮށް ނުވާނެ. ވިސްނުން ރަނގަޅުވީމަ އަވަހަށް ދަސްވަނީ އިދިކޮޅު ޓީމުގެ ކުޅުން،" އޮންލީ ބުންޏެވެ.

ކެރިއަރުގައި ދުވަހެއް ދުވަހަކަށް ކުރިއެރުމަށް އޮންލީ ބޭނުންކުރާ ސިއްރު "ރެސިޕީ"އަކީވެސް އެއީއެވެ.

"އިދިކޮޅަށް ކުޅޭ ކުޅުންތެރިން ދަސްކުރަން ކުރާ ކަމަކީ. އިދިކޮޅަށް ނުކުންނަން ޖެހުނީމަ ކުރަން ޖެހެނީ ކޮން ކަމެއްތޯ ބަލަނީ. ފޮނި ނުވެ ހުރެވޭތޯވެސް ބަލަން.... މިއީ އަމިއްލައަށް ހޯދި އެއްޗެއް ނޫންކަން ދަނެގެން އުޅެނީ،" އޮންލީ އޭނާގެ "ސީކްރެޓް" ކިޔައިދިނެވެ. ފިޒިކަލީ ފިޓްނަސް ދަމަހައްޓަން އޮންލީގެ މަސައްކަތަކީ "ހުއްޓާ ނުލާ ކުޅުން. ގިނައިން ކުޅުނުވަރަކަށް ގިނަ އެއްޗެހި ދަސްވާނެ" މިއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަން ކްލަބު ޓީސީއެލް: ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ އޮންލީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަމިއްލަ ކެރިއަރު އެންމެ އުހުގައި ހުރި ނަމަވެސް އޮންލީގެ އޮތް ހަމައެކަނި އެދުމަކީ ރަނގަޅު ޕްލެޓްފޯމެއްގައި ގައުމު ތަމްސީލު ކޮށްދެވުމެވެ. ގައުމީ ދިދަ ރަމްޒުކޮށްދިނުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށް ނުދެވުނަސް އޭނާ ވަނީ މިދިޔަ އަހަރު ނޭމާ ޖޫނިއާސް ފައިވްއަށް ރާއްޖެއިން ދިޔަ ކްލަބު ޓީނޭޖު ޓީމުގައި ހިމެނި ރާއްޖެ ފަޚުރުވެރި ކޮށްދީފައެވެ. އަދި މިއަހަރުވެސް އެ މުބާރާތަށް އޮންލީ ދާނެއެވެ.

އެފަދަ މުބާރާތަކަށް ރާއްޖޭގެ ކްލަބެއްގެ ނަމުގައި ދިޔަ ނަމަވެސް، ކެރިއަރަށް އެންމެ މުހިއްމީ ދިވެހި ގައުމީ ފުޓްސަލް ޓީމަށް ފަޚުރުވެރި ވަނައެއް ހޯދުމެވެ.

"ގައުމީ ޓީމަށް ކުޅެވެން އެބައިން މިހާރުވެސް. ފުރުސަތު ލިބުނަސް އޭގައި އިންނަ ގަވާއިދު މައްސަލައަކީ. މިސާލަކަށް ގައުމީ ޓީމަށް މި ޖެހެނީ ތިން މަސް ދުވަހު ފަރިތަކުރަން. އެ ދުވަސްކޮޅު އެހެން މުބާރާތްތައް ކުޅުން މަނާ. ކެރިއަރު އެއްކޮށް މަޑު ޖައްސާލައިފައި އެއްވެސް އެއްޗަކާ ނުލާ ގައުމީ ޓީމަށް ތިން މަސް ދުވަސް ހުސްކޮށްލީމަ ބޮޑެތި މުބާރާތްތަކެއް ގެއްލެނީ. މިއީ ކެރިއަރަށްވީމަ އެހެން ހުސްކޮށް ދޫކޮށްލުމަކީ ވަރަސް ބޮޑު ގެއްލުމެއް،" އޮންލީ ބުންޏެވެ.

ފުޓްސަލްއަކީ އޮންލީގެ ދިރިއުޅުމުގެ ބައެކެވެ. އަހަރަކު 20 ނޫނީ 15އާއި ދޭތެރޭ އަދަދަކަށް މުބާރާތް ކުޅޭ އިރު، މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކާމިޔާބުކުރުމެވެ. ރާއްޖޭގެ އެކި ހިސާބުތަކުން، ގުނާ އަދަދު ނުކުރެވޭހާ ގިނަ ކާމިޔާބީތަކެއް ހޯދި އޮންލީއަށް ހަނދާނުން ފޮހެނުލެވޭނީ އޭނާ ފުޓްސަލްގެ ތެރެއަށް ވަނުމަށް ކުރަ ބުރަ މަސައްކަތެވެ. މިއަދުގެ ކާމިޔާބު ކެރިއަރަށް ނެގި ބޮޑު ފިޔަވަޅެވެ.

ކާމިޔާބަށް އޮންލީ ކުރި ދަތުރު ބުރަ ނަމަވެސް، މިއަދު އޭނާއަށް ލިބޭ ހިތްހަމަޖެހުމަކީ ފަސް ނުބަލާ ކުރިއަށް ދެވުމުން ލިބޭ ހިތްހަމަ ޖެހުމެވެ. ކުރިމަތިވި ހުރަސްތައް ކަޑައްތުކޮށް، ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަ އޮންލީގެ ކެރިއަރުގެ ސިއްރަކީ "ހިތްވަރު" މި ލަފުޒެވެ.

comment ކޮމެންޓް