ރޯދަމަހު ކުނި އުކައިދޭ ވަގުތު އިތުރުކޮށްފި

13 ފެބްރުއަރީ 2017: ކުނި އުކާލަން ހާއްސަ ކޮއްގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގެނައި ވެހިކަލްތައް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރޯދަމަހު މާލޭގެ ގޭބިސީތަކުން ކުނި ނެގުމަށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމެޓެޑް (ވެމްކޯ)އިން ކަނޑައަޅާފައިވާ ގަޑިތަކަށް ބަދަލުގެންސް ވަގުތު އިތުރުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކުރިން ކަނޑައަޅާފައިވާ ގަޑިތަކުގައި މާލޭ ގޭބިސީތަކުން ކުނި ނެގުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، ކުނި ނެގުމަށް ކަނޑައަޅާފައިވާ ގަޑިތައް ދެ ޝިފްޓަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

"ކުނި ނެގުމަށް ކަނޑައަޅާފައިވާ ގަޑިތައް ދެ ޝިފްޓަކަށް އިތުރުކޮށް، 18 މެއި ވާ ހުކުރު ދުވަހުން ފެށިގެން ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ، މެދުންރު 14:00 އިން ހަވީރު 17:00އަށް އަދި ރޭގަނޑު 20:00 އިން ދަންވަރު 00:00އަށް ކަމުގައި ދަންނަވަން،" ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނީ، 1439 ވަނަ އަހަރުގެ ރަމަޟާން މަހުގައި ގޭބިސީތަކުން ކުނި ނެގުމަށް އެންމެ އެކަށީގެންވާ ގަޑިތައް ކަނޑައެޅުމަށްޓަކައި ކަސްޓަމަރުންގެ މެދުގައި ސާވޭއެއް ކުރި ކަމަށެވެ.

އެ ސާވޭއިން ދައްކާ ގޮތުގައި ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަސްޓަމަރުންނަށް އެންމެ ފަސޭހަ ގަޑިތަކަކީ ރޭގަނޑު 20:00 އިން މެންދަމު 00:00އާ ހަމައަށް ކަމަށް ވާތީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޚިދުމަތް ދެމުން އައީ އެ ގަޑިތަކުގައި ކަމަށްވެސް ވެމްކޯއިން ބުންޏެވެ.

"މި ފުރުސަތުގައި ވެމްކޯގެ ކަސްޓަމަރުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން،" ވެމްކޯއިން ބުންޏެވެ.

އެކުންފުނިން ބުނީ، ކުނި ނެގުމުގެ ޚިދުމަތާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، ނުވަތަ އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހޯދަން އެދޭނަމަ ވެމްކޯގެ ހޮޓްލައިން 1666އަށް ގުޅުމަށް އެދޭ ކަަމަށެވެ.

comment ކޮމެންޓް