ނޫރުލް މުބީން ޤުރުއާން މުބާރާތުގެ އެއްވަނަ ކުވައިތަށް، ރާއްޖެއަށް ތިންވަނަ

"އައްނޫރުލް މުބީން"ގެ ނަމުގައި ބޭއްވި ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ޝަރަފްވެރި އެއްވަނަ ހާސިލްކުރި ކުވެއިތުގެ އަބްދުﷲ މުހައްމަދު އަލްހައްޔާތަށް ރައީސުލްޖުމްހޫރިއްޔާ އެވޯޑް ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ޝަރަފްވެރި އެއްވަނަ، އެ މުބާރާތުގައި ކުވެއިތުން ވާދަކުރި އަބްދުﷲ މުހައްމަދު އަލްހައްޔާތު ހޯދައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް، އިސްލާމިކް މިނިސްޓްރީއާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒު އަދި ޕީއެސްއެމް ގުޅިގެން، "އައްނޫރުލް މުބީން"ގެ ނަމުގައި އެ މުބާރާތް ބާއްވާފައިވަނީ މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައެވެ.

އެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި މުބާރާތުގެ އެއްވަނަ އަށް ދިޔަ ބައިވެރިޔާއަށް އެވޯޑް ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމެވެ.

"އައްނޫރުލް މުބީން"ގެ ނަމުގައި ބޭއްވި ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ޝަރަފްވެރި އެއްވަނަ ހާސިލްކުރި ކުވެއިތުގެ އަބްދުﷲ މުހައްމަދު އަލްހައްޔާތު --- ފޮޓޯ/ ޕީއެސްއެމް

މުބާރާތުގެ އެއްވަނަ އިނާމެއްގެ ގޮތުގައި އަލްހައްޔާތަށް ވަނީ 30000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމަކާއި ރައީސްގެ ފަރާތުން ދެއްވައި ހާއްސަ އިނާމުގެ އިތުރުން ތަށްޓާއި ސެޓްފިކެޓް ލިބިފައެވެ.

މުބާރާތުގެ ދެވަނައަށް ހޮވުނީ، ތުރުކީން މުބާރާތުގައި ވާދަކުރި ހަމީދު އަފްޝާރު ޤުރްޖާ އަށެވެ.

އަދި ތިން ވަނައަށް ހޮވުނީ، ރާއްޖޭގެ ފަރާތުން މުބާރާތުގައި ވާދަކުރި އަޝްރަގް ނާޒިރަށެވެ. މުބާރާތުގެ ތިން ވަނަ މަގާމު އަޝްރަގް ހާސިލްކުރިއިރު މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި އޭނާ ތަމްސީލުކޮށް ވާދަކުރި ދެ ވަނަ ފަހަރެވެ.

"އައްނޫރުލް މުބީން"ގެ ނަމުގައި ބޭއްވި ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ދެވަނަ ވަނަ ހާސިލްކުރި ތުރުކީގެ ހަމީދު އަފްޝާރު ޤުރްޖާ --- ފޮޓޯ/ ޕީއެސްއެމް

މުބާރާތުގެ ދެވަނަ އިނާމަކަށް 15000 އެމެރިކާ ޑޮލަރު އަދި ތިން ވަނަ އަށް ދާ ބައިވެރިޔާއަށް 5000 އެމެރިކާ ޑޮލަރު ހުށަހަޅާފައި ވެއެވެ. ދެވަނައާއި ތިންވަނަ ހޯދި ބައިވެރިންނަށް ހަނދާނީ ފިލައާއި ސެޓްފިކެޓާއި ރައީސްގެ ހާއްސަ އިނާމު ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

މިރޭގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޖަޖުންގެ ޕެނަލްގައި ހިމެނިވަޑައިގެންނެވި ފަސް ބޭފުޅުންނަށާއި މުބާރާތުގައި ނުވަ ގައުމަކުން ބައިވެރިވި ބައިވެރިންނަށް ވަނީ ހަނދާނީ ފިލާ އަރުވައިފައެވެ.

"އައްނޫރުލް މުބީން"ގެ ނަމުގައި ބޭއްވި ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ތިން ވަނަ ހާސިލްކުރި ރާއްޖޭގެ އަޝްރަގް ނާޒިރް --- ފޮޓޯ/ ޕީއެސްއެމް

ޖަޖުންގެ ޕެނަލްގައި ހިމެނިވަޑައިގެންނަވަނީ ސޫދާނާއި ޕާކިސްތާނާއި މެލޭޝިއާއާއި ޔަމަނުގެ އިތުރުން ރާއްޖޭގެ ބޭފުޅެކެވެ. އެ ހުރިހާ ބޭފުޅުންނަށް ވެސް ހަނދާނީ ފިލާ އެރުވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

މުބާާރާތުގައި ބައިވެރިވި ހުރިހާ ބައިވެރިންނަށް ހަނދާނީ ފިލާ އެރުވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

comment ކޮމެންޓް