ފަރުމަހުގެ އަގު އުފުލިއްޖެ، ކަނޑުމަހުގެ އަގަށް ބަދަލެއް ނާދޭ!

މާލޭގެ މަސްމާރުކޭޓްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާން މަސް ފެށިގެން ދެވަނަ ރޯދަ މިވަނީ ނިމިފައެވެ. ރޯދަމަހަކީ އަހަރެމެންގެ ކާމޭޒުމަތި ވަރަށް ބޮޑަށް ތިޔާގިކޮށްލާ ދުވަސްވަރެކެވެ. އެގޮތުން ކެއުމުގެ ގިނަ ބާވަތްތަކެއް ތައްޔާރު ކުރުމުގައި މަހުގެ ބާވަތްތައް ވަރަށް ގިނައިން ބޭނުންކުރެއެވެ. އެއާއެކު ރޯދަމަހާ ދިމާކޮށް ތާޒާ މަހަށް އޮންނަ "ޑިމާންޑް"ވެސް އިތުރުވެ، އަގުތަކަށް ބަދަލުތައް އާދެއެވެ.

މިއަދު މާރުކޭޓަށް ވަދެ، ބާޒާރުގައި މަހުގެ އަގުތައް ބަލައިލީމެވެ. މާރުކޭޓަށް ވަދެ މަސްވެރީންނާ ސުވާލުކޮށް މަހުގެ އަގުތަށް އޮޅުންފިލުވާލީމެވެ. މިއަދު މާލޭ މަސް މާރުކޭޓުގައި ކަނޑުމަސް ކިލޯއެއް ހުރީ 50 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގައެވެ. މި މަސްތައް ތާޒާވެފައި ރަނގަޅު ކަމަށް ފެނެއެވެ. މި އަގުގައި ހެޔޮވަރުގެ ކަނޑުމަހެއްގެ އަގު އުޅެނީ 150 ރުފިޔާއާއި 200 ރުފިޔާއާ ދެމެދުގައެވެ.

ކަނޑުމަހުގެ އަގުތަކަށް ބަލާއިރު ރަމަޟާން މަހުގެ ކުރިއާ އަޅާބަލާއިރު އަގުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ރަމަޟާން މަހުގެ ކުރީންވެސް ކަނޑު މަހުގެ އަގުތައް އުޅެނީ 40 ރުފިޔާ އާއި 60 ރުފިޔާއާ ދެމެދުގައެވެ.

މާލޭގެ މަސްމާރުކޭޓްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާރުކޭޓުގައި ތޮއްޖެހިފައިވާ މީހުންތަކުގެ ދެމެދުން، މަޑުމަޑުން ހިނގަމުން މަސްވެރިން ގާތުގައި އެހެން މަސްތަކުގެ އަގުތަށްވެސް ބަލައިލީމެވެ. ކުދި ލައްޓިއާއި ރާގޮނޑި ވިއްކަނީ ކިލޯއެއް 40 ރުފިޔާ އަށެވެ. ކުޑަ ރާގޮނޑިއެއް ވިއްކަނީ 60 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަގު ތަކެއްގައެވެ. އަދި ކަންނެލީގެ އަގުތައް އުޅެނީ ކިލޯއެއް 50 ރުފިޔާއަށެވެ.

މާލޭގެ މަސްމާރުކޭޓްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަނޑުމަހުގެ އަގުތައް ބަލައިލުމަށް ފަހު ދެން ބަލާލީ ހާރުދަމު ސުފުރާމަތި ފަޅުފިލުވާލަދޭ ފިހުނު މަސް ތައްޔާރުކުރަން އެންމެ ގިނައިން ބޭނުންކުރާ ފަރުމަހުގެ އަގުތައް ބަލާލާށެވެ.

މިދުވަސްވަރު މޫސުން ރަނގަޅު ނުވުމުގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން އެހާ ރަނގަޅު ނޫންކަމަށް މަސްވެރިން ބުންޏެވެ. އެހެންކަމުން ފަރުމަހުގެ އަގުތަކަށްވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

މިއަދު މާރުކޭޓުގައި އާދައިގެ ރަތް މަހެއް ވިއްކަނީ 300 ރުފިޔާ އާއި 400 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. އަދި ކުޑަ ފިލޮޅެއް ވިއްކަނީ 40 އަށެވެ. ކުޑަ ފާނައެއް ވިއްކަނީ 30 ރުފިޔާއަށެވެ. މިއީ ހަމަ ރޭ ބާނައިގެން ގެންސްފައި ހުރި ތާޒާ މަސްކަމަށް މަސްވެރީން ބުނެއެވެ.

މާލޭގެ މަސްމާރުކޭޓްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަރުމަހުގެ ބާވަތްތަކަކީ އާންމުގޮތެއްގައި ކަނޑުމަހަށްވުރެ އަގު ބޮޑު މަހުގެ ބާވަތެކެވެ. މަސްވެރިން ބުނާގޮތުގައި ފަރުމަސް ލިބުން ދަތިވާވަރަކަށް އޭގެ އަގުވެސް އުފުލޭނެއެވެ. އެގޮތުން މިހާރު މާރުކޭޓްގައި ފަރުމަސް ވިއްކަން ހުރި އަގުތަކަކީ ރަމަޟާން މަހުގެ ކުރިން ހުރި އަގާ އަޅައިބަލާއިރު 20 ރުފިޔާއާއި 30 ރުފިޔާއާދެމެދުގެ ބޮޑު އަގުތަކެކެވެ.

މާލޭގެ މަސްމާރުކޭޓްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހަކި ކެއުމުގެ ބާވަތްތަކުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. މި ރަމަޟާން މަހުގައި ކާބޯތަކެތި އިސްރާފު ނުވާވަރަށް ތައްޔާރު ކުރުމަކީ ކާބޯތަކެތީގެ އަގު އުފުލެމުންދާއިރު ވިސްނާލަން ރަނގަޅު ކަމެކެވެ.

comment ކޮމެންޓް