އައިޒޯލް މޮޅުވުން ހައްގު، ނިއުއަށް ބޮޑު ގެއްލުމެއް!

ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރުޒޮން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު ފަހު މެޗުން އައިޒޯލް އެފްސީ އަތުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗަށް ނުކުތް އިރު، އަނެއް ބުރަށް ދިއުމުގެ އަމިއްލަ ބާރު އޮތީ ނިއު އަތުގައެވެ. އެއީ ބެންގަލޫރު އެފްސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ނިއުއަށް "ހެޑް ޓު ހެޑް" ނަތީޖާއިން ކުރި ލިބޭތީއެވެ. ނަމަވެސް ރޭގެ މެޗުން ނިއު ބަލިވުމާއެކު ބެންގަލޫރު އެފްސީން ވަނީ ތިން ޕޮއިންޓްގެ ލީޑަކާއެކު ގްރޫޕް ސްޓޭޖު ފަހަނައަޅައި ޖެހިގެން އޮތް ބުރަށް ގޮސްފައެވެ.

ބެންގަލޫރުންރޭ ބަންގްލަދޭޝްގެ ދާކާ އަބަހާނީއާ ދެކޮޅަށް އަވޭގައި ކުޅުނު މެޗު ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި އައިޒޯލުން ލީޑު ނެގީ ލިބުނު ޕެނެލްޓީއެއްގައެވެ. އަދި ނިއުއިން ކުރިއަށް ޖެހިގެން ކުޅުމުގެ ބޭނުން ހިފައި، ކައުންޓާ އެޓޭކް ފުރުސަތުގައި ނިއުއިން ލީޑު ފުޅާވެސް ކުރިއެވެ. މެޗަށް އަނބުރާ ވަނުމަށް ނިއު ކުރި މަސައްކަތުން އެޓީމުގެ ގޯލް މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގެވެ.

ނިއުއާއި އައިޒޯލުން ރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިޒޯލް --- ފޮޓޯ/ އޭއެފްސީ

މެޗަށްފަހު މާޔޫސީ މޫނަކާއެކު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުނެފައިވަނީ އޭއެފްސީ ކަޕުން ކެޓުމަކީ ނިއުއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި، ނިއުއިން މި ސީޒަންގައި އެންމެ މުހިއްމު ކަމެއް ދިނީ އޭއެފްސީ ކަޕަށް ކަމަށެވެ. އަދި އިއްޔެގެ މެޗުން އައިޒޯލް މޮޅުވުން ހައްގު ކަމަށާއި، ބަލިވި ނަމަވެސް ކުޅުންތެރިން ދެއްކި ހިތްވަރު އޮސްކާ ފާހަގަކުރިއެވެ.

އޮސްކާ ބުނީ އައިޒޯލުން ގިނަ ކުޅުންތެރިންތަކެއް ފަހަތަށް ޖައްސައިގެން ކުޅުމުން ނިއުގެ ގޭމް ޕްލޭން ފެއިލްވި ކަމަށާއި، ނިއުއަށް އައިޒޯލްގެ ކުޅުމަށް ހޭނެން އުނދަގޫވި ކަމަށެވެ. މެޗުގެ ފުރަތަމަ ގޯލް އައިޒޯލުން ޖެހީ ނިއުގެ ކީޕަރު އިމްރާން މުހައްމަދު (އިންމަ)، ނިއުގެ އޭރިއާ ތެރެއިން އައިޒޯލްގެ ފޯވަޑަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނެލްޓީއަކުންނެވެ.

އޮސްކާ ބުނީ އެއީ ޕެނެލްޓީއެއްކަން ނުވަތަ ނޫންކަން ބުނަން އެނގޭނީ ވީޑިއޯ ފުޓޭޖް ބެލުމަށްފަހުގައި ކަމަށާއި، އޭނާ ޝަކުވާކުރީ ޕެނެލްޓީގެ ކުރިން އެ ބޯޅައަށް މަސައްކަތްކުރި މީހާ އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅައަށް ދުވި ކަމަށް ބުނެ ކަމަށެވެ. އަދި އޭގެ އިތުރުންވެސް ނިއުއާ ދެކޮޅަށް ބައެއް ނިންމުންތައް ދިޔަ ކަމަށާއި، އެކަމަކު އެކަންކަން ގަބޫލުކުރާނެ ކަމަށްވެސް އޮސްކާ ބުންޏެވެ.

އޮސްކާ އިތުރަށް ބުނީ ދެން އޮންނާނީ އަނެއްކާވެސް ދިވެހި ޕްރިމިއާ ލީގަށް ފޯކަސްކޮށް، އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.

މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ނިއު ކެޓި ނަމަވެސް، އެޓީމުން ވަނީ ތާރީހީ ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން މާލޭ ދަނޑުގައި ބެންގަލޫރު އެފްސީ ބަލިކޮށް، ބެންގަލޫރުގައިވެސް އެޓީމަށް ވަރުގަދަ "ފައިޓެއް" ދިންތަން ފެނިގެން ދިޔައެވެ.

comment ކޮމެންޓް