ނަޖީބުގެ ގެކޮޅު ފުލުހުން ފާސްކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ގެކޮޅު ކައިރީ ފުލުހުން -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (މޭ 17): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ގެކޮޅު އެގައުމުގެ ފުލުހުން ރޭ ފާސްކޮށްފި އެވެ.

ނަޖީބުގެ ވަކީލަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، ފުލުހުން ވަނީ ނަޖީބުގެ ގެކޮޅުން އަތްދަބަސްތަކަކާއި އެހެން ބައެއް ތަކެތި ގެންގޮސްފަ އެވެ.

ކުއަލަލަމްޕޫރުގެ ޑިރެކްޓާ އޮފް ޕޮލިސް ކޮމާޝަލް ކްރައިމް އިންވެސްޓިގޭޝަންސް، އަމަރު ސިންހު ވިދާޅުވި ގޮތުގައި ނަޖީބުގެ ގެކޮޅުގެ އިތުރުން އޭނާއާ ގުޅުން ހުރި ހަތަރު އިމާރާތެއް ވަނީ ފާސްކޮށްފަ އެވެ.

އޭގެ ތެރޭގައި ބޮޑުވަޒީރުގެ އޮފީހާއި، ބޮޑުވަޒީރުގެ ގަނޑުވަރާއި، ނަޖީބުގެ އާއިލާއާ ގުޅުން ހުރި ދެ އިމާރާތެއް ހިމެނޭ ކަމަށް ސްޓާ ނޫހުގައިވެ އެވެ.

ނަޖީބުގެ މައްޗަށް ވަނީ މެލޭޝިއާގެ ވަންއެމްޑީބީ އިންވެސްޓުމެންޓު ފަންޑުން 700 މިލިއަން ޑޮލަރާ ގާތް ކުރާ ވަރަށް ފައިސާ އަމިއްލަ އެކައުންޓަށް ޖަމާ ކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް ނަޖީބު ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައި އެވެ. އަދި މީގެ ކުރިން އެމައްސަލަ ބެލި މެލޭޝިއާގެ ކޯޓުން ނިންމި ގޮތުގައި އެ 700 މިލިއަން ޑޮލަރަކީ ސައުދީ އަރަބިއާގެ ޝާހީ އާއިލާއިން ނަޖީބަށް ހަދިޔާކުރި ފައިސާ އެވެ.

ނަމަވެސް މިމަހުގެ ނުވައެއްގައި ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދު ވަނީ ވަންއެމްޑީބީ މައްސަލަ އަލުން ތަހުގީގު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ ހަފްތާ ބަންދު ތެރޭގައި މަހާތިރު ވަނީ ނަޖީބު ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާ ކުރައްވާފައި އެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް