ބީއެސްބީގެ އާ ސިންގަލް އެއް، ބޭންޑް އެނބުރި އައީތަ؟

ނަވާރަސަތޭކައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅު އެންމެ މަޝްހޫރުވި އެއް ބޭންޑަކީ ބެކް ސްޓްރީޓް ބޯއީސް އެވެ. އަންހެންކުދިންނާއި ފިރިހެންކުދިންގެ މެދުގައި ވެސް ބޭންޑު އަދި ބޭންޑުގެ މެންބަރުން މަގުބޫލުވި އެވެ.

މި ބޭންޑުގެ ލަވައެއް އެންމެ ފަހުން އިވިފައި ވަނީ 2013 ވަނަ އަހަރު އެވެ. ބޭންޑުގެ ހުރިހާ ބައިވެރިން އެއްކޮށް ކިޔާފައިވާ ލަވައެއް އަނެއްކާ ވެސް މިވަނީ ޔޫޓިއުބްއަށް ދޫކޮށްލައިފަ އެވެ.

"ޑޯންޑް ގޯ ބްރޭކިން މައި ހާޓް"ގެ ނަމުގައި ހަދާފައިވާ މި ލަވައިގެ ވީޑިއޯ ވެސް މިހާރު ވަނީ ޔޫޓިއުބް އަށް ދޫކޮށްލައިފަ އެވެ. މިއީ ބީއެސްބީގެ ހިތްހަލާކުވެފައިތިބި ފޭނުންނަށް އުފާވެރި ހަބަރެކެވެ.

ބީއެސްބީގެ އާ އަލްބަމެއް މި އަހަރު ރިލީޒްކުރާ އިރު އެ ބޭންޑުގެ 25 ވަނަ އަހަރީ މި ދިޔަ މަހު ވަނީ ފާހަގަ ކޮށްފަ އެވެ. އާ އަލްބަމްގެ 90 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިންމާލައިފަ އެވެ.

ކުއިޓް ޕްލޭއިން ގޭމްސް ވިތް މައި ހާޓް، އޭސް ލޯންގް އޭސް އައިލަވްޔޫ، އިން ކޮމްޕްލީޓް ފަދަ ލަވަތަކަކީ މިއަދު ވެސް އެ ލަވައެެއް އަޑުއަހާލަން ފޫހި ނުވާ ލަވަ ތަކެކެވެ.

ބޭންޑުގެ މެންބަރުންނަކީ ނިކް ކާޓާ، ކެވިން ދިޗާޑްސަން، އޭޖޭ މެކްލީ އަދި ބްރެއިން ލިޓްރެލް އެވެ. މިހާތަނަށް 18 އަލްބަމެއް ރިލީޒްކޮށްފައިވެ އެވެ.

comment ކޮމެންޓް