އެކްޝަން ފިލްމު "ރޭސް 3"ގެ ޓްރެއިލާ އާންމުކޮށްފި

ރޭސް 3 ގެ ކާސްޓުން---

މަގްބޫލު 'ރޭސް' ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓް 'ރޭސް 3'ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ގިނަ އަދަދަކަށް އެކްޝަން މަންޒަރުތައް ހިމެނޭ ފިލްމުގެ ޓްރެއިލާ އިން ވެސް ޝައުގުވެރިކުރުވާފަދަ ގިނަ މަންޒަރުތަކެއް ވަނީ ދައްކުވާލަދީފަ އެވެ. ފިލްމަށް ހިތްޖައްސުވާ ކަހަލަ ޑައިލޮގްތައް ޓްރެއިލާ އިން ދައްކުވައިދީފައިވާ އިރު ފިލްމުގެ މަންޒަރުތައް ވަރުގަދަ ކަމަށް ފާހަގަކުރެވެ އެވެ.

ކުރީގެ ރޭސްގެ ފިލްމުތަކާ ހިލާފަށް މިފަހަރުގެ ފިލްމު ވަރުގަދަ ވާނެ ކަމަށް ޓީމުން ބުނިއިރު އެކަން ޓްރެއިލާ އިން ހާމަވެ އެވެ.

ފުރަތަމަ ދެ ފިލްމާ ޚިލާފަށް، 'ރޭސް 3'ގެ ކާސްޓް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ސައިފްގެ ބަދަލުގައި މިފަހަރު ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ސަލްމާން ޚާން އެވެ. ފިލްމުގެ އަންހެން ލީޑަކީ ޖެކްލީން އެވެ.

ސަލްމާން އާއި ޖެކްލީންގެ އިތުރުން ފިލްމުން ދެން ފެނިގެން ދާނީ ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހް، ފްރެޑީ ދާރޫވާލާ، އަނިލް ކަޕޫރު އަދި ސާގިބް ސަލީމް އެވެ.

ފުރަތަމަ ދެ ފިލްމާ ޚިލާފަށް 'ރޭސް 3' ޑައިރެކްޓު ކުރާނީ ބޮލީވުޑްގެ ކާމިޔާބު ކޮރެއޮގްރަފާރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ އެވެ. ފިލްމު ޕްރޮޑިއުސް ކުރާނީ ރަމޭޝް ޓޯރާނީ އެވެ.

ފިލްމުގެ ހާއްސަ ފެނިލުމަކުން ބަތަލާ ސޮނާކްޝީ ސިންހާ ވެސް ފެނިގެންދާނެ އެވެ.

ބޮޑު ކާސްޓަކާ އެކީ ފެނިގެންދާ އެ ފިލްމު ރިލީޒްކުރާނީ އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގަ އެވެ. ފިލްމުގެ ފުރަތަމަ ބައި ރިލީޒްކޮށްފައި ވަނީ 2008 ގަ އެވެ. ދެވަނަ ބައި ރިލީޒް ކުރީ 2013ގަ އެވެ.

comment ކޮމެންޓް