އައިޒޯލް އަތުން ނިއު ބަލިވުމާއެކު ބެންގަލޫރު އަނެއް ބުރަށް

ނިއުއާއި އައިޒޯލުން މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިޒޯލް --- ފޮޓޯ/ އޭއެފްސީ

އޭއެފްސީ ކަޕްގެ ގްރޫޕް އީގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އައިޒޯލް އެފްސީއާ ދެކޮޅަށް އިންޑިއާގައި ކުޅުނު މެޗުން ބަލިވެ، ބެންގަލޫރު އެފްސީ ޒޯނަލް ސެމީ ފައިނަލް ޕްލޭއޮފް ބުރަށް ކޮލިފައިވެއްޖެއެވެ.

މިރޭ އައިޒޯލް ދަނޑުގައި ނިއު ކުޅުނު މެޗުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. އަދި ބެންގަލޫރުން ވަނީ ބަންގްލަދޭޝްގެ ދާކާ އަބަހާނީއާ ދެކޮޅަށް އަވޭގައި ކުޅުނު މެޗު 4-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަ މަގާމުގައި ގްރޫޕް ސްޓޭޖު ނިންމާލައިފައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، އަނެއް ބުރަށް ދިއުމުގެ އަމިއްލަ ބާރު އޮތީ ނިއު އަތުގައެވެ. އެއީ ބެންގަލޫރު އެފްސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ނިއުއަށް ހެންޑް ޓު ހެޑް ނަތީޖާއިން ކުރި ލިބޭތީއެވެ. ނަމަވެސް މިރޭގެ މެޗުން ނިއު ބަލިވުމާއެކު ބެންގަލޫރުން ވަނީ ތިން ޕޮއިންޓްގެ ލީޑަކާއެކު ގްރޫޕް ސްޓޭޖުން ކޮލިފައިވެފައެވެ.

ނިއުއާއި އައިޒޯލުން މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިޒޯލް --- ފޮޓޯ/ އޭއެފްސީ

ނިއުއާއި އައިޒޯލް މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުން ފެށިގެން ވެސް އެޓޭކް ކުރަން މަސައްކަތް ކުރީ ނިއުއިންނެވެ. އައިޒޯލްގެ ފަރާތުން ފެނުނީ ޑިފެންސިވް ކުޅުމެކެވެ. ނިއުގެ މެދުތެރެއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް އެޓޭކްތައް އުފެއްދިފައެއް ނުވެއެވެ.

ފުރަތަމަ ހާފްގައި ނިއުއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިގެން ދިޔައީ މުހައްމަދު އުމައިރަށެވެ. އައިޒޯލްގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ކެޕްޓަން އަޝްފާގު (ދަގަނޑޭ) ނަގައިދިން ހުރަސް އުމައިރު ފޮނުވާލި ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވަނީ އައިޒޯލްގެ ޑިފެންޑަރު ގައިގައި ޖެހި ބްލޮކް ވެފައެވެ.

މެޗުގައި ނިއުގެ ކެޕްޓަން ދަގަނޑޭ ހުއްޓުވުމަށް އައިޒޯލްއިން ވަރަށް ބޮޑަށް މަސައްކަތް ކުރިކަން ފާހަގަކޮށްލެވުނެވެ. އެގޮތުން އަބަދުވެސް ދެ ޑިފެންޑަރުން އޭނާ ކައިރީގައި މަސައްކަތް ކުރިތަން ފެނިގެން ގޮސްފައިވެއެވެ.

އައިޒޯލުން ދެވަނަ ހާފް ފެށީ ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ ހާފަށްވުރެ ބޮޑަށް އައިޒޯލުން ކުރިއަށް ޖެހި، ހަމަލާތައް އުފެއްދިކަން ފާހަގަކޮށްލެވުނެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި އައިޒޯލްގެ ރޮމޭނިއާ މިޑްފީލްޑަރު އަންދްރޭ އިއޮނެސްކޫ ފޮނުވާލި ހިލޭ ޖެހުން މަތަކުރީ ނިއުގެ ކީޕަރު އިމްރާން މުހައްމަދެވެ.

މެޗުގެ 61 ވަނަ މިނެޓުގައި އައިޒޯލަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ހޯދައިދިނީ އައިވަރީ ކޯސްޓް ފޯވަޑް ލިއޯންސޭ ޑޯޑޯޒް ޒިކާހީއެވެ. މެޗުގެ ފަހުކޮޅުގައި ނިއުއިން ކުޅެފައިވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. އެގޮތުން އައިޒޯލްގެ ޑިފެންސަށް ނިއުގެ ފަރާތުން ނުރައްކާ ކުރިކަން ފާހަގަކޮށްލެވުނެވެ. މެޗުގެ 74 ވަނަ މިނެޓުގައި ދަގަނޑޭ ފޮނުވާލި ހަމަލާ އައިޒޯލްގެ ކީޕަރު އަވިލާޝް ޕައުލް ވަނީ މަތަކޮށްފައެވެ.

ނިއުގެ ޑިފެންޑަރުންވެސް ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށުމުން އައިޒޯލުން ވަނީ ކައުންޓާ އެޓޭކް ފުރުސަތުތަކުގައި ނިއުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އިއޮނެސްކޯއާއި ރެންތުލޭ ލަލްޑިލިއާނާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. ދެ ހަމަލާއަށްފަހު ތިންވަނަ ހަމަލާގައި އައިޒޯލުން ލީޑު ފުޅާކުރިއެވެ. ކައުންޓާ އެޓޭކް ފުރުސަތުގައި އައިޒޯލަށް ލީޑު ފުޅާކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިއޮނެސްކޯއެވެ.

ނިއުއާއި އައިޒޯލުން މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިޒޯލް --- ފޮޓޯ/ އޭއެފްސީ

މެޗުގެ ފަހު 10 މިނެޓުގައި ނިއުގެ ޑިފެންޑަރުންވެސް ކުރިއަށް ޖެހި އެޓޭކް ކުރިތަން ފެނިގެން ދިޔައެވެ. އެގޮތުން މެޗުގެ 85 ވަނަ މިނެޓުގައި ޑިފެންޑަރު ޖޯޖު ގޮޓޯގެ އެސިސްޓަކުން ނިއުގެ ޒުވާން ފޯވަޑް އަބްރާހީމް އަތީގު ވަނީ ނިއުއަށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ގަޓޯ ބޮލުން ދިން ބޯޅައަށް އައިޒޯލް އޭރިއާ ތެރެއަށް ވަދެ، އަތީގު އެ ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރު ބޯ މަތިންނެވެ.

މެޗުގެ ފަހު ދެތިން މިނެޓް ތެރޭގައިވެސް ނިއުއަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ދަގަނޑޭއާއި ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.

މިސީޒަންގެ އޭއެފްސީ ކަޕްގައި ނިއު ވަނީ ވަރުގަދަ ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން މާލޭގައި 2-0ގެ ނަތީޖާއަކުން ވަރުގަދަ ބެންގަލޫރު އެފްސީ ބަލިކޮށްފައިވާ އިރު، އައިޒޯލާއިން ދާކާ އަބަހާނީވެސް އަމިއްލަ ދަނޑުގައި ނިއު ވަނީ ފަސޭހަ ކަމާއެކު ބަލިކޮށްފައެވެ.

comment ކޮމެންޓް