ރަމަޟާން މަހާ ދިމާކޮށް އެންމެ ވިކެނީ "މުހައްމަދު ސަލާހް ލެންޓާންސް"

މިސްރުގައި ވިކެމުންދާ މުހައްމަދު ސަލާހް ލެންޓާންސް ---

މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގޯލް ޖެހުމުގެ ރެކޯޑަކާއެކު ލިވަޕޫލްގެ ތަރި، މުހައްމަދު ސަލާހް ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު ނަގައިފައެވެ. އޭނާގެ މޮޅު ކުޅުން މި ސީޒަންގައި ފެނިގެންދިޔައީ ހަމައެކަނި ލިވަޕޫލްއަކުން ނޫނެވެ. 28 އަހަރަށްފަހު މިސްރު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައިވެސް ސަލާހުގެ ދައުރު ބޮޑެވެ.

ދުނިޔޭގެ ފުޓުބޯޅައިގައި މިހާރު އެންމެ ހިނގާ އެއް ނަމަކީ ސަލާހެވެ. ހާއްސަކޮށް އޭނާގެ އުފަން ގައުމު މިސްރުގައި ސަލާހަކީ ދެވަނައެއް ނެތް ޝަހުސިއްޔަތެކެވެ. ފިހާރައަކަސް، ކެފޭއަކަސް ސަލާހުގެ ކުރެހުންތަކާ އޭނާގެ ޕޯސްޓަރުތަކެވެ. ސަލާހަށް ގައުމުގެ ރައްޔިތުން އެންމެ ބޮޑަށް ލޯބިކުރާ ސަބަބަކީ އޭނާގެ ކުޅުމުގެ އިތުރުން ހިތްތިރި ކަމާ، މާތް ވެގެންވާ އިސްލާމް ދީނަށް އޭނާ ކުރާ ލޯތްބެވެ. ގޯލް ޖެހުމަށްފަހު އުފާ ފާޅުކުރުމަށް ޖަހާ ޝުކުރުގެ ސަޖިދައިން ފެށިގެން ގޮސް، އިސްލާމީ ރިވެތި އުސޫލުތަކަށް ފުޓުބޯޅަ ދުނިޔެ ލޯބި ޖެހުމުން ދާ ދިޔުމުގައި ސަލާހްގެ ހިއްސާ ބޮޑެވެ.

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މިސްރުގެ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް އެންމެ އެކަށޭނެ "މާކެޓިން ސްޓްރެޖީއަކަށް"ވެސް ވީ ސަލާހެވެ. މިސްރުގައި ރޯދައަށް އެންމެ މަގުބޫލު ލެންޓާންސްގައިވެސް މިހާރު ސަލާހްގެ ފޮޓޯ ޖެހި، ހާއްސަ "މުހައްމަދު ސަލާހް ލެންޓާންސް" ލިބެން ހުރި އިރު، ބާލީހާއި ގަންޖުފަރާހުގައިވެސް މިހާރު އެންމެ ހިނގާ މޮޑެލަކީ ސަލާހެވެ.

"ލެންޓާންތަކުގެ ތެރެއިން މިއަހަރު އެންމެ ހިނގާ ލެންޓާންއަކީ 'މުހައްމަދު ސަލާހް ލެންޓާން'، މިސްރުގައި ފިހާރައެއް ހިންގާ މީހަކު ރޮއިޓާސްއަށް ބުނެފައިވެއެވެ. އޭނާ ބުނީ މުޅި ބާޒާރަށްވެސް މިފަހަރު ރޯދަ މަހާ ދިމާކޮށް ސަލާހްގެ ބްރޭންޑްތައް އައިސްފައިވާ ކަމަށާއި، މިސްރުގެ ހުރިހާ ރައްޔިތުންނަށްވެސް ސަލާހަކީ ރޯލް މޮޑެލްއެއް ކަމަށެވެ.

ލެންޓާންސްގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސާމާނާއި، ބަދިގޭގެ ސާމާނުގައިވެސް މިސްރުގައި އެންމެ ހިނގާ ބްރޭންޑަކީ ހަމަ ސަލާހެވެ.

މިސްރާއި ލިވަޕޫލްގައި ވިދަމުން އަންނަ ސަލާހް ވަނީ މި ސީޒަންގައި ކުޅުނު 51 މެޗުން 44 ގޯލް ޖަހައިފައެވެ. އުމުރުން 24 އަހަރުގެ ސަލާހް މިހާރު ތައްޔާރުވަމުން ދަނީ ލިވަޕޫލާއި ރެއާލް މެޑްރިޑް މި ރޯދަ މަސް ތެރޭ ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށެވެ. އެއަށްފަހު އޭނާ ނުކުންނާނީ ގައުމީ ޓީމާއެކު ވޯލްޑް ކަޕަށެވެ.

comment ކޮމެންޓް