ގަލޮޅު އެކްޓިވިޓީ ސެންޓަރު އަނެއްކާވެސް ޒުވާނުންނަށް ހުޅުވާލައިފި

މަރާމާތަށް ބަންދުކުރުމަށްފަހު ގަލޮޅު ޔޫތު އެކްޓިވިޓީ ސެންޓަރު ރޭ ހުޅުވައިފިއެވެ.

ގަލޮޅު ވިލީ ފުލުސް ކައިރީ ހުންނަ ޔޫތު އެކްޓިވިޓީ ސެންޓަރަކީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ތަނެކެވެ. މަރާމާތަށް މީގެ ތިން މަސް ކުރިން ބަންދުކުރުމަށްފަހު ރޭ އާއްމުންނަށް ހުޅުވާލީ އެކަމަށްޓަކައި ބޭއްވި ހަފްލާއެެއްގައެވެ. އެ ހަފްލާގައި ޔޫތު އެކްޓިވިޓީ ސެންޓަރު ހުޅުވައިދެއްވީ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީއެވެ.

އަލީ ޒަކީގެ އިތުރުން ޒުވާނުންގެ މަރުކަޒުތަކާއި މިހާރު ހަވާލުވެ ހުންނެވި އެގްޒެކެޓިވް ކޯރޑިނޭޓަރ މުޙައްމަދު ޝިނާން (ނާނި) އާއި މިނިސްޓްރީގެ އިސްވެރިންނާއި، އަދި ޒުވާނުން ވަނީ ރޭ ބޭއްވި ހަފްލާގައި ބައިވެރިވެފައެވެ.

ޔޫތު ސެންޓަރު އަލުން ހުޅުވުމާ ގުޅިގެން ނާނި ވިދާޅުވީ ޒުވާނުންގެ މަރުކަޒުތަކަށް ބޭނުންވާ ކުޅިވަރު ސާމާނާ އަދި އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑްގައި ކުރެވެމުން ކަމަށާއި، މާލޭގެ އިތުރުންވެސް ރާއްޖޭގެ އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވައިވާ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީގެ އިސް ބޭފުޅުން ރަށްރަށަށް ދަތުރުތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މިދިޔަ ހަފްތާގައި ނ. އަތޮޅު ވެލިދޫއަށް މިނިސްޓްރީގެ ދެ ބޭފުޅުން ޒިޔާރަތް ކުރި ކަމަށާއި، އެ ދަތުރުގައި ސްޕޯޓްސް އެރީނާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށްވެސް ނާނި ވިދާޅުވިއެވެ. އަދި އޭގެ އިތުރުންވެސް މިނިސްޓްރީގެ ބޭފުޅުން ވަނީ އެރަށުގެ ޒުވާނުންގެ މަރުކަޒުގެ ހާލަތު ދެނެގަނެ ބޭނުންވާ ހައްލުތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައްވެސް ބާއްވާފައެވެ.

ޒުވާނުންގެ ކުރިމަގަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، ދާދި ފަހުން ޒުވާނުންނަށް ޚާއްސަކޮށްގެން މާފަންނު ޒުވާނުންގެ މަރުކަޒުގައި ކުރިޔަށްދިޔަ މާހެފުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ވަހީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ޒުވާނުންގެ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިޔަށްދާކަން ފާހަގަ ކުރައްވާފައެވެ.

comment ކޮމެންޓް