ގައުމީ ޓީމުން ރިޓަޔާ ކުރުމަށްފަހު މެސީ ޓީމަށް އެނބުރި އައި ސަބަބު!

އާޖެންޓީނާ ތަރި ލިއޮނެލް މެސީ --- ފޮޓޯ: އޭޕީ

އާޖެންޓީނާގެ ގައުމީ ޓީމުގެ ތަރި، ލިއޮނަލް މެސީ އުމުރުން 29 އަހަރުގައި ގައުމީ ޓީމުން ރިޓަޔާކުރިކަން މިދިޔަ އަހަރު އޭނާ އިއުލާން ކުރި ނަމަވެސް ފަހުން ވަނީ އެނބުރި ގައުމީ ޓީމާ ގުޅިފައެވެ.

މިދިޔަ އަހަރު ކޮޕާ އެމެރިކާގެ ފައިނަލްގައި ޕެނެލްޓީ ޖަހައިގެން ޗިލީ އަތުން ބަލިވި މެޗަށްފަހު މެސީ ގައުމީ ޓީމުން ރިޓަޔާ ކުރިކަމަށް އޭނާ ބުނީ ޖެހިޖެހިގެން ބޮޑު ހަތަރު މުބާރާތުގެ ފައިނަލަށް ގޮސް، އެ ހަތަރު ފައިނަލްވެސް ނާކާމިޔާބުވުމުގެ ހިތްދަތި ކަމުގައެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާއާއެކު ދަތުރުކުރި މެސީ، މިހާރު ތައްޔާރުވަމުން ދަނީ މިއަހަރު ޖޫން މަހުގައި ރަޝިޔާގައި އޮންނަ ވޯލްޑް ކަޕަށެވެ.

"ރިޓަޔާ ކުރިކަން އިއުލާން ކުރުމަށްފަހު ހަމަޖެހިލައިގެން އަހަރެން ވިސްނާލިން އެކަމާ މެދު. އަހަންނަށް ވިސްނުނީ ޒުވާން ޖީލުތަކަށް ދެވުނީ ނުބައި މެސެޖެއްކަން. ގައުމީ ޓީމު ދޫކޮށްލުމަކީ އެތަކެއް ކުދިން ތަކަކަށް ދެވުނު ނުބައި މެސެޖެއް. އަހަރެން ހިތަށް އެރީ އެތަކެއް ކުދިންތަކެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތްކުރާ އިރު، ނުވާނޭ ކިޔާފައި ދޫކޮށްލައިގެން ނުވާނެކަން، އެ މަންޒަރު ކުދިންނަށް ފެނިގެންވެސް ނުވާނެ ކަމަށް،" މެސީގެ ރިޓަޔާމަންޓާ ގުޅިގެން އޭނާ ބުންޏެވެ.

މެސީ ބުނީ މޮޅަށް ކުޅެ، ފައިނަލްތަކުން ނާކާމިޔާބުވުމަކީ ހީނުކުރާ ވަރަށް މާޔޫސްކަން ކުރިމަތިވާ ކަމެއް ކަމަށާއި، މުޅި އާޖެންޓީނާގެވެސް އުންމީދަކީ ފައިނަލްތަކުން ބަލިވުމުގެ ސިލްސިލާ ނިމުން ކަމަށެވެ. އަދި އެކަމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އޭނާ ކުރާނެ ކަމަށްވެސް މެސީ ބުންޏެވެ. އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވީ އުނދަގުލުން ނަމަވެސް އެ ގައުމު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިން 'ހީރޯ' އަކީ މެސީއެވެ.

ވޯލްޑް ކަޕް އަދި ގައުމީ ޓީމުގެ އިތުރުން މެސީ ވަނީ އޭނާގެ ކްލަބު، ބާސެލޯނާގެ ވާދަވެރި ރެއާލް މެޑްރިޑާއި ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅިގެންވެސް ވާހަކަ ދައްކައިފައެވެ.

"އަހަރެން ވާދައެއް ނުކުރަން ރޮނާލްޑޯއަކާ. ރެއާލްއިން ކާމިޔާބީތައް ހޯދުމަކީ އަހަންނަށް ލިބޭ ހިތްވަރެއް. އިތުރަށް މަސައްކަތް ކުރަން ބޭނުންވާ ސަބަބެއް. އަހަރެން ކޮންމެހެން ބޭނުމެއް ނޫން ދުނިޔޭގެ ތާރީހުގެ އެންމެ މޮޅު، ދެވަނަ އަދި ތިން ވަނަ ކުޅުންތެރިޔާއަށްވެސް ވާކަށް. އެއީ ދައްކާ ވާހަކަތަކެއް. އަހަރެން އަބަދުވެސް މޮޅުވާން މަސައްކަތްކޮށް، ކްލަބާ ގައުމީ ޓީމާއެކުވެސް ކާމިޔާބު ހޯދަން މަސައްކަތް ކުރަނީ،" މެސީ ބުންޏެވެ.

މެސީ ބުނީ އޭނާއަކީ މޮޅު ކުޅުންތެރިއެއްކަން ސާބިތުކޮށްދޭން ބާސެލޯނާ ދޫކޮށް އެހެން ކްލަބަކަށް ދާން ނުޖެހޭނެ ކަމަށެވެ.

މެސީއާއި ރޮނާލްޑޯއަކީ ފުޓުބޯޅައިގައި އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ. 2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދަމުން އަންނަ އެ ދެކުޅުންތެރިންނަކީ ދުނިޔޭގެ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު ދެ ކުޅުންތެރިންކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މެސީއާއި ރޮނާލްޑޯވެސް ވަނީ ފަސް ފަހަރު ހޯދައިފައެވެ.

comment ކޮމެންޓް