އަންވަރު އިބްރާހިމް އެންމެ ފަހުން މިނިވަންކޮށްފި

އަންވަރު އިބްރާހިމް މިނިވަންވެޑައިގެންނެވުމަށް ފަހު މަހާތީރާ ސަލާމްކުރައްވަނީ-- ފޮޓޯ: ޓުވިޓާ

ޖަލަށް ލާފައި ހުންނެވި މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް، އެންމެފަހުން މިނިވަންކޮށްފިއެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ހޮސްޕިޓަލެެއްގައި ފަރުވާ ދެމުންދިޔަ އަންވަރު މިނިވަންވެވަޑައިގެން މަގުމައްޗަށް ނިކުމެވަޑައިގެންނެވިއިރު، އޭނާއަށް ސަޕޯޓްކުރާ އެތައް ބަޔަކު އުފާފާޅުކުރަމުން ދިޔައެވެ.

" މިއަދަކީ ވަރަށް ތާރީހީ ދުވަހެއް. ނާ އިންސާފުގެ އެތަކެއް ޒަމާންތަކެއް ފާއިތުވުމަށް ފަހު މެލޭޝިއާއަށް ބަދަލުތަކެއް އަންނަމުންދާކަން އިހުސާސްކުރެެވޭ،" އަންވަރުގެ ސަޕޯޓަރަކު ބުންޏެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ މަހާތީރު މުހައްމަދު ކުރެއްވުމަށްފަހު ވިދާޅުވީ މެލޭޝިއާގެ ޝާހީ އާއިލާއިން އަންވަރަށް މައާފު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އިއްޔެ އަންވަރު މިނިވަންކުރާނެކަމަށް އަޑުފެތުރިފައި އޮތް ނަމަވެސް އޭނާ މިނިވަންކުރީ މިއަދުއެވެ.

މަހާތީރު ވިދާޅުވީ، ރަސްގެފާނު ނިންމަވާފައި ވަނީ، އަންވަރަށް ހަމައެކަނި މައާފުދެއްވަން ނޫން ކަމަށާއި އަދި އޭނާ ވަގުތުން މިނިވަންކޮށް، ޝަރަފުވެރިކަމާއެކު އަލުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރުސަތުވެސް ލިބިގެން ދާނޭ ކަމަށެވެ.

ކުރިން މަހާތީރުގެ ވެރިކަމުގައި އޭނާއަށް ފަހު އެގައުމުގެ މުސްތަގްބަލުގެ ލީޑަރުގެ ގޮތުގައި އޭރު ބެލެވުނު އަންވަރު ފުރަތަމަ ފަހަރަށް ޖަލަށް ލެވުނީ، އެ ވެރިކަމުގައެވެ. އޭރު މަހާތީރުގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ އަންވަރު ޖަލަށްލީ އެއްޖިންސުން ގުޅުން ހިންގުމާއި ކޮރަޕްޝަންގެ މައްސަލަތަކެއްގައެވެ.

ކުރިން މަހާތީރާއި އަންވަރަކީ ބަރިސާންގެ އެންމެ އިސްސަފުގައި ވަރަށް ގާތްކޮށް ހަރަކާތްތެރިވ ދެބޭފުޅުންނެވެ. އަދި އެ ދެ ބޭފުޅުންގެ އެކުވެރިކަމަށް ބުރޫއެރި ހާދިސާތަކަކީ މެލޭޝިއާގެ ސިޔާސީ ހަޔާތުގައި ވަރަށް ތާރީޚީ ވާހަކަތަކެކެވެ.

އަންވަރު ފުރަތަމަ މަގާމުން ދުރުކުރީ، 1998 ވަނަ އަހަރު އޭރު މަހާތީރުގެ ވެރިކަމުގައި ބަރިސާން އިއްތިހާދުގެ ތެރޭގައި އުފެދުނު ބައިބައިވުމުގެ ތެރޭން، ސަރުކާރާ ދެކޮޅަށް ކުރި ބިޔަ މުޒާހަރާއާ އެކުއެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމަށް ބުނެ އަންވަރު ވަނީ ޖަލަށް ލައިފައެވެ. އެއަށްފަހު، 2000 ވަނަ އަހަރު އެއްޖިއްސުން ގުޅުން ހިންގުމުގެ މައްސަލައެއްގައި އަންވަރުގެ މައްޗަށް އިތުރު ނުވަ އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ.

comment ކޮމެންޓް