ބެންގަލޫރާ މެދު ނުުވިސްނަން، އޭއެފްސީ ކަޕަކީ އައިޒޯލަށް ތަޖުރިބާއެއް!

އޭއެފްސީ ކަޕްގައި އަލަށް ވާދަކުރަމުންދާ އައިޒޯލް އެފްސީން ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅޭ ފަހު މެޗަށް މިއަދު ނުކުންނަ އިރު، އަނެއް ބުރުގެ އުންމީދު ވަނީ ގެއްލިފައެވެ. އެހެން ނަމަވެސް މިއަދު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އެގައުމުގައި ކުޅޭ މެޗުން އެޓީމު މޮޅު ވެއްޖެނަމަ، ގްރޫޕް އީގެ ދެވަނައިގައި އޮތް އިންޑިއާގެ ބެންގަލޫރު އެފްސީއަށް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އައިޒޯލުން މިއަދު އެ ގައުމުގައި ނުކުންނަ އިރު، ގްރޫޕްގެ އެއްވަނައިގައި އޮތް ނިއުއަށް މޮޅަކާއެކު އިންޓަ ޒޯނަލް ސެމީ ފައިނަލް ޕްލޭ އޮފް ޔަގީން ކުރެވޭނެއެވެ.

"އައިޒޯލުން މިއަދުގެ މެޗަށްވެސް ނުކުންނާނީ ޓީމުގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް. އޭއެފްސީ ކަޕްގައި އައިޒޯލް ވާދަކުރި ފުރަތަމަ ފަހަރު މިއީ. އެއް މެޗުން މޮޅުވެފައި މިއޮތީ. އައިޒޯލްގައި ތިބި ޒުވާން ކުޅުންތެރިންނަށް މި ލެވެލްގައި ކުޅެލުމަކީ ލިބޭ ވަރަށް ބޮޑު އެކްސްޕޯޝާއެއް. އަހަރެން އަބަދުވެސް ބުނަނީ ކުޅުންތެރިން ކައިރީގައި މި ތަޖުރިބާގެ ބޭނުން ހިފައިގެން، އަނެއް ލެވެލްއަށް ދިއުމަށް މަސައްކަތް ކުރާށޭ،" މިއަދުގެ މެޗާ ގުޅިގެން އައިޒޯލްގެ ކޯޗު ސަންތޯޝް ކަޝްޔަޕް ބުންޏެވެ.

ސަންތޯޝް ބުނީ އައިޒޯލުން ނިއު ބަލިކޮށް، ބެންގަލޫރު އެފްސީއަށް އަނެއް ބުރުގެ ފުރުސަތު ހޯދައި ދެވެން އޮތް ނަމަވެސް، ޓީމު ނުކުންނާނީ އެކަމަށް ވިސްނައިގެން ނޫން ކަމަށެވެ.

"ބެންގަލޫރު އަނެއް ބުރަށް ގެންދަން ސަމާލުކަން ދީގެން ނޫން މެޗަށް ނުކުންނާނީ. އަހަރެންގެ ފިލޯސަފީއަށް މެޗު ކުޅުމަށް ނުކުންނާނީ. ނިއުއަކީ ވަރަށް ބޮޑު ޓީމެއް. އެޓޭކް ވަރަށް ވަރުގަދަ ޓީމެއް. ހާއްސަކޮށް އަލީ އަޝްފާގު. ރާއްޖޭގައިވެސް ގޯލެއް ޖަހައިފައި އޮއްވާ ފަހަތުން އަރައި ނިއުއިން ތިން ގޯލް ޖެހީ. ދަގަނޑޭ ހެޓްރިކްވެސް ހަދައިގެން. ކޯޗުވެސް ވަރަށް މޮޅު. އިންޑިއާގެ ފުޓުބޯޅަ ރަނގަޅަށް އެނގޭވެސް ކޯޗެއް،" ބެންގަލޫރަށް އޮތް ފުރުސަތާއި ނިއުގެ ވަރުގަދަ ކަމާ ގުޅޭ ގޮތުން ސަންތޯޝް ބުންޏެވެ.

ނިއުއިން މާލޭގައި އައިޒޯލާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހެޓްރިކް ހަދާފައިވާ އިރު، ދަގަނޑޭ ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭނެތޯ ސުވާލު ކުރުން ސަންތޯޝް ބުނީ "މޭން މާކް" ކުރަން ނުވިސްނި ނަމަވެސް ޑިފެންސިވް ޕްލޭނެއް އަބަދުވެސް ގެންގުޅޭނެ ކަމަށެވެ.

"ޒަމާނީ ފުޓުބޯޅައިގައި ވަކި ކުޅުންތެރިއަކު މާކު ކޮށްގެން ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ މުޅި ޓީމު އެއްކޮށް ކުޅުވުމަށް. އެހެންވީމަ އަޝްފާގަކަސް، ރޮނާލްޑޯއަކަސް، މެސީއަކަސް އެ ކުޅުންތެރިއަކު ހުއްޓުވަން މުޅި ޓީމު މަސައްކަތްކުރަން ޖެހޭނީ. ޑިފެންސް ކުރުމަށް ހާއްސަ އުކުޅުތަކެއް އައިޒޯލުންވެސް ގެންގުޅޭނެ،" ސަންތޯޝް ބުންޏެވެ.

ނިއުއާއި އައިޒޯލް މިއަދު އިންޑިއާގައި ކުޅޭ މެޗު އޮންނާނީ އިންޑިއާގެ މިޒަރޮމްގެ ރަޖީވް ގާންދީ ސްޓޭޑިއަމްގައެވެ. އެ ހިސާބަކީ ފިނި އަދި ހިއުމިޑިޓީ މަތި ހިސާބެކެވެ. މިއަދުގެ މެޗު ފަށާނީ ރާއްޖެ ގަޑިން 6:15ގައެވެ.

comment ކޮމެންޓް