އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށާއި، އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ދެމިތިއްބެވުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު އެފަދައިން އިލްތިމާސްކުރެއްވީ، ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

އެމަނިކުފާނު ފޮނުއްވި ހިތާބުގައި ވިދާޅުވީ، ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް ދެއްވާ ވަރަށް މުހިންމު ރޫޙާނީ މައްސަރެއް ކަމަށެވެ. އަދި މި މައްސަރަކީ ފުއްސެވުމާއި ރުއްސެވުމުގެ މައްސަރެއް ކަމަށާ މިއީ އަޅުކަމާއި ތަޤުވާގެ އަގުހުރި ފުރުސަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަމަޟާން މަހަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން ބޮޑުވެގެންދާ ކަމަށެވެ. އެހެންކަމުން ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމާއެކު، ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމާއި، ފަރުޟު ފަސްނަމާދަށް ފަރުވާތެރިވުމަށް ދިވެހި އެންމެހައި މުސްލިމް ރައްޔިތުންނަށް ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ.

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާފައިވަނި މިރޭ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި އިއްވި ރަމަޟާން މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހުޅެވި ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ޔަގީންވާތީ އާއި ބައެއް އިސްލާމީ ގައުމުތަކަށް މިރޭ ހަނދު ސާބިތުވެފައިވާތީއެވެ.

comment ކޮމެންޓް