ރާއްޖޭގެ އާކިއޮލޮޖީއާ ބެހޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ބައްދަލުވުމެއް

މޯލްޑިވިސް ހެރިޓޭޖް ސާވޭގެ ދަށުން ސާވޭކުރި ލ.ފުށިން ފެނުނު އާސާރީ އިމާރާތެއްގެ ބައެއް ކަމަށް ބެލެވޭ ބައިތަކެއް-- ފޮޓޯ: ހެރިޓޭޖް ޑިޕާޓްމަންްޓް

ރާއްޖޭގެ އާކިއޮލޮޖީއާ ބޭހޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާގެ ސޭންސްބަރީ ރިސަރޗް ޔުނިޓުން ކުރިއަށް ގެންދިޔަ އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތިން ހުކުރު ދުވަހަށް ކަމަށެވެ.

"ވެސްޓް އިންޑިއާން އޯޝަން ވާކްޝޮޕް"ގެ ނަމުގައި ބޭއްވި އެ ބައްދަލުވުމުގައި ރާއްޖޭގެ ތާރީހާއި އާކިއޮލޮޖީ ރައްކާތެރިކޮށް ދެމެހެއްޓުމާއި އެކަމާ ގުޅޭގޮތުން ގާނޫނެއް ނެތުމުން ތަރިކަ ރައްކާތެރި ކުރުމުގައި ދިމާވާ ދަތިތަކާމެދު މަޝްވަރާ ކުރެވުނުކަމަށް ހެރިޓޭޖް ޑިޕާޓްމަންޓުން ބުންޏެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ބޭފުޅުންގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ސީނިއާ ޕޮލިސީ އެގްޒެކިޓިވް އަބްދުލް ސަމީއު ހަސަން އަދި ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ކޮންސަލްޓަންޓް މައުރޫފް ޖަމީލް ހިމެނިވަޑައިގަންނަވައެވެ.

ރާއްޖޭގެ ތާރީހާ ގުޅޭ ތަރިކަތައް ރައްކާތެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ހެރިޓޭޖް ޑިޕާޓްމަންޓާއި އޮކްސްފޯޑް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް ސްޓަޑީޒްއާ ގުޅިގެން "މޯލްޑިވްސް ހެރިޓޭޖް ސާވޭ" ގެ ނަމުގައި މިހާރުވެސް ދަނީ ކުރަމުންނެވެ.

މިހާރު ކުރިއަށްދާ ސާވޭގެ ފުރަތަމަ ފޭސްގައި ދެ އަހަރު ދުވަހުގެ ތެރޭ ހަ އަތޮޅެއްގެ ރަށްތައް ސާވޭކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސާވޭގެ ދަށުން މިސްކިތްތަކާއި މަހާނަ ގާތަކާއި ހަތްތެލިތައް ފަދަ ތަންތަން ޑިޖިޓަލީ ފޮޓޯނެގުމާއި ތުރީޑީ ޓެރިސްޓެރިއަލް ސްކޭން ކުރުމާއި ޖިއޯގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ގާއިމްކުރުމުގެ އިތުރުން އާންމުކޮށް ހުޅުވާލާ އޮންލައިން ޑޭޓާ ބޭސްއަކުން އެ މައުލޫމާތު ލިބެން ހުންނާނެ ގޮތް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް