ރޯދަމަހަށް ހާއްސަކޮށްގެން ދީނީ ގިނަ މައުލޫމާތުތަކެއް ލިބޭ އެޕެއް ލޯންޗްކޮށްފި

ރޯދަމަހަށް ހާއްސަކޮށްގެން ދީނީ ގިނަ މައުލޫމާތުތަކެއް ލިބޭގޮތަށް މިއަދު ނެރުނު އެޕް --

ރަމަޟާން މަހަށް ހާއްސަކޮށްގެން "ރޯދަ ހަދިޔާ"ގެ ނަމުގައި ދީނީ ގިނަ މައުލޫމާތު އެއްތަނަކުން ލިބެނޭ އެޕެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރެފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ އެޕް އިފްތިތާހްކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

އެޕް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޕް އުފެއްދި އިންޖިނިއަރު އަދި އެމްއޭސީއެލްގެ އެސޯސިއޭޓް އިންޖިނިއަރު އަލީ ޖިނާހު ވިދާޅުވީ އެޕުން ދަރުސްތައް ވެސް ބަލައިލެވޭނެ ކަމަށެވެ.

"މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކުގައި ދެއްވާ ދަރުސުތައް ޝެޑިއުލްކޮށް، ރަމަޟާން މަހު ދެއްވާ ދަރުސްތަކުގެ ޑީޓެއިލްސްތައް ހިމެނޭގޮތަށް، ދަރުސު ދެއްވަނީ ކޮންބޭފުޅެއްތޯ، ދަރުސް ދެއްވާ މައުޟޫއަކީ ކޮބައިތޯ އަދި ދަރުސް ދެއްވާ މިސްކިތާއި ވަގުތާއި އެބައިތައް ހިމެނިގެންދާނެ،" ޖިނާހު ވިދާޅުވިއެވެ.

އެޕްގައި ހިމެނޭނީ ރާއްޖޭގެ އިލްމުވެރިން ދެއްވާފައިވާ ދަރުސުތައް ކަމަށާއި ދުނިޔޭގެ މަޝްހޫރު 12 ގާރީންގެ ކިޔެވުންތައްވެސް ހިމެނޭނެ ކަމަށް ޖިނާހު ވިދާޅުވިއެވެ.

އެޕްގައި ހިމެނޭ އެހެނިހެން ބައިތަކުގެ ތެރޭގައި ކީރިތި ރަސޫލާގެ ސިޔަރަތާއި، މަދަހަތަކާއި، ކީރިތި ޤުރުއާނުގެ ތަރުޖަމާގެ އޯޑިއޯގެ އިތުރުން މާލެއާއި މާލެ ކައިރީ ރަށްތަކުގެ ނަމާދު ގަޑިތައް ހިމެނެއެވެ.

އެމްއޭސީއެލް އިން ބުނީ އެޕް ބޭނުންކޮށްގެން އެ ކުންފުނީގެ މުވައްޒިފަކަށާއި އާންމުންގެ މީހަކަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތުވެސް ހުޅުވާލައިފައިވާ ކަމަށެވެ.

"އެޕްގެ ތެރެއިން އެމްއޭސީއެލްގެ މުވައްޒިފުންނަށް ކޮންމެ ދުވަހަކު ކުއިޒެއް ހުޅުވާލާފައި އިންނާނެ. އަޅުގަނޑުމެން ކޮންމެ ދުވަހަކު އަދި ހުކުރު ދުވަހަކު ސްޓާފުންނަށް އިނާމްތައް ދިނުން އޮންނާނެ. ދެން މުޅި ކުއިޒުން އެއްވަނައަށް އަންނަ ސްޓާފަކަށް އުމްރާ ދަތުރެއް މިދެނީ." ޖިނާހު ވިދާޅުވިއެވެ.

އެ އެޕް ބޭނުންކޮށް ރަޖިސްޓްރީވާ އާންމުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ވެސް އުމުރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޖިނާހު ވިދާޅުވިއެވެ.

comment ކޮމެންޓް