ސާނަވީ އިމްތިހާނުގައި މާއްދާތަކުން ދުނިޔޭގެ އެއްވަނަ ހޯދި ދިވެހި ދަރިވަރުންނަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ސާނަވީ އިމްތިހާނުގައި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހާސިލުކުރި ތިން ދަރިވަރުން -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ އަހަރު ސާނަވީ އިމްތިހާނުގައި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހާސިލުކުރި ތިން ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ތަހުނިޔާ ވިދާޅުވެފައިވާ އެ ދަރިވަރުންނަކީ، ހިސާބު މާއްދާއިން އެއްވަނަ ހާސިލްކުރި އިސްކަންދަރު ސްކޫލްގެ މަރިޔަމް ހައިބާ އަބްދުﷲއާއި، މެރިން ސައިންސްއިން އެއްވަނަ ހާސިލުކުރި ތ. ކަނޑޫދޫ ސްކޫލްގެ އަހްމަދު މިސްބާހް އަލީ އަދި ޓްރެވަލް އެންޑް ޓޫރިޒަމުން އެއްވަނަ ހާސިލުކުރި ޖަމާލުއްދީން ސްކޫލްގެ ނަސަމް ނަސީމެވެ.

މި ތިން ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދަރިވަރުން ހޯދި ކާމިޔާބީއަކީ ދުނިޔޭގެ ނިސްބަތުން، ރާއްޖެއަށްވެސް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ދަރިވަރުން ތައުލީމީ ދާއިރާއިން އިތުރު ކާމިޔާބީއާއި ކުރިއެރުން ހާސިލުކުރައްވައި ރާއްޖެއަށް ރީތިނަން ހޯއްދަވައިދެއްވާނެކަން ޔަގީން ކުރައްވާ ކަމަށްވެސް ރައީސްގެ ތަހުނިޔާ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް