ޓެރަރިޒަމްގެ ދައުވާ ސާފެއް ނުވޭ: މަހުލޫފްގެ ވަކީލު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން މަހްލޫފްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް އަމަލެއް ކުރަން އުޅުމުގެ ދައުވާ ސާފުނުވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން މަހުލޫފް ގެ ވަކީލު ނާޒިމް ވިދާޅުވީ ދައުވާގައި ސާފުނުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑުގެ މުވައްކިލް ގެ މައްޗަށް ކޮށްފައިވާ ދައުވާގައި ސާފު ނުވާ ގިނަ ކަންތައް ތަކެއް އެބަހުރި،" މަހްލޫފްގެ ވަކީލް ނާޒިމް ވިދާޅުވިއެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިތުރު ބަޔަކާއެކު ކ. މާފުށީ ޖަލުގެ މައި ގޭޓު ކައިރިއަށް އެއްވެ މަހުލޫފް މުޒާހަރާ ކުރި ކަމަށެވެ.

އެ މުޒާހަރާކޮށްފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ބޭފުޅުން މިނިވަންކުރުމަށް ގޮވާލައި ކަމަށް އެ ދައުވާގައިވެއެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ޖަލުގެ މައި ގޭޓު ގަދަކަމުން ހުޅުވާފައިވާ ކަމަށާއި ޖަލުގެ އޮފިސަރުން ގޭޓު ބަންދުކުރަން މަސައްކަތް ކުރުމުން އެމީހުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

ދައުވާގައިވާގޮތުން އެމީހުން ވަނީ ޖަލުގެ މައި ގޭޓު ކުރިމަތީ އަމަން ބަލަހައްޓަން ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވާފަދަ ހާލަތެއް ކުރިމަތިކުރުމަށް މަސައްކަތްކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ތިން ކަމެއް ހަށަހަޅަފައި ވާއިރު މަހްލޫފްގެ ފަރާތުން ވަނީ 10 ކަމެއް ހުށަހާޅާފައެވެ. މަހުލޫފްގެ ފަރާތުން ގިނަ ކަންތައްތަކެއް ހުށަހެޅީ ދައުވާގައި ސާފުނުވާ ކަންތައްތަކެއް ހުރި ކަމަށް ބުނެއެވެ.

ދައުލަތުގެ ފަރާތުން މިއަދު ވަނީ އެ މައްސަލައިގެ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައެވެ.

ގާޒީ އިބްރާހިމް އަލީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި، ދެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޖަވާބު ދިނުމާއި އެކަންކަމާ ގުޅޭގޮތުން ޝަރީއަތުން ގޮތެއް ކަނޑައެޅުން އޮންނާނެކަން އިއުލާން ކުރެއްވުމަށްފަހުއެވެ.

މަހްލޫފުގެ މައްޗަށް މި ދައުވާ ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޭނާގެ މަށްޗަށް އަންނާނެއެވެ.

comment ކޮމެންޓް