ލައިސަންސް ނަގަން ބޭނުންވާ ޒުވާނުންނަށް ރަނުގެ ފުރުސަތެއް ހުޅުވާލަނީ

ލައިސަންސް ޓްރެކުގައި މީހަކު ސައިކަލު ދުއްވަން ދަސްކުރަނީ: ސަން ފޮޓޯ/ އާދަމް ނަޒީރު

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނަގަން ބޭނުންވާ ޒުވާނުނަށް ހާއްސަ ކޮށްގެން "އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ޓްރަންސްޕޯޓް އޮތޯޯރިޓީން ނިންމައިފިއެވެ.

އެ އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ މި، ޕްރޮގްރާމުގެ ދަށުން ލައިސަންސަށް އެދުމާއި ޓެސްޓްހެދުން ފަސޭހަވެގެންދާނެ ކަމަށެވެ.

ޕޮލިސް ރިޕޯޓުތަކަށް ބަލާއިރު އެންމެ ބޮޑު މައްސަލައަކީ ލައިސެންސް ނެތި ސައިކަލު ދުއްވުން ކަމަށާއި ލައިސަންސް ހަދަން މިހާރު ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ އެކަމަށް ހޭދަވާ ވަގުތު ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

މި މަސް ތެރޭ ފަށާ މި ޕްރޮގްރާމުގެ ދަށުން "ވަގުތުން ތިއަރީ ޓެސްޓާއި ދުއްވުމުގެ ޓެސްޓް ހަދައި ވަގުތުން ލައިސެންސް ހިފައިގެން ގެއަށް ދެވޭނެ" ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ 18 އަހަރާ 35 އަހަރާ ދެމެދުގެ މީހުންނަށް ނަމަވެސް ހުރިހާ ދިވެހި ރައްޔިތުންނަށްވެސް މި ޕްރޮގްރާމުގެ ދަށުން ލައިސެންސް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން A0A1, B1 އަދި C1 ކެޓަގަރީ އިން ލައިސެންސް ދޫކުރާނެ ކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމު ފެށުމަށް ނިންމާފައިވަނީ މާލޭގައި ނަމަވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ލައިސަންސް ދޫކުރާނީ ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.

comment ކޮމެންޓް