ވޯލްޑްކަޕްގެ ދުވަސްވަރު ރަޝިއާގައި ރާއްޖެ އިޝްތިހާރުކުރަނީ

ކުރިއަށް އޮތް ފުޓުބޯޅައިގެ އީދު، ވޯލްޑްކަޕްގެ ދުވަސްވަރު ރަޝިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީ އާއި ޓުއަރިޒަމް މިނިސްޓްރީ އިން މަސައްކަތް ފަށައިފިއެވެ.

އެގޮތުން ރަޝިއާގެ ވެރިރަށް މޮސްކޯގައި ދުއްވާ 100 ކާރުގައި ރާއްޖޭގެ ރީތި މަންޒަރުތަކުގެ އިޝްތިހާރު ޖަހަން ވަނީ ނިންމައިފައެވެ.

މިއަދު ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ފެބްރިއަރީ މަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތައްފަހު ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްދާނެ ހީނަރުކަމަކުން ސަލާމަތްވުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށާއި ވޯލްޑްކަޕް ކުރިއަށްދާއިރު ރަޝިއާގެ މޮސްކޯ ގައި ކުރިއަށްގެންދާ ހަރަކާތަކީ މީގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ކެބްވަޓައިޒިން އާ ގުޅިގެން ކުރިއަށްގެންދާ މި ކެމްޕެއިނާއެކު 17.7 މިލިއަން މީހުންގެ އާބާދީއަކަށް ވާސިލްވެވޭނެ ކަމަށް ކެބްވަޓައިޒިން އިން ބުނެއެވެ.

ރަޝިއާގައި ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ވޯލްޑްކަޕް ބެލުމަށް އެގައުމަށް ގިނަ އަދަދެއްގެ މީހުން ޖަމާވާނެތިއްޔާއި، މޮސްކޯ އަކީ މި މުބާރާތުގެ ފުރަތަމަ ބުރުގެ 8 މެޗުގެ އިތުރުން ދެވަނަ ބުރުގެ ދެމެޗާއި އެންމެ ފޯރިގަދަވާނެ ސެމީ ފައިނަލްގެ ދެ މެޗުގެ އިތުރުން ފައިނަލް މެޗު ކުޅެވޭ ސިޓީ އަށްވުމުން މި ސިޓީއަށް ގިނަ ބަޔަކު ޖަމާވާނެތީ، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މީގެ އިތުރުން ރަޝިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މަންްޒިލަކަށްވެފައި އެ ގައުމުގައި ރާއްޖެ އިޝްތިހާރު ކުރުމަކީވެސް މި ކެމްޕެއިނުގެ މަގްސަދެކެވެ.

comment ކޮމެންޓް