ދައުލަތަށް ގެއްލިފައިވާ ފައިސާގެ އަދަދު 29.7 ބިލިއަން ރުފިޔާއަށް އަރާ: ކޮމިޝަން

އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތަށް ގެއްލިފައިވާ ފައިސާގެ އަދަދު 29.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޗެއާ، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މިހާތަނަށް އެ ކޮމިޝަނުން ނިމިފައިވާ މައްސަލަތަކުގެ އަދަދު 3.8 ބިލިއަނަށް އަރާ ކަމަށެވެ. އަދި މިހާރު ބަލަމުންދަނީ 25 ބިލިއަން ރުފިޔާގެ މައްސަލަތައް ކަމަށް އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ މީގެ ތެރެއިން ބައެއް މައްސަލަތައް މަދަނީ ދައުވާ ކުރުމަށް މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށާއި ޕްރޮސިކުއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ބައެއް މައްސަލަތައް މިހާރު ކޯޓު މަރުހަލާގައި ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ. އެ މައްސަލަތަކުގެ ތެރޭގައި 20 އަހަރުވީ މައްސަލަތައްވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އެބަ ހިމެނޭ އެއާމޯލްޑިވްސް މައްސަލައާ އެފްޕީއައިޑީގެ މައްސަލަވެސް. އެހެންވީމަ މިއީކީ 17، 18 އަހަރުވެފަ ހުރި މައްސަލަތަކުގެ ވާހަކަ މި ދައްކަނީ. އެއާއެކުއެކީގައި އައިސް އެންމެ ފަހުން ދައުލަތުގެ މާލިއްޔާއިން އެންމެ ބޮޑު އެއްޗެއް ގެއްލުނު އަދި ރައްޔިތުންނަށް އެންމެ ބޮޑު އެއްޗެއް ގެއްލިގެންދިޔަ އެމްއެމްޕީއާރްސީގެ މައްސަލަ އަދި އޭގެ ފަހުންވެސް ހިނގާދިޔަ ކަންކަން،" އެ ކޮމިޝަންގެ މަސައްކަތް ތަފްސީލްކޮށްދެއްވަމުން މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ކާމިޔާބުވި ކަމަށް ގަބޫލުފުޅު ކުރައްވާނީ ކޯޓު މަރުހަލާގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް ހުކުމްކޮށް އެ ފައިސާ ލިބުމުން ކަމަށެވެ. އަދި ކޯޓް މަރުހަލާގެ ތެެރެއިން މި މައްސަލަތައް ނިމިގެންދާއިރު އެ ފައިސާ އަލުން ދައުލަތައް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އަޒްލީން ވިދާޅުވިއެވެ.

"އުންމީދު ކުރަން ކޯޓު މަރުހަލާގެ ތެރެއިން މި މައްސަލަތައް ނިމޭއިރު ރައްޔިތުންނަށް ގެއްލިފައިވާ ފައިސާ ލިބޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމާ އެކު ކުރިއަށްދާ އެ މަސައްކަތަކީ ފަހަރެއްގައިވެސް ސިޔާސީ މަސައްކަތެއް ނޫން ކަަމަށެވެ. ކޮމިޝަންގެ އަމާޒަކީ ރައްޔިތުންނަށް ގެއްލިފައިވާ ފައިސާ ހޯދައިދިނުން ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ދައުލަތުގެ ހުރިހާ މުވައްސަސާއަކުންވެސް އެއްބާރުލުން ލިބިފައިވާ ކަމަށް އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރު އަޒްލީން ވިދާޅުވީ ކޮމިޝަން އުފައްދާފައިވާ މުއްދަތު ޖުލައި މަހުގެ 20 ވަނަ ދުވަހަށް ހަމަވި ނަމަވެސް ރައީސުލްޖުމުހުރިއްޔާ މިހާރު އެ ކޮމިޝަން އަންނަ ނޮވެމްބަރު މަހާ ހަމައަށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް