ގާޒާގެ ގަތުލުއާންމު އެފްރިކަން ޔޫނިއަން އިން ކުށްވެރިކޮށްފި

އިސްރާއީލާއި ގާޒާ ގުޅޭ ބޯޑަރު ކައިރީ އިއްޔެ ކުރިއަށްގެން ދިޔަ މުޒާހަރާގައި 58 މީހަކު މަރުވެފައިވޭ -- ފޮޓޯ: އަލްޖަޒީރާ

އަދިސްއަބަބާ (މޭ 15): އިސްރާއީލާއި ގާޒާ ގުޅޭ ބޯޑަރު ކައިރީ އިއްޔެ މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނުގެ މީހުންގެ ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖަހައި، 58 މީހަކު ޝަހީދުކޮށްލި ހާދިސާ އެފްރިކަން ޔޫނިއަން އިން މިއަދު ކުށްވެރިކޮށްފި އެވެ.

އެފްރިކަން ޔޫނިއަންގެ ޗެއާޕާސަން މޫސާ ފާކީ މަހާމަތު ވިދާޅުވި ގޮތުގައި އިއްޔެ އިސްރާއީލް ސިފައިން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ދައުލަތެއް ގާއިމު ކުރުމަށާއި އިރުމަތީ ގުދުސަކީ އެދައުލަތުގެ ވެރިރަށް ކަމަށް ހެދުމަށް ކުރާ މަސައްކަތަށް އެޔޫނިއަންއިން ތާއިދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން މަހާމަތުގެ ބަޔާނުގައި ވަނީ އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމަކީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ސަބަބުން ފަލަސްތީނާއި އިސްރާއީލް ސުލްހަ ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިއްޔެ އެމެރިކާގެ އެމްބަސީ ގުދުސުގައި ހުޅުވި ރަސްމިއްޔާތުގައި އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕާއި ދަނބިދަރިކަލުން ޖެރަޑް ކުޝްނާ ބައިވެރިވެވަޑައިގެންނެވި އެވެ. ރައީސް ޓްރަމްޕް ވަނީ ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށް މިދިޔަ ޑިސެމްބަރު މަހު އިއުލާންކުރައްވައިފަ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިއްޔެ ގާޒާގައި ކުރިއަށްގެން ދިޔަ މުޒާހަރާގައި 58 މީހަކު ޝަހީދުވުމުގެ އިތުރުން 2،700 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އެއާ އެކު ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި މާޗް 30ގައި ފަލަސްތީނުގެ ރައްޔިތުން ފެށި މުޒާހަރާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު މިހާރު ވަނީ 107 އަށް އަރައިފަ އެވެ.

ފަލަސްތީނުގެ ރައްޔިތުން އެމުޒާހަރާތައް ފެށީ މިއަދު ފާހަގަ ކުރާ ނަގްބާ ދުވަހާ ދިމާކޮށެވެ. އެއީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން އެބިން ދޫކޮށް ދާން ޖެހުނު ދުވަހެވެ.

comment ކޮމެންޓް