ފުރަތަމަ ފަހަރަށް 5ޖީގެ ހިދުމަތް ފައްޓައި އުރީދޫ އިން ތާރީޚުގެ ތެރެއަށް

ގަތަރުގައި ހުންނަ އުރީދޫގެ ހެޑްކުއާޓާސް ----

ގަތަރުގެ އުރީދޫ އިން ދުނިޔޭގައި ފުރަތަމަ ފަހަރަށް ކޮމާޝަލް 5ޖީ ނެޓްވޯކުގެ ހިދުމަތްދޭން ފަށައިފި އެވެ.

އުރީދޫ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ނެޓްވޯކުގެ ސްޕީޑަކީ 2.3 ޖީޕީއެސް ކަމަށާއި އެ ކުންފުނިން ޚިދުމަތް ދެމުން އަންނަ އެހެން ގައުމުތަކަށް 5ޖީގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

އުރީދޫ އިން ގަތަރަށް 5ޖީ ނެޓްވޯކް ތައާރަފްކުރި ނަމަވެސް އެ ހިދުމަތް ލިބޭނީ އެ ކުންފުނިން ދޫކުރާ 5ޖީ ކޮމްޕެޓިބަލް ޑިވައިސް އެއް ބޭނުން ކޮށްގެންނެވެ. ދަ ޕާލް ގަތަރު އައިލެންޑުން ފެށިގެން ހަމަދް އިންޓަނޭޝަނަލް އެއާޕޯޓާ ހަމައަށް މިހާރު ހިދުމަތް ލިބޭނެ އެވެ.

އުރީދޫ ގަތަރުގެ ސީއީއޯ ވަލީދު އަލް ސައްޔިދް ވިދާޅުވީ އެ ކުންފުންޏަކީ ދުނިޔޭގައި 5ޖީގެ ހިދުމަތް ފުރަތަމަ ދޭން ފެށި ކުންފުނި ކަމަށެވެ.

އުރީދޫ ގަތަރުން ވަނީ 5ޖީ ޓްރައިއަލް އެއް ގަތަރު އެއާވޭސް އާ އެކު ކޮށްފަ އެވެ.

މިއަދު އެކުންފުންޏަށް މި ލިބުނު މާމިޔާބީ އަކީ ސްމާޓް ސިޓީގެ ތަސައްވަރު ހަގީގަތަށް ހެދުމުގައި ލިބުނު ކުރިއެރުމެކެވެ.

ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ އިން 2019 ވަނަ އަހަރު ތެރޭ މޯބައިލް ފޯނުތަކަށް މި ހިދުމަތް ދޭނެ އެވެ.

comment ކޮމެންޓް