ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް ފެށުން --- ފޮޓޯ: ބީއެމްއެލް

މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށްގެން ބީއެމްއެލް އިން ކުރިއަށް ގެންދާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި އެވެ.

މި ޕްރޮގްރާމަކީ ދަރިވަރުންނާއި ދަސްވެނިން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކޮށް އަމަލީ ތަޖްރިބާ ހޯދުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމު އަމާޒުކޮށްފައި ވަނީ ބޭންކުން މިހާރު ވެސް ކުރިއަށްގެންދާ "ބީއެމްއެލް ޕްރޮސްޕެކްޓް"ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށެވެ.

ބާރަ މަސް ދުވަހުގެ މި އިންޓާންޝިޕް ޕްރޮގްރާމަށް ޕްރޮގްރާމަށް 15 އިންޓާންސް ވަނީ ހޮވައިފަ އެވެ. އިންޓާނުންގެ ގޮތުގައި ހޮވުނު ފަރާތްތަކަށް ބޭންކުގެ އެކިއެކި ޑިޕާރޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބޭންކުން ބުންޏެވެ.

މިއާ އެކު މަސައްކަތަށް ބޭނުންވާ ގިނަ މައުލޫމާތު އިންޓާނުންނަށް ލިބޭނެ ކަމަށާއި އެ ބައިވެރިންގެ ހުނަރު އިތުރުވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ބޭންކުގެ ތަޖްރިބާހުރި ސީނިއާ މުވައްޒަކު "މެންޓާ" އެއްގެގޮތުގައި ކޮންމެ އިންޓާން އަކަށް ވަނީ ކަނޑައަޅައިފަ އެވެ. ޕްރޮގްރާމް ކާމިޔާބުކަމާ އެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމާ ގުޅޭ ގޮތުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ބޭންކާ ގުޅޭ ފުރަތަމަ ބެޗަށް މަރުހަބާ ކިޔާ ކަމަށެވެ. ޕްރޮގްރާމްގެ ދަށުން އިންޓާންސްގެ ގޮތުގައި ބޭންކާ ގުޅުނު ކުދިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، އަދި މެންޓާސްގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ފަރާތުން ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް