މާލެ ނުގޮސް ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް މިފަހަރު ވޯޓު ލެވޭނެ

އިންތިޚާބާ ގުޅޭ ގޮތުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އީސީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މާލެ ނުގޮސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު ކުރިއަށް ބޭއްވި ބައްދަލުވުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ މިފަހަރު އެ ކޮމިޝަންގެ އަމާޒަކީ އެއްވެސް ބުރަޔަކާއި ތަކުލީފެއް ނެތި ވޯޓުލެވޭނެ އިންތިޚާބަކަށް ހެދުން ކަމަށެވެ.

އަކްރަމް ވިދާޅުވީ ވޯޓުލާން މާލެ އައުމަކީ އަބަދުވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބުރައަކަށް ވެފައިވާ ކަމެއް ކަމަށެވެ. އެކަމާ ގުޅޭ ޝަކުވާތައް އަބަދުވެސް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަހަރު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާނީ ހުޅުމާލޭގައި ތިބެގެން. ވޯޓުލާން މާލެ ދާކަށް ނުޖެހޭނެ. އެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ދަނީ ކުރިއަށް،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ރީ ރަޖިސްޓްރީ ކުރުމާއި އިންތިޚާބާ ގުޅުންހުރި މުހިންމު ޚިދުމަތްތައްވެސް ހުޅުމާލޭއިން ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ވޯޓުގެ ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން. އެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް މިދަނީ. ހުޅުމާލެއަކީ ގިނަ އަދަދެއްގެ ރައްޔިތުން އުޅޭ ތަނަކަށް ވާއިރު އެ ތަނުގައި މިފަދަ އިންތިޒާމް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއް،" އަކްރަމް ވިދާޅުވިއެވެ.

ހުޅުމާލޭގައި މިހާރުވެސް 60،000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެއެވެ.

އަކްރަމް ވިދާޅުވީ މި ފަހަރުގެ އަމާޒަކީ ވީހާވެސް ފަސޭހަކަމާއި އަމަން އަަމާންކަމާއި އެކު މިނިވަން އަދި ފުރިހަމަ އިންތިޚާބެއް ބޭއްވުން ކަމަށެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުއެވެ.

comment ކޮމެންޓް