ފަލަސްތީނު ދިފާއުކުރުމުގެ ބަދަލުގައި އިސްރާއީލުގެ އިންޒާރުތައް ފޯރުކޮށްދޭ ޕޯސްޓްމަނަކަށް އަރަބިން!

އިސްރާއީލުން އިއްޔެ ޝަހީދުކޮށްލި ފަލަސްތީނުގެ 45 މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކުޑަކުދިން

ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމާއި އެކަމާބެހޭ ރަސްމިއްޔާތު ކުރިޔަށްދިޔަ ވަގުތު އިސްރާއީލުން ފަލަސްތީނުގެ އާންމުންގެ ގަޔަށް ބަޑިޖަހައި 45 މީހުން ޝަހީދުކޮށް 200 މީހުން ޒަޚަމްކޮށްލި ގަތުލުއާންމު ހިންގުމުންވެސް އަރަބިންނަށް އެއީ މައްސަލައަކަށް ނުވިއެވެ.

މިއީ މިފަހަކަށް އައިސް އިސްރާއީލާއި އެމެރިކާ ނުހިންގާ ވަރުގެ ބޮޑެތި ޖަރީމާތަކެވެ. އެބިމެއްގައި މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާ ހުންނަ ގުދްސުގެ އިރުމަތީ ބަޔަކީ 1967ގެ ހަނގުރާމައިގައި އިސްރާއީލުން ހިފައި ވެރިވެގެންފައިވާ ބިމެކެވެ. މިއުޅެނީ ފަލަސްތީނު މައްސަލައިގެ އެންމެ އަސާސީ ދެކަންތަކެކެވެ. އެއީ މުސްތަގްބަލްގައި ގާއިމްކުރުމަށް ފަލަސްތީނުން ސުލްހައިގެ ވާހަކަތަކުގެ އަސާސްކަމަށްވާ ގުދްސުގެ މައްސަލައާއި ރެފިއުޖީންގެ ގޮތުގައި އިސްރާއީލުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުން އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ހައްގު ދިނުމުގެ މައްސަލައެވެ.

މިދެކަންތަކާނުލައި ފަލަސްތީނުގެ މައްސަލައެއް ނޯންނާނެއެވެ. ދައްކާނެ ސުލްހައިގެ ވާހަކަތަކެއްވެސް ނޯންނާއެވެ. މިދެކަމަކީވެސް އިސްރާއީލުން އިންކާރުކުރާ ދެކަންތަކެވެ. ސުލްހައިގެ ވާހަކަތަކަށް ކުރިއެރުން ނުލިބެނީ މިއިން އެއްވެސް ހައްގެއް ފަލަސްތީނަށް ދިނުމަށް އިސްރާއީލު ދެކޮޅުހަދާތީއެވެ. ނަމަވެސް މިހާރުގެ މައްސަލައަކީ މިދެކަމާ އިސްރާއީލު ދެކޮޅު ހެދުމެއްނޫނެވެ. އެމެރިކާވެސް އިސްރާއީލު ކޮޅަށް ރަސްމީގޮތުންޖެހި މިދެ މައްސަލައަށް އިންކާރުކޮށް އިސްރާއީލުގެ މި ސިޔާސަތު ގަބޫލުކުރުމެވެ. ފަލަސްތީނުގެ ހައްގުތަކަށް އަރައިގަތުމަކީ ފަލަސްތީނުގެ ބިންތައް ފޭރުމަކީ އަދި ފަލަސްތީނުގެ ރެފިއުޖީންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫއަވުމުގެ ފުރްސަތު ނުދިނުމަކީ މައްސަލައެއް ނޫންކަމާއި އިސްރާއީލުގެ ހައްގުތައް އެކަނި އޮތުމުން ފުދޭކަމަށް ރަސްމީ ސިފައެއްގައި އެމެރިކާ ގަބޫލުކޮށް އެކަން އިސްރާއީލާ ގުޅިގެން ތަންފީޒު ކުރަންފެށުމެވެ.

އެމެރިކާގެ އެންބަސީ ގުދްސުގައި ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާއާއި އިސްރާއީލުގެ މަސްއޫލުވެރިން އުފާ ކުރައްވަނީ

ކުރިން އެމެރިކާ އިސްރާއީލަށް ތާއީދުކުރިނަމަވެސް އިސްރާއީލުގެ ސިޔާސަތުތަށް ތަންފީޒުކުރުމުގައި ސީދާ ގޮތެއްގައި ބައިވެރިއެއް ނުވެއެވެ. ރެފިއުޖީންގެ އެނބުރި އައުމުގެ ހައްގާއި ހިފާފައިވާ ބިންތަކުން (ގުދްސުފަދަ) ފޭބުމަކީ އދ. ގެ ޗާޓަރުގައި ބުނާ ހައްގުތަކެކެވެ. ސަލާމަތީ މަޖިލީހުގެ ގަރާރުތަކުންވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެހެންކަމުން އެމެރިކާ މިވަނީ ބައިނަލްއަގްވާމީ ގާނޫނާ އދ. ގެ ޗާޓަރާ އަދި ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ގަސްދުގައި ގޮންޖަހައި އިސްރާއީލުގެ އިސްތިއްމާރީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެފައެވެ.

އަނެއް މައްސަލައަކީ ފަލަސްތީނުގެ ހައްގުގައި ފަލަސްތީނުގެ ދިފާއުގައި ހަރަކާތްތެރިވެ ބަސްބުނަމުން އިސްރާއީލު ކުށްވެރިކުރަމުން ދިޔަ އަރަބި ގައުމުތައް ފަލަސްތީނަށް ފުރަގަސްދިނުމެވެ. ފަލަސްތީނު ރައްޔިތުންނާ އަޅާނުލައި އިސްރާއީލާ އަޑިއަޑިން ގުޅުންއުފައްދަން ފެށުމެވެ. މީގެހެއްކަކަށް ސައޫދީ އާއި ޔޫއޭއީ އަދި ބަހްރައިން ފަދަ ގައުމުތަކުން އިސްރާއީލާ ގުޅުންތައް އުފައްދައި ގުދްސުގެ މައްސަލައާއި ފަލަސްތީނުގެ ދައުލަތުގެ މައްސަލައާއި ރެފިއުޖީންގެ ހައްގުތަކުގެ މައްސަލަފަދަ ކަންކަމާ އަޅާ ނުލުން ހިމެނެއެވެ.

ފަލަސްތީނުގެ ހައްގުތަކާއި ފަލަސްތީނުގެ ދިފާއުގައި އިސްރާއީލާ ދެކޮޅަށް ވަކާލާތު ކުރަމުން އަޑުއުފުލަމުން ދިޔަ އަރަބި ގައުމުތައް އެކަންތައްތައް މިއަދު މިވަނީ ދޫކޮށްލާފައެވެ. އަދި ދޫކޮށްލުމުގެ އިތުރުން އަރަބި ބޮޑެތި ގައުމުތައް ގެންދަނީ އިސްރާއީލާއި އެމެރިކާ ބޭނުންވާ ގޮތެއް ގަބޫލުކުރުމަށް ފަލަސްތީނަށް ބާރުއަޅައި ފަލަސްތީނަށް ފިއްތުންތައް ކުރިމަތިކޮށް އިންޒާރުވެސް ދެމުންނެވެ.

ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ދާދިފަހުންވަނީ އިސްރާއީލާއި އެމެރިކާ ބޭނުންވާ ގޮތަކަށް ފަލަސްތީނުގެ މައްސަލަ ހައްލު ކުރަން ބޭނުންނުވާނަމަ ފަލަސްތީނު މައިތިރިވެ އަނގަ ބަންދުކޮށްގެން ތިބުމަށް ގޮވާލައްވައި އެމެރިކާގެ ވޮޝިންޓަން ޕޯސްޓަށް ބަސްދީ ގަތުމެއް ދެއްވާފައެވެ. ބަހްރައިންގެ ޚާރިޖީ ވަޒީރުވަނީ ގުދްސުގެ މައްސަލައަކީ އެކަމައިގެން އުޅޭވަރުގެ މުހިއްމު މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ.

އެމެރިކާގައި ހުންނަވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ)ގެ ސަފީރު ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގައި ނަތަންޔާހޫއާއި އޭނާގެ އަނބިކަނބަލުންނާ ބައްދަލުކުރައްވައި އިޙްތިރާމް އަދާކުރައްވައި އެދެބޭފުޅުންގެ ޝަރަފުގައި ރަސްމީ ފަރިއްކޮޅެއް ދެއްވައިފައެވެ. އަދި އިސްރާއީލުގެ މުވާސަލާތާބެހޭ ވަޒީރު ވަނީ ޔުއޭއީއަށް ޒިޔާރަތް ކުރުމަށް ރަސްމީ ސިފައެއްގައި އޭނާއަށް ދައުވަތު ލިބިވަޑައިގެންފައި ކަމަށް މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ. އަދި ލަސްތަކެއްނުވެ ސައޫދީ ޔޫއޭއީ އަދި ބަހްރައިންގެ މަސްއޫލުވެރިން ފާޅުގައި އިސްރާއީލަށް ޒިޔާރަތް ކުރައްވަން ފައްޓަވާނެކަމަށްވެސް އިސްރާއީލުގެ ވަޒީރު ވިދާޅުވިއެވެ.

އިސްރާއީލު ވެރިވެގެންފައިވާ ގުދްސަށް އެމެރިކާގެ އެންބަސީ ބަދަލުކުރުމުންނާ އަދި ރެފިއުޖީންގެ ހައްގުތަކަށް ގޮވާލައި މުޒާހަރާކުރި ފަލަސްތީނު ރައްޔިތުންގެ ގަޔަށް ބަޑިޖަހައި 45 މީހުން ޝަހީދުކޮށްލުމުންވެސް އެކަން ކުށްވެރިކުރީ އަލްޖަޒާއިރާއި ތޫނިސްއާއި ސޫދާން އަދި އިރާގު ފަދަ މަދު އަރަބި ގައުމުތަކަކުންނެވެ. އެހެން އަރަބި ގައުމުތައް ޗުއްޕުވެސް ނުބުނެ ތިބީ ހިމޭނުންނެވެ. އިސްރާއީލު ކުށްވެރިވެސް ކޮށްނުލައެވެ.

ދެން މިދެ ޖަރީމާ ކުށްވެރިކުރީ ތުރުކީ ދެކުނު އެފްރިކާ އާއި ބޮލީވިޔާއާއި އީރާނާއި ޕާކިސްތާން އިންޑޮނީޝިޔާ އަދި މެލޭޝިޔާފަދަ އަރަބި ނޫން ގައުމުތަކުންނެވެ. ތުރުކީންވަނީ އެމެރިކާއަކީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގައި އިސްރާއީލުގެ ބައިވެރިއެއްކަމަށްވާތީ ސުލްޙައިގެ އެއްވެސް ކަމެއްގައި އެމެރިކާއަށް ޖާގަނެތްކަމަށް ބުނެފައެވެ. އަދި ތުރުކީންވަނީ އިސްރާއީލުން ޣައްޒާގެ ބޯޑަރުގައި 45 މީހުން ޝަހީދުކޮށްލައި ހިންގި ގަތުލުއާންމާ ގުޅިގެން 3 ދުވަހުގެ ހިތާމަ އިއުލާންކޮށްފައެވެ.

ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުތަކަށް ގޮވާލައި މީގެ ހައެއްކަ ހަފްތާކުރިން ޣައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ފަލަސްތީނުގެ އާންމުން މުޒާހާރާކުރަންފެށިފަހުން މިއީ އެއްދުވަހެއްގައި މިހާ ގިނަ އަދަދެއްގެ ފަލަސްތީނު މީހުން ޝަހީދުކޮށްލި ފުރަތަމަ ފަހަރެވެ. އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ ލެއިން އެސަރަހައްދުގައި ކޯރުހެދިފައިވާއިރު އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމުގެ ރަސްމިއްޔާތު ބޭއްވި ވަގުތާ ދިމާކޮށް މި ގަތުލުއާންމު ހިންގީ ދުރާލައި ރާވައިގެން ފަލަސްތީނު ރައްޔިތުން ދެން މުޒާހަރާނުކުރާވަރަށް ބިރު ދައްކާލުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ 250 މަސްއޫލުވެރިންގެ މައްޗަށް އެކުލެވޭ ބޮޑު ވަފްދެއް ބައިވެރިވިއިރު އޭގެތެރޭގައި އެމެރިކާގެ މާލީ ވަޒީރުގެ އިތުރުން ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާއާއި އެކަމަނާގެ ފިރިކަލުން ޖަރެޑް ކުޝްނާއާއި ކޮންގްރެސްގެ ހަރުކަށި ޚިޔާލުގެ ގިނަ މެންބަރުންތަކެއް ހިމެނެއެވެ.

މިރަސްމިއްޔާތުގައި ޓްރަމްޕްގެ ޚިތާބެއްވެސް އިއްވިއެވެ. އެންބަސީ ބަދަލުކުރުމުގެ އިހްތިފާލްގައި އެމެރިކާގެ މަސްއޫލުވެރިންނާއި އިސްރާއީލުގެ މަސްއޫލުވެރިން އުފާފާޅުކޮށް މަޖާކުރަމުން ދިޔައިރު އިސްރާއީލު ސިފައިން ގެންދިޔައީ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށް ގަތުލުއާންމު ހިންގަމުންނެވެ. އަތުގައި އެއްވެސް ހަތިޔާރެއްނެތި ސުލްޙަވެރިކަމާއެކު ހައްގުތަކަށް ގޮވާލައި މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑިޖަހައި 45 މީހުން ޝަހީދުކޮށް ދެހާހަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލުމުންވެސް އިސްރާއީލު މިވަނީ ޑިމޮކްރެޓިކް ގައުމަކަށެވެ.

މިފަދަ ބޮޑެތި ޖަރީމާތަކަށް ހިތްވަރުދީ އިސްރާއީލު ދިފާއުކުރާ އެމެރިކާވެސް މިވަނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ފިލާވަޅު އެހެން ގައުމުތަކަށް ދޭ ޑިމޮކްރަސީގެ ބައްޕައަށެވެ.

comment ކޮމެންޓް