ދިރާގުގެ ހިއްސާ އަކަށް 11.81 ރުފިޔާ ބަހަން ފާސްކޮށްފި

ކުރުނބާ މޯލްޑިވްސްގައި ދިރާގުން ބޭއްވި 29 ވަނަ އަހަރީ އާންމު ޖަލްސާގައި ވަނީ، ކުންފުނީގެ ފައިދާއިން ހިއްސާދާރުންނަށް 11.81 ރުފިޔާ ބަހަން ނިންމާފައި-- ސަން ފޮޓޯ: ޖަޒްލާން

މިދިޔަ އަހަރު ދިރާގަށް ލިބުނު ފައިދާގެ ތެރެއިން ހިއްސާއަކަށް 11.81 ރުފިޔާ ހިއްސާދާރުންނަށް ބަހަށް ފާސްކޮށްފިއެވެ.

މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓްގައި ބޭއްވި ދިރާގުގެ 29 ވަނަ އަހަރީ އާންމު ޖަލްސާގައި ދިރާގުގެ ހިއްސާއަކަށް 11.81 ރުފިޔާ ބަހަށް ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެތިބި 92 ޕަސެންޓް ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.

އެ ކުންފުނިން ފައިދާގެ ގޮތުގައި ބަހަން ނިންމާފައިވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު 897.6 މިލިއަން ރުފިޔާގެ ފައިދާއެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ ވިދާޅުވީ، މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން ނިންމާފައިވަނީ، މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓަރީ ވެފައިވާ މީހުންނަށް ކަމަށެވެ.

އަޝްމަލީ ވިދާޅުވީ، ވޭތުވެ ދިޔަ އަހަރަކީ ކުންފުންޏަށް ބޮޑު ބަދަލުތަކެއް ގެނެސް އައު ހިދުމަތްތަކެއް ތައާރަފްކުރި އަހަރެއް ކަމަށެވެ. އަދި ހަމަ އެގޮތަށް މި އަހަރުވެސް އެ ކުންފުނީގެ ފަރާތުން އައު ހިދުމަތްތަކެއް ފެނިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި، ކުރިއަށް އޮތް އަހަރަށް ކުންފުނި އޮޓިޑް ކުރުމަށް ނަގާފައިވަނީ ކުރީ އަހަރުވެސް އެކުންފުނީގެ އޮޑިޓް ފާމްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކޭޕީއެމްޖީ އެވެ. އަދި އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ހޮވާފައިވަނީ މިދިޔަ އަހަރުވެސް އެ މަގާމުގައި ހުންނެވި އިމްރާން އަލީއެވެ.

ދިރާގުގެ ހިއްސާ ބެހިފައިވާ ގޮތަކީ، ބަހުރެއިންގެ ބަޓެލްކޯގެ 52 ޕަސެންޓް، ދިވެހި ސަރުކާރުގެ 41.2 ޕަސެންޓް ހިއްސާ އަދި އާއްމު ހިއްސާދާރުންގެ 6.2 ޕަސެންޓް ހިއްސާ ހިމެނޭ ގޮތަށެވެ.

މިރޭގެ ޖަލްސާގައި 116 ހިއްސާދާރުންބައިވެރިވެފައިވާއިރު، ޖަލްސާގައި ހުރިހާ އައިޓަމް ތަކަށް ވެސް ވޯޓުލާފައިވަނީ "ފަހިވޯޓް" ސިސްޓަމުންނެވެ.

comment ކޮމެންޓް