ރަމަޟާންމަހާ ދިމާކޮށް އެމްއެންޔޫއެސްޔޫގެ ފަރާތުން ދީނީ ސުވާލު މުބާރާތެއް ބާއްވަނީ

އެމްއެންޔޫއެސްޔޫ ދީނީ ސުވާލު މުބާރާތް 2018 ގެ ޕޯސްޓަރެއް--ފޮޓޯ: އެމްއެންޔޫއެސްޔޫ

ރަމަޟާންމަހާ ދިމާކޮށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ފަރާތުން ދީނީ ސުވާލު މުބާރާތެއް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެންޔޫއެސްޔޫގެ ރައީސް އަރުޝަދު އަޝްރަފް "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މުބާރާތް ކުރިއަށްދާނީ އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކަމަށެވެ.

"އެމްއެންޔޫއެސްޔޫ ދީނީ ސުވާލު މުބާރާތް 2018"ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި ކޮންމެ ދުވަހަކުވެސް ސުވާލެއް "ޕޯސްޓް" ކުރާނެ ކަމަށް އެމްއެންޔޫއެސްޔޫ އިން ބުންޏެވެ. އަދި ބުނީ ސުވާލުގެ ޖަވާބު ދިނުމަށް ގޫގުލް ފޯމްސްގެ ލިންކެއްވެސް ސުވާލާއެކު ޕޯސްޓުކުރާނެ ކަމަށެވެ.

އެމްއެންޔޫއެސްޔޫއިން ބުނީ އެ މުބާރާތުގައި ރަމަޟާންމަހުގެ ކޮންމެ ދިހަ ދުވަހަކުން އެންމެ ގިނަ ޖަވާބު ދިމާކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަރާތްތަކަށް އިނާމުދިނުމަށް ނިންމާފައިވާ ކަަމަށެވެ. އަދި އޭގެ އިތުރުން މުޅި މުބާރާތުގައި އެންމެ ގިނަ ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައިގެން ބޮޑު އިނާމެއްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޔޫއެސްޔޫއިން ބުންޏެވެ.

comment ކޮމެންޓް