މުހައްމަދު ރަސޫލުﷲ ސިލްސިލާގެ ލަވައާ އެކު ރޯދަމަހުގެ ރަން ހަނދާންތައް

"މުހައްމަދު ޔާ ރަސޫލުﷲ" ލަވައިގެ ކަވާ ލަވައިގެ ލީޑު ވޯކަލިސްޓް، މިސްރުގެ ލަވަކިޔުންތެރިޔާ ހަލާ ރުޝްދީ ---

ޒަމާނުއްސުރެ ރަމަޟާން މަހާއި ދިވެހީންނާ ގުޅޭ އެއް ކަމަކީ، ރަމަޟާން މަހު ޓީވީއެމްއިން ގެނެސްދޭ "މުހައްމަދު ރަސޫލުﷲ" ސީރީޒެވެ. އެންމެ ކުޑަ އިރުއްސުރެ ޓީވީއިން ފެންނަ މި ސީރީޒް ވަނީ ހަޔާތާ ގުޅިފައިވާ ކަމަކަށް ވެފައެވެ. ގޭތެރޭގެ ސަގާފަތަކަށް ވެފައެވެ.

ދިވެހި ބަހުން ޑަބް ކޮށްގެން ޓީވީއެމްއިން ގިނަ އަހަރުތަކެއް ވަންދެން މެދުކެނޑުމެއް ނެތި ދައްކަމުން ދިޔަ މިސްރުގެ މި ޓީވީ ސިލްސިލާގެ އަހުލުވެރިންނަށް މި އަހަރު އޮތީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. އެއީ، އެ ސިލްސިލާ މިއަހަރު ޓީވީއެމްއިން ނުދައްކާނެކަމަށް ޓީވީއެމް ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ބުނެފައިވާ ބުނުމެވެ.

އެހެން ނަމަވެސް ގިނަ ބަޔަކަށް ވަރަށް އުފާވެރި މަންޒަރެއް ސޯޝަލް މީޑިއާއިން މިވަނީ ދާދި ފަހުން ފެނިފައެވެ.

މިސްރުގެ ސީބީސީ ޗެނަލުން ދައްކާ "ސާހިބަތުއް ސަޢާދާ" ކިޔާ ވީކްލީ ޝޯއެކެވެ. މިއީ މިސްރުގެ ތާރީޚުގައި ހިނގާފައިވާ އިޖްތިމާއީ އަދި ސިޔާސީ ހާދިސާތަކާ ގުޅޭގޮތުން ވާހަކަދައްކާ ޝޯއެކެވެ. މިސްރުގެ ފިލްމީ ތަރި އިސްއާދު ޔޫނުސް ހުށަހަޅާ މި ވީކްލީ ޝޯއަށް ކޮންމެ ހަފްތާއަކުވެސް މަޝްހޫރު ފަރާތެއް، މެހެމާނެއްގެ ގޮތުގައި ގެނެއެވެ.

މިދިޔަ ހަފްތާގައި ދެއްކި ސާހިބަތުއް ސައާދާ ޝޯގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވީ ދިވެހީންގެ ހިތްތަކުގައި ނޭނގި ނަމަވެސް ވަރަށް ޚާއްސަ ޝަރަފެއް ދެވިފައިވާ މިސްރުގެ ކަނބަލެކެވެ. ނަމަކީ ޔާސްމީން ޚައްޔާމެވެ.

ޔާސްމީން ޚައްޔާމަކީ މުހައްމަދު ރަސޫލުﷲ ސިލްސިލާގެ އޮރިޖިނަލް ތީމް ލަވަ ކީ ލަވަކިޔުންތެރިޔާއެވެ.

ޔާސްމީންގެ ޝަރަފުގައި "ސާހިބަތުއް ސައާދާ" ޝޯގައި، އޭނާގެ އަޑުން ކިޔާފައިވާ އެންމެ މަޝްހޫރު އެއް ލަވަ، "މުހައްމަދު ޔާ ރަސޫލުﷲ" ގެ ކަވާއެއް ހުށަހަޅައިދިނީއެވެ.

މިސްރުގެ ސީބީސީ އިޖިބްޓް ޗެނަލުން ދެއްކި "ސާހިބަތުއް ސައާދާ" ޝޯގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވި، "މުހައްމަދު ރަސޫލުﷲ" ސިލްސިލާގެ ތީމް ލަވަ ކީ ޔާސްމީން ޚައްޔާމް --

މުހައްމަދު ރަސޫލުﷲ ސިލްސިލާގެ އޮރިޖިނަލް ލަވައިގެ މިއުޒިކަށް، އެއް އިހުސާސްތަކެއް ގެނުވައިދިން މި ކަވާ ލަވައިގައި، ޔާސްމީން ޚައްޔާމް ކިޔާ ބައިތައް ކީ ލީޑު ވޯކަލިސްޓަކީ މިސްރުގެ ޒުވާން، މަގުބޫލު ލަވަކިޔުންތެރިޔާ ހަލާ ރުޝްދީއެވެ.

މިސްރުގެ މިއުޒިކް ކޮންޑަކްޓަރު މުހައްމަދު އުސްމާންގެ އިރުޝާދުގެ ދަށުން، އޯކެސްޓްރާ ބޭންޑަކާ ވެސް އެކު "ސާހިބަތުއް ސައާދާ" ޝޯގައި "މުހައްމަދު ޔާ ރަސޫލުﷲ" ލަވަ ހުށަހަޅައިދިން ވަގުތު، ލަވައިގެ އޮރިޖިނަލް ކިޔުންތެރިޔާ ޔާސްމީން ޚައްޔާމް ޓީވީއެއް މެދުވެރިކޮށް އެ ހުށަހެޅުން ބަލަން އިނދެއެވެ.

މިސްރުގެ ސީބީސީ އިޖިބްޓް ޗެނަލުން ދެއްކި "ސާހިބަތުއް ސައާދާ" ޝޯގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވި، "މުހައްމަދު ރަސޫލުﷲ" ސިލްސިލާގެ ތީމް ލަވަ ކީ ޔާސްމީން ޚައްޔާމް އަދި ޝޯގެ ހޯސްޓު އިސްއާދު ޔޫނުސް --

އޭނާއާ އެކު، އެ ޝޯގެ ހޯސްޓް އިސްއާދު ޔޫނުސްވެސް ހުރެއެވެ. ހުށަހެޅުން ކުރިއަށް ދާ ވަގުތު ޔާސްމީން ޚައްޔާމްގެ މޫނުމަތިން ފެންނަނީ ޖަޒުބާތުގެ އަސަރުތަކެވެ.

ސީބީސީ އިޖިޕްޓް ޗެނަލްގެ ފޭސްބުކް ޕޭޖުގައި އާންމުކުރި މި ވީޑިއޯ މިދިޔަ ހަފްތާއިން ފެށިގެން ދަނީ ދިވެހީންގެ ފޭސްބުކް ޓައިމްލައިންތަކާއި ޗެޓު ގްރޫޕުތަކުގެ ވައިގައި ވެސް ހިފަމުންނެވެ.

ސީބީސީ އިޖިޕްޓް ޗެނަލުން ދެއްކި ސާހިބަތުއް ސައާދާ ޝޯގައި ދެއްކި ލަވަ ހުށަހެޅުން ---

"ސާހިބުއް ސައާދާ"ގެ މިދިޔަ ހަފްތާގެ ޝޯގައި "މުހައްމަދު ޔާ ރަސޫލުﷲ" ލަވައިގެ އޮރިޖިނަލް ލަވަކިޔުންތެރިޔާގެ އިތުރުން އެހެން މެހެމާނުންވެސް ބައިވެރިވިއެވެ. އަދި 1980 އާއި 90 ގެ އަހަރުތަކުގައި މިސްރުގައި މަގުބޫލުކަން ހޯދި ގިނަ ލަވަތަކެއްގެ ކަވާތަކެއް ހުށަހެޅިގެން ދިޔައެވެ.

ޕީއެސްއެމްއިން މިއަހަރުގެ ރަމަޟާން މަހު "މުހައްމަދު ރަސޫލުﷲ" ސިލްސިލާ ނުދެއްކުމަށް ނިންމުމަކީ ގިނަ ބައެއްގެ ދުވަހަށް ފަނޑުކަމެއް ގެނުވާނެ ކަމެކެވެ. އެހެން ނަމަވެސް މި ވީޑިއޯގެ ޒަރިއްޔާއިން ގައިން ހީބިހި ނަގައިގެންދާ ވަރުގެ ހަނދާންތަކާއި އަސަރުތައް ގެނެސްދީފިއެވެ.

comment ކޮމެންޓް