ޝާހީ ކައިވެންޏަށް ދައުވަތު ނުލިބުމުން މޭގަންގެ ބޭބެ އާދޭސްކުރަނީ!

ޕްރިންސް ހެރީ އަދި މޭގަން މާކްލްގެ ކައިވެނި ހޮނިހިރު ދުވަހު ---

ޕްރިންސް ހެރީއާއި މޭގަން މާކްލްގެ ކައިވެނި ކުރެވެން، ދެންއޮތީ ހަތަރު ވަރަކަށް ދުވަހެވެ. މި ކައިވެންޏަށް އިނގިރޭސިވިލާތުގެ އިތުރުން މުޅި ދުނިޔެ އިންތިޒާރުކުރަމުން ދާއިރު ޝާހީ ކައިވެނީގެ ކަންތައް އިތުރަށް ޝައުގުވެރިވަނީ މި ކައިވެންޏާ ގުޅޭގޮތުން މޭގަންގެ ބޭބެ ދާދި ފަހުން މީޑިއާއަށް ފޮނުވި ސިޓީއެއްގެ ސަބަބުންނެވެ.

މޭގަންގެ ބޭބެ ތޯމަސް މާކަލް ޕްރިންސް ހެރީއަށް މީގެ ކުރިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މޭގަންއާ ކައިވެނި ކުރުމަކީ ޝާހީ އާއިލާއަށް ލިބޭނެ ލަދެއް ކަމަށެވެ. މޭގަން އަކީ ބައްޕަ އާއެކު ވެސް މާ ގާތްގުޅުމެއް ބާއްވާ މީހެއް ނޫން ކަމަށާއި އާއިލާގެ އެއްވެސް މެންބަރަކަށް މޭގަންގެ ކައިވެނީގެ ދައުވަތު ނުދޭ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

އަދި މޭގަންއަކީ އާއިލާއާ ދުރުން އުޅޭ މީހެއް ކަމަށާއި އެކަމަނާގެ އުޅުމަކީ ހޮލީވުޑުން ލިބުނު މަޝްހޫރުކަމުގައި ހަލާކުވެފައިވާ އެއްޗެއް ކަމަށް ވެސް ބުނެފައިވެއެވެ. ކައިވެންޏަށް ދައުވަތު ނުދިނުމުން އެކަމާ ދެރަ ނުވާކަމަށްވެސް ތޯމަސް ވަނީ ބުނެފައެވެ.

ނަމަވެސް ތޯމަސް މިހާރު މިވަނީ ޝާހީ ކައިވެންޏަށް ދައުވަތު ދިނުމަށް އެދި އާދޭސްކޮށް ސިޓީއެއް ފޮނުވައިފައެވެ. ބައްޕައާއި ދެމީހުންނަށް ކައިވެނީގެ ދައުވަތު ފޮނުވައިދިނުމަށް އެދި ފޮނުވި ސިޓީގައި ބުނީ ކޮއްކޮގެ ހަޔާތުގައި އަންނަ މުހިއްމު ދުވަހުގައި ބައިވެރިވުމުގެ ފުރުސަތު ދޭން އެދޭ ކަމަށެވެ.

ބައްޕައަށްވެސް ކައިވެނީގެ ދައުވަތު ނުދޭ ކަމަށް ތޯމަސް ބުނި ނަމަވެސް މި ކައިވެނީގައި މޭގަންގެ ބައްޕަ ބައިވެރިވާނެ ކަމަށް ކެންސިންޓަން ޕެލަސް އިން ބުނެއެވެ.

ތޯމަސް ވަނީ މީގެ ކުރިން މޭގަންއަށް އެއްޗެހި ކިޔައި ފޮނުވުނު ސިޓީއަށް މައާފަށް އެދިފައެވެ.

comment ކޮމެންޓް