ތަފާތު ލޯތްބެއް - 05

"މިވަދެވުނީ ނުވެސް ދަންނަ ގެއަކަށް. މިގެއިން ކޮންމެފަދަ މީހަކުވެސް ނުކުމެދާނެ. މާލެއިން މިކަހަލަ ގެއެއްނުވެސް ފެނޭ. ބިރުވެސް އެބަގަނޭ. އެކަމަކު ހާދަ ބިޔަގަސްތަކޭ އެހާ ރީތި ފިނިފެންމާ ގަސްތަކެއްވެސް އެބަހުރި. ހާދަހާ ރީއްޗޭ. ވާރޭވެހޭ މަންޒަރު ބަލާލަން އެންމެ ރީތީ މިކަހަލަ ތަނެއްގައި ހުރީމަ. މިހާ ރީތިކޮށް ގަސްތައް އިންދާނީ މިގޭ މަންމަކަން ނޭގޭ. އަންހެންކުދިން ނޫޅޭނަމަ މިހާ ރީތިކޮށް ގަސް އިންދާފައެއް ނުހުންނާނެ........." ކެމީލާ ތަބުގައި ހުރި އޯކިޑްތަކަށް ބަލައިލިއެވެ. ނޫކުލައިގެ އެ ރީތިމާ ފެނިފައި އާޝޯޚުވެގެން މަޑުމަޑުން އަތްލީ އަސްލު މަލެއްތޯ ބަލައިލަންވެގެންނެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފިއެވެ. ކެމީލާ ބަލާނުލާ ދުއްވައިގަންނަން އުޅުނުނަމަވެސް ދެފައި ބިންމަތީގައި ތެރަސްޖަހާ ތަތްކޮށްލާފައި ހުރިފަދައެވެ. އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅުނެވެ.

"ތި ބްލޫ އޯކިޑް ބިނަސް ރަގަޅުވާނެ....." ކޮންމެވެސް މީހަކު އިނގިރޭސިން ބުނެލިއިރު އެ އަޑުގައި ވީ ޖާދޫއެކެވެ. ކެމީލާގެ ހިތުގެ ވިންދު އަވަސްވެގަތްގޮތަށް ހަތަރެސްފައި ފިނިވެލައިފިއެވެ. ދެފައިވެސް ޖެލީކޮޅަކަށްވީ އެ ރީތި އަޑު ކަންފަތުގައި ޖެހިފައެވެ. ކެމީލާ އެނބުރި ބަލައިލީ ހާސްކަމާއި އެކުގައެވެ.

ފެންޑާގައި ޖިންސްގެ ޖީބަށް ދެއަތް ޖަހާލައިގެން ހުރީ ޖޯންއެވެ. ލިބުނު ޝޮކްގެ ސަބަބުން މޫނު ހުދުވެ ތަބުގައި ބާރަށް ހިފަހައްޓާލެވުނުއިރު އަތުގެ އިނގިލިތަކުގެ ހުޅުތަކުންވެސް ލޭ ހުސްވިފަދައެވެ. އެހާ ބާރަށް ހިފެހެއްޓުނެވެ. ފައިގާ ކޮޅަށް ހުންނާނެވަރެއްވެސް ނެތެވެ. ޖޯން ކޮށްފާނެ ކަމަކާއިމެދު ބިރުގަނެ ނުދަންނަ ތަނަކަށް ވަދެވުނު ކަމުގެ މޮޔަހީވިއެވެ.

"އޯ.....ކިހިނެއް ތިވަނީ. ފެއިންޓްވަނީތަ.........ރިލެކްސް އައިމް ނޮޓް އެ ގޯސްޓް........" ކައިޒާން ދެއަތް އުފުލާލީ އަމާންދޭފަދަ ގޮތަކަށެވެ.

"ޔޫ......އިޓްސް ޔޫ. އެދުވަހު ކާރަށް އެރުވީ. އަހަރެންގެ އައިޑީ ގެންދިޔައީ.........." ކެމީލާއަށް ބުނެވުނެވެ. އެ ޒުވާނާ އަނގަޔަށް ހަދައިލިގޮތުން އޭނަ އެބުނި އެއްޗެއް ދޭހަނުވެގެން ހުރިފަދައެވެ. އެދެލޮލުގައިވާ މެސެޖް ކެމީލާއަށް ނެގުނީ އެންމެ މާނައެކެވެ. އޭނަ މޮޔަވީހެއްޔޭ އަހާފަދަ ބެލުމެކެވެ.

"ކުރީ ދުވަހު އަހަރެން ގަދަކަމުން ކާރަށް އެރުވީ....."

"ހޭވް ވީ މެޓް ބިފޯ؟" އެޒުވާނާ ހައިރާންވިފަދަ ގޮތަކަށް ދެބުމަ ގޮށްޖަހާލައިފިއެވެ. ކެމީލާ އެބުނާ ދުވަހެއް އެއްގޮތަކަށްވެސް އޭނަ ހަދާނެއްނުވިފަދައެވެ. ކެމީލާ ކުއްލިއަކަށް ރުޅިއަންނަގޮތްވެ މޫނަށް ރަތްކުލަ އަރައިފިއެވެ. މަކަރުވެރި ފިރިހެނާ އަދި ޑްރާމާ ކުޅެން ހާދަ މޮޅެވެ. ފެނުނުކަމަށް ހަދާނުލިތާގައި އެހެރީ ބީރައްޓެހި ނަޒަރަކުން ބަލާށެވެ. އޮސްކާ އެވޯޑެއް ހައްގުވާނީ މިފަދަ މީހުންނަށެވެ. މިޒުވާނާގެ އިސްތަށިގަނޑު އޮތީ ތެތްކޮށެވެ. ދެންމެ ފެންވަރާލައިގެން އައުމުން ދުވާފަދަ މީރުވަހެއް މުޅި ހިސާބު ހިސާރުކޮށްލާފައިވިއެވެ. ލައިގެން ހުރީ ޖިންސަކާއި އަތްދިގު ގަމީހެކެވެ. ވިސްނާލުމުން ޖޯންއަށް ވެދާނެކަމާއިމެދު ޝައްކު އުފެދި ދެލޯ ބޮޑުކޮށްފައި ބަލަން ހުރެވުނީއެވެ.

ޖޯންއާއި ޚިލާފަށް މި ޒުވާނާ ވާހަކަދައްކަނީ މުޅިން އިނގިރޭސި ބަހުންނެވެ. އަޑާއި ރާގުވެސް ތަފާތެވެ. އެމެރިކަން އެކްސެންޓެވެ. މޫނުމަތީގައި އެއްވެސް ކަހަލަ ހަރުކަށި ބޮޑާކަމެއްނެތެވެ. އޯގާތެރި ހިތްހެޔޮކަން އެކުލެވޭ މޫނެކެވެ. ކަޅީގައި ހުރި ކުލަ ހައިރާންވާހާ ރީއްޗެވެ. ޖޯންގެ ކަނދުރާގައި ކަޅުފަށެއް އޮތަސް މި ޒުވާނާގެ ކަނދުރާ ވަނީ ފަޅަށެވެ. އެއްވެސް އެކަހަލަ އެއްޗެއް ބޭނުންނުކޮށް ހުރުމުން މާތްގޮތެއް ހުއްޓެވެ. ޖޯންގެ ދިގު އިސްކޮޅާއި ބިޔަކަމެވެ. ފަންއިސްތަށިގަނޑެވެ. ތުންފަތާއި ހަތަރެސްކަން މޫނު ތަފާތެއްނެތެވެ.

އެޒުވާނާ ކުރިއަށް ޖެހިލާފައި އޯކިޑް މާ ބިނދެލިއެވެ. ރަކިވެފައި ހުރެ ކެމީލާ މަލުގައި ހިފައިލިއެވެ.

"އަހަންނަކީ ކައިޒާން..ތީ ކޮން ކުއްޖެއް.................." އެ ޒުވާނާ ތައާރަފުވެލިއެވެ.

"ކެމީލާ......" ކެމީލާ މަޑުމަޑުން ބުނެލިއެވެ.

ކެމީލާއަށް ނޭގުނީ ކައިޒާންއާއި ޖޯންއަކީ އެކެއްކަމެވެ. ޖޯންއަކީ ކައިޒާންގެ ސީރިޔަސް ނަފްސާނީ މައްސަލައެއްގެ ސަބަބުން އޭނަ އަމިއްލައަށް އުފައްދައިގެން އުޅޭ ޝަޚުސެއްކަމެވެ.

"ވާރޭ ހުއްޓާލަންދެން އިށީދެލަންވީނު....." ކައިޒާން ބުނެލިއެވެ. ކެމީލާއަށް މި ބީރައްޓެހި ޒުވާނާއަށް އިތުބާރުކުރެވުނީ ކީއްވެކަމެއް ނޭގުނެވެ. ހަޔާތުގައި ކެމީލާ މިހާ ރުހެވުނު އިންސާނަކާއި އަދި ދިމާވެފައެއްނެތެވެ. ދުވަހަކު އެހެންމީހަކަށް އިތުބާރުނުކުރެވޭވަރަށް އިތުބާރުކުރެވުނެވެ. ދުވަހަކު އެހެންމީހަކު ފެނިފާ އޭނަގެ ހިތުގައި އެހާ ބާރަށް ވިންދުޖަހާފައެއްނުވެއެވެ. މޭ ފަޅާލާފައި ނުކުމެދާނެފަދައެވެ. ވޭން ނާޅާ ރިހުމޭ މީހުން ކިޔާ އުޅެނީ އެފަދަ އަސަރުތަކަކަށް ބާވައެވެ. ކައިޒާން ފެނުމުން ބަޔާން ކުރަން ދަތި ގޮތްތަކެއް ހިތާއި ރޫހަށް ވެއްޖެއެވެ. ކައިޒާންގެ ހުރި ހިތްހެޔޮ ރީތިކަމުގެ ސަބަބުންކަން ނޭގެއެވެ. އޭނައަށް ތަފާތު އަސަރުތަކެއް ކުރުވައިފިއެވެ. ތަފާތު އިހުސާސްތަކެއް އެ ނާޒުކް ބަސްއަހާހިތުގައި ހިނގައިގެންފިއެވެ. ލަދުގަންނަގޮތެއްވިއެވެ.

"އިޓްސް އޯކޭ. މިތާ ހުރެލެވިދާނެ..." ކެމީލާ ބުނެލިއެވެ.

"ޓްރަސްޓްމީ އަހަރެންގެ ފަރާތުން އުދަގުލެއްނުވާނެ. ސިޓިންރޫމްގައި މަޑުކޮށްލާ..މިހެން ވެހި ވެހި އޮވެދާނެ ކިތަންމެ އިރެއްވިޔަސް............." ކައިޒާން ދޮރު ހުޅުވާލަދިނެވެ. ކެމީލާ އެތެރެއަށް ފިޔަވަޅެއްއެޅީ ގެއަށް ވަންނައިރު ކިޔާ ދުޢާކޮށްލަމުންނެވެ. މިގޮތަށް އަންހެންކުދިން ނުދަންނަ ފިރިހެނުންނަށް އިތުބާރުކޮށްގެން މުޅި އުމުރަށް ލަނޑުލިބި ބަރުބާދުވާގޮތްވެއެވެ. ދިރިއުޅުން ހަލާކުކޮށްލައެވެ. އޭނައަކީ މާމަގެ ނަސޭހަތުގެ ސަބަބުން އެހުރިހާ ކަންތަކާއި ފިކުރުކުރާ ކުއްޖެވެ. އިއްފަތްތެރިކަމަކީ ކޮބާކަމާއި އެއްވެސް ހިލޭ ފިރިހެނަކަށް އޭނަގެ ގައިގާ އަތްލުމުގެ ހުއްދަދެވިގެން ނުވާނެކަމަށް އޭނަ ގަބޫލުކުރެއެވެ. ކައިވެންޏާއި ހަމަޔަށް ރައްކާތެރިވެގެން އުޅެންމާމަ އެތައް ފަހަރު ބުނެދީފައިވެއެވެ. މިޒަމާނުގައި ހުޅަނގުގެ އަވައިގާ ޖެހި ބޯއިފްރެންޑްންނާއިއެކު އެކަހެރިކޮށް ބައްދަލުކޮށް އެމީހުން ބޭނުންވާވަރަށް އުފާކޮށްދިނުމުން އެއްލާލާނީ ކުނިކޮޅެއްފަދައިންނެވެ. އޭނަ އެހެން ވިޔަކަނުދޭނެއެވެ. އެހެންނޫނަސް އޭނަގެ ހިތުގައި ކައިވެންޏެއްކުރާކަށް ނެތެވެ. ބޭނުމީ އިހަށް ކިޔެވުމެވެ.

ނަމަވެސް ކައިޒާން ފެނުމުން މިއަދު ކެމީލާއަށް އޭނަގެ ހިތަށް ގޯނާއެއް ވެއްޖެކަން އެނގުނެވެ. މިހާ ރީތި ފިރިހެނަކު ޚިޔާލަށް ގެނެވިފައެއްވެސް ނެތެވެ. އޭނަ ކިޔާ ވާހަކައެއްގައިވެސް މިހާ ހިތްގައިމުކޮށް މީހަކު ސިފަކޮށްދީފައެއް ނުވެއެވެ. ނޫނީ ހަމަ ހިތަށް ނުގެނެވެނީއެވެ. އެހާ ރީތިވެފައި ފުރިހަމައެވެ. އިންސާނުން ތެރޭ މިހާ ރީތި މީހުން އުޅޭކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. މޫނުގައި އެހުންނަ ފަނޑު ހިނިތުންވުމަކީ ހިތް ކިޔާ އެންމެ ލޯބި ސިފައެވެ. ލޮލުގެ ތެރެއަށް ގެނބިގެންދާން ބޭނުންވާ ދެލޯ ރީއްޗެވެ. އެލޮލުގައި ހިތާމަވެރި ރިހުމެއް ވާކަމަށް ހިތަށް އިހުސާސްވެލުމުން އަސަރުތަކެއްކުރިއެވެ. ކައިޒާން ބޮޑަށް ދެނެގަންނަން ހުރި ޝައުގެއްގެ ބޮޑުކަމުން މާމަގެ ހުރިހާ ނަސޭހަތެއް ހަދާން ނައްތާލާފައި އެތެރެއަށް ވަދެވުނީއެވެ. ނޯޔާ ދީފައި އޮތް ޕެޕާ ސްޕްރޭ ފުޅިވެސް ދަބަހުގައި އެބައޮތް ނޫންހެއްޔެވެ. ބަލާބެލުމަށް ކުޑަ ލިޕްސްޓިކެއްހެން ހީވާ ފިޔާތޮށިކުލައިގެ ފުޅިއެކެވެ. އަންހެންކުދިން ބޭރަށް އެކަނި ދަންޏާ ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ގެންގުޅެންޖެހޭ އެއްޗެއްކަމަށް ނޯޔާވަނީ ބުނެފައެވެ. ފުރިހަމަ ހަތިޔާރާއެކު އަމިއްލަ ނަފުސް ކޮންޓްރޯލް ކުރަން އެނގޭ ކުއްޖަކަށް ގޯހެއް ނެހެދޭނެއެވެ.

އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް އޭނަގެ ގައިގާ އަތްލުމުގެ ފުރުސަތެއް ނުދޭނެއެވެ.

"ވާއު ދިސް ހައުސް އިޒް ބިއުޓިފުލް............" ކެމީލާ ކުދިކުދި ހުދުދަތްތައް ފެންނަވަރަށް ހީލަމުން ވަށައިގެން އެނބުރިލައިފިއެވެ. " މިގޭގައި އެކަނި އުޅެނީ؟ "

"މިއީ ރިލެޓިވްއެއްގެ ހޯމް. އަހަރެމެންވެސް މާލެއައީ ވިޒިޓާސްއިންގެ ގޮތުގައި. މަންތެއްގެ ތެރޭ ފުރަންޖެހޭ. ޕްލިޒް ހޭވް އެ ސީޓް............" ކައިޒާން ދޮރުފޮތިތައް ކަހާލަދިނީވެސް ކެމީލާއަށް އެކަމުން ރައްކާތެރިކަން އިހުސާސްވާނެތީއެވެ. ކެމީލާ ސޯފާގައި ޖައްސާލުމުން މަޑުކަމުން ގެނބުނެވެ. ފައިދަށުގައިވާ ރަގްވެސް ކަފަކޮޅެއްހާ މަޑެވެ. ސްޓޭންޑްތަކުގައި ހުރި ބޮޑެތި އުއްބަތިތައް ރޭގަނޑަށް ދިއްލައިލުމުން މިގެ ހާދަ އަރާމުވާނެއެވެ. ވިސްނެނީ ކައިޒާންއާއިމެދުގައެވެ. ކައިޒާންއާއިމެދު ތަފާތުކޮށް ދެކެންވީ ސަބަބެއް ނޭގުނެވެ. އެހެން މީހުންނާއި ވާހަކަ ދައްކާ ހިތް ނުވިޔަސް ކައިޒާންއާއި ވާހަކަދައްކާ ހިތްވިއެވެ. އެ އަޑު އަބަދަށް އަހަން ހުއްޓަސް ފޫހިނުވާނެކަން ޔަގީނެވެ.

"ނޫން ކެމީ ތީ ރަގަޅުކަމެއްނޫން. އެއީ ހިލޭ ފިރިހެނެއް. މިއީ ހުއްދަކަމަކަށް ނުވާނެ. ހަލާލު ލޯތްބެއް ހޯދަން އުޅޭއިރު މިގޮތަށް ފިރިހެނެއްގެ ގެއަށްވަދެ އަނގަ ތަޅަން އިނުމުން ފާފަވެރިވާނެ. އެގޮތަށް އޭނައަށް ބަލާކަށްވެސް ނުވާނެ. ކައިޒާން ހީކުރާނީ ކީކޭތަ.." ކެމީލާގެ ޟަމީރު އޭނައަށް ވިސްނައިދިނެވެ. ދެއަތުގެ އިނގިލިތައް މަހާލައިގެން މޮޑެލަން އިންދާ ކައިޒާން އައީ ހޫނު ޗޮކްލެޓް ތަށްޓަކާއި ކުކީޒް ހިފައިގެންނެވެ.

"ހާދަ ފިނިވެފައި ތިއިނީ. އޭސީ މަޑުކޮށްލަދޭންވީތަ......."

"ނޫން އަޅުގަނޑު ހަމަ ރަގަޅު............." ކެމީލާ ޗޮކްލެޓް ތަށީގައި ހިފައިލިއިރު އަތުގައި ތުރުތުރެއް އެކުލެވެއެވެ. ނަސީބަކުން އޮޅިގެންވެސް ކައިޒާން އިނގިލިކުރި ޖައްސާނުލާކަން ފާހަގަކުރެވުނެވެ. އެހާ ފިރިހެން އަތެކެވެ. ކުޑަކޮށް ގަމީހުގެ އަތުކުރި އޮޅާލާފައި ހުރުމުން އަތުކުރި ފެންނާންހުރިއިރު އިސްތަށިތައް ފަޅާފައިހުރީވެސް ރީތިވަރަކަށެވެ. ކައިޒާންގެ ކޮންމެ ސިފައަކާއިމެދު ވިސްނޭތީ އޭނަ ކަންބޮޑުވެ އަމިއްލަ ނަފުސަށް އަޑުލިއެވެ. ނުވެސް ދަންނަ ބީރައްޓެހި ފިރިހެނަކު ފެންނައިރަށް ހަމަ އެވަރަށް ބަލަންވޭހެއްޔެވެ. އަންހެންކުދިންވެސް ބެލުން ތިރިކުރަންޖެހޭނެއެވެ. އޭނަ އަވަހަށް ދާންވީއެވެ. ވީހާވެސް އަވަހަށް މިގެއިން ނިކުމެގެންގޮސް ކައިޒާން ކިޔާ ފިރިހެނަކާއި ދިމާވިކަން ހަދާން ނައްތައިލާނީއެވެ. ނަމަވެސް ޖޯންއަކީ ކާކުކަން އެނގެން ޖެހޭނެ ނޫންހެއްޔެވެ. އައިޑީ ވެސް ވީ އޭނަ އަތުގައެވެ.

"އެކަމަކު...އެއްޗެއް އަހާލެވިދާނެތަ." ކެމީލާ ހުއްދައަށް އެދުނެވެ.

"އެނީތިން....."ކައިޒާންގެ ނަޒަރު ކެމީލާގެ މޫނަށް އިރުކޮޅަކަށް ހުއްޓުނެވެ. ކައިޒާންއަށް ކެމީލާ ލަދުން އުޅޭކަން ފާހަގަކުރެވެނެވެ. އެމޫނަށް ވެރިވާ ޖަންބުކުލައިގެ ސަބަބުން އެ މޫނުގެ ރީތިކަން އިތުރުކޮށްދެއެވެ. ލައިގެން ހުރި ހެދުމުގެ ސަބަބުން ކެމީލާ ފެންނަނީ ތަފާތުކުއްޖެއްގެ ގޮތުގައެވެ. އޭނައާއި ބަލާއިރު އިސްކޮޅުން ކުރުކަމަށް ދެއްކިޔަސް ދިވެހިކުދިންނައި އަޅާބަލާއިރު އިސްކޮޅުން ތަންކޮޅެއްދިގެވެ. ހެދުން އަޅާފައި ހުރިގޮތުން ހަށިގަނޑުގެ ވަނާތައް ފޮރުވިފައިވުމުން ހަމައެކަނި އެނގެނީ މި އަންހެންކުއްޖާގެ މޫނު ހިތްގައިމުކަމެވެ. ބަލައިލާ މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭހާ އޮމާންވެފައި ހިތްގައިމެވެ.

"ޓްވިންއެއް ހުރޭތަ..." ކެމީލާ އަހައިލިއެވެ. ކައިޒާން ކެމީލާ އިށީދެގެން އިން ސޯފާގެ ކުރިމަތީގައި ހުރި ކައުޗްގައި ޖައްސައިލިގޮތަށް އެއްފައި ދަމާލިއެވެ. ޖިންސް އިޝްތިހާރެއްފަދައެވެ.

"ކީއްވެ ތިހެން އެހީ...." ކައިޒާން އެއް ބުމަ އަރުވައިލިއެވެ.

"ކުރީ ދުވަހު އަހަންނާއި ދިމާވި ޖޯން ކިޔާ ޒުވާނެއް. ހީ އޯލްމޯސްޓް ލުކްސް ލައިކް ޔޫ. އަވިއައިނު އަޅައިގެން ހުރުމުން ދެލޯ ނުފެނުނަސް އެހެން ފީޗާސްތައް ވަރަށް ވައްތަރު. އެހެންވެ ހިތަށް އެރީ ހިތުގައި ނުބާއްވާ އޮޅުން ފިލުވާނީއޭ......" ކެމީލާ ވާރޭވެހުނު ދުވަހެއްގައި ހިނގިހާދިސާ ކިޔައިދިނުމުން ކުޑަ ސިހުމެއް ލިބިފައިވެސް ކައިޒާން ވަގުތުން އެ ޝުއޫރުތައް ކުޅަދާނަކަމާއިއެކު ފޮރުވާލައިފިއެވެ. ކެމީލާއާއި "ޖޯން" ބައްދަލުވެފައިވާކަން އެންމެ ކުރިންވެސް ކައިޒާން ދެނެގަތެވެ. ކެމީލާއަށް އޭނަ ފެނުމުން އަމަލުކުރިގޮތުން ކައިޒާންގެ ބޮލުގައި ރިއްސައިލިއެވެ. އެއްގޮތަކަށްވެސް ޖޯންކުރާ ކަންތައްތައް އޭނަގެ ހަނދާނަށް ނާންނާނީހެއްޔެވެ. އަމިއްލަ ނަފުސާއިމެދު ހަމްދަރުދީވިއެވެ.

"ބައެއް ކަންތައް އެނގުމަށްވުރެ ނޭގުން މާރަގަޅުވާނެ. އަހަރެން ދަންނަން ޖޯން އެކަމަކު..........." ކައިޒާން އިތުރު ތަފްސީލަށް ދާން ނޫޅުނެވެ. ކެމީލާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. ކައިޒާންއާއި ޖޯންގެ އޮތީ ކޮން ގުޅުމެއްހެއްޔެވެ. ދެބެންނަށްވެފައި ކޮންމެވެސް ކަމަކާއި މައްސަލަޖެހި ވަކިން އުޅެނީ ބާވައެވެ. އެހާ ވައްތަރު ދެޒުވާނުންވެއްޖެއްޔާ ހަމަ ޓްވިންސްއިންނަށްވެސް ވެދާނެއެވެ. ކައިޒާން ސީރިޔަސްވީވަރު ފެނި އިތުރު ސުވާލުތަކެއް ކުރާކަށް ނުކެރުނެވެ.

"އޯ.......ވާރޭ ހުއްޓާލައިފި....." ކެމީލާ ތަށި ތައް ބިއްލޫރި މޭޒުމަތީ ބަހައްޓާފައި ތެދުވެ ބެކްޕެކްނެގިއެވެ. އަނެއް އަތުން ނޫކުލައިގެ އޯކިޑުގައި ހިފެހެއްޓީ ނިކަން ލޯބިންނެވެ. ކައިޒާން ހުއްޓުވާކަށް ނޫޅުނެވެ. ކެމީލާ ޝުކުރު އަދާކޮށްފައި ހިނގައިގަތުމުން ދޮރު ހުޅުވާލަދިނެވެ. ގޭޓު ހުރަސްކޮށްލަމުން ބަލައިލުމުން ކައިޒާން އަތް ނެގިއެވެ. ކެމީލާ ކީއްކުރަން އެއްވެސް އިންސާނަކު އޭނައާއި މާ ގާތްކުރާކަށް ހިތެއް ނޭދެއެވެ. އެންމެ ލޯބިވާ އާއިލާ އާއި ވަކިން ދިރިއުޅޭއިރު އެހެން އަންހެންކުއްޖަކަށް ހިތް ހުޅުވާލަންވީ ކީއްވެހެއްޔެވެ. ގާތްކޮށްފިއްޔާ އޭނަގެ ސިއްރު ހާމަވެދާނެއެވެ. ކައިޒާން ދޮރަށް ލެނގިލިގޮތަށް ވިސްނުމެއްގެ ތެރޭ އެތައް އިރެއްވާންދެން ހުއްޓެވެ.

ކެމީލާ ގެއަށް ވަނުމަށްފަހުވެސް ކައިޒާންގެ ޚިޔާލުތަކާއި ވަތްކެއް ނުވެވުނެވެ. އެ ސިއްރުވެރިކަމުގެ ފަހަތުގައިވަނީ ކޯންޗެއްތޯ އޮޅުންފިލުވަން އެގެއަށް އަލުން ދާންވީއެވެ. ނޫނެކެވެ. ކޮންމެހެން ކައިޒާން ރީތިވީމައެއް ނޫނެވެ. އޭނަ ނޫސްވެރިކަމުގެ ރޮގުން ކުރިއަށްދާ ހިތްވާތީ އެފަދަ ތަފާތު އިންސާނުންގެ ދިރިއުޅުން އޮޅުންފިލުވާ ހިތްވަނީއެވެ. އުމުރުން އެކާވީސް އަހަރުވީއިރު ކެމީލާ އަދި ދުވަހަކުވެސް ވާހަކައެއް ލިޔެފައެއްނުވެއެވެ. ނަމަވެސް އޭނަ ދިވެހިބަހަށް ފުދޭވަރަކަށް މޮޅެވެ. ވާހަކައެއް ލިޔަން ޚިޔާލުކުރިޔަސް އެކަމަށް ވަގުތު ބޭނުންވާތީ ނުފެށިފައި ހުރީއެވެ. ބައެއްފަހަރު އިޖުތިމާއީ ކަންތައްތަކާއި ގުޅޭގޮތުން އޭނަ އާޓިކަލްތައް ލިޔެފައި ބަހައްޓައެވެ. ނޫހަކުން ފުރުސަތެއް ލިބޭނެ އިރަކަށް އިންތިޒާރުކޮށްކޮށް އޭނަ މާޔޫސްވާވަރުވިއެވެ. އެ ޚިޔާލެއްގައި އިންދާ ފޯނު ކޯލެއް އައުމާއިއެކު ކެމީލާ އިންތަނުން ތެދުވެ ފުންމަން ފެށިއެވެ.

"ކިހިނެއްވީ....." ތަމަންނާ ކޮޓަރިން ނުކުމެގެން އައިގޮތަށް ސޯފާގައި ޖައްސައިލިއެވެ. އޭރު އުލާވެސް އޮތީ ސޯފާއަށް ދެފައި ނަގައިގެންނެވެ. ބިންމަތީގައި ބަހައްޓާފައި ހުރި ޗިޕްސްދަޅުން ފަހަރަކު ފޮތްޗެއް އަނގަޔަށް ލާފައި ހަފަނީ ދަހިކޮށެވެ. އުލާ ކަންނެތްކަމުން ކެއުމާއި ޑްރާމާބެލުން ނޫންކަމެއް ނުކުރެވެއެވެ. އަޑުކިޔާފައި ފަލަވާންފެށުމުން ދެރަވިޔަސް ކަސްރަތެއްކޮށްލުމަކީ އެކުއްޖާއަށް ކުރެވޭވަރުގެ ކަމެއްނޫނެވެ.

"ވަޒީފާ ހަމަޖެހުނީ. އޮންލައިން ނޫހަކުން........."

"ދެން ހޮސްޕިޓަލަށް ނުގޮސް ހުއްޓާލާނީތަ......" ތަމަންނާ މޫނު ބަނަކޮށްލިތަން ފެނިފާ ކެމީލާގެ ހިތް އޮއްސޭގޮތްވިއެވެ. މަންމަގެ ނުރުހުމުގައި ވަޒީފާއަށް ދާކަށް އޭނަ ނެތެވެ. ނަމަވެސް ޝައުގުވެރިވަނިވި ދާއިރާއަކުން ކިޔަވަނިކޮށް ލިބުނު ފުރުސަތު ހަމަ ގެއްލުވާލަންވީހެއްޔެވެ. މަންމައަށްޓަކާ ހުރިހާ އުފާތަކެއް ގުރުބާންކުރަންވާނެ ހެއްޔެވެ.

"އެތަނަށް ދާ ހިތަކުން ނޫން ދިޔައީ. އެކިތަންތަނަށް ސިޓީ ލީމަ ލިބުނީ. ޖާނަލިޒަމް ކޯސް ހަދަންޏާ ހޮސްޕިޓަލެއްގައި ނޫޅެވޭނެއްނު މަންމާ..." ކެމީލާ މަންމައަށް ވިސްނައިދޭން މަސައްކަތްކުރުމުން ވަކިން ރުޅިގަދަވެ މޫނުމަތީ އެތިފަހަރެއްޖެހިއެވެ. ޒުވާބުކުރަން އުޅެންޏާ ދެފައި ބިންދާލާނަމޭ ބުނެ އިންޒާރުކުރިއެވެ. އޭނަ ކަރުގެ ނާރުތައް ފުއްޕާފައި ކެމީލާއާއި ދިމާލަށް ހަޅޭއްލަވާ އަޑު މުޅިތަނުގައި އަޑު ހިފައިލިއެވެ. ތަމަންނާ ދެކޭގޮތުން ނޫސްވެރިއެއްގެ ގޮތުގައި ހުރުމަކީ ދަށު ދަރަޖައިގެ ކަމެކެވެ. ކެމީލާ ޖެހޭނީ ޑޮކްޓަރަކަށްވާށެވެ. ބޮޑު މުސާރަލިބޭނީ މެޑިސިން ހަދައިގެންނެވެ. ތަމަންނާ މޫނު ހަދާލައިގެން ހުރެ ޔާސިރުއަށް ވަގުތުން ގުޅާފައި އެންގީ ކެމީލާ ހުއްޓުވާށެވެ. އޭނައަށްވެސް ނާންގާ ސިއްރުން ނޫހަކަށް ސިޓީލައިގެން ވަޒީފާ ހޯދައިގެން އުޅޭކަމުގައި ބުނީ އޭނައަށް ކަޅި އަޅާލަމުންނެވެ. ކެމީލާގެ ހުރިހާ އުފާތަކެއް ފެނަށްވެގެން ދިޔައެވެ. މަންމަމެންނަށް ނުވިސްނެނީ ކީއްވެހެއްޔެވެ.

ހޮސްޕިޓަލުގެ ޑިއުޓީއަށް ގޮސް ބަލައިލިއިރު މަސައްކަތްކުރަން ޖެހިފައި އޮތީ ނަފްސާނީ ޑޮކްޓަރ ނާޔަލްއާއިއެކުގައެވެ. ކެމީލާގެ ހިތަށް ބިރުވެރިކަމެއްވަނެވެ. ނާޔަލްގެ ޖެއްސުންތަކާއި ގޯނާތައް ހައްދުން ނައްޓާނެކަން ޔަގީނެވެ. އެކޮޓަރިއަށް ވަނުމަށްފަހު ނާޔަލް ފެނުނީ ނިކަން ޕްރޮފެޝަނަލް ކޮށެވެ. އެންމެ ފަހަރަކުވެސް އޭނައާއި ހަތަރުކަޅި ހަމަކޮށްނުލައެވެ. ވަންނަ ކޮންމެ ބަލިމީހަކު އެތަނުން ނުކުތީ ހިނިތުންވެފައި ތިބެއެވެ. އެންމެންވެސް ނާޔަލްއަށް ޚާއްސަގޮތަކަށް ބަލާކަން ކެމީލާ ފާހަގަކުރިއެވެ. ހުރިހާ އުމުރުގެ މީހުންނަށް ނާޔަލް ރީތިނުވާންވީ ސަބަބެއްނެތެވެ. ރަސްމީކޮށް ސޫޓުގައި ހުރުމުން ވަކިން ސްމާޓެވެ. ބޭރުން ކޯޓުލާފައި ހުރުމުން ޝަޚުސިއްޔަތުގެ ވަރުގަދަކަން ފެންނާން ހުއްޓެވެ.

ކޮފީ ބްރޭކްގަޑި ޖެހުނެވެ. ނާޔަލް ބަސްއަހައިގެން އިންވަރު ފެނިފައި ކެމީލާ ބަލިމީހުން ބަލާ ކޮޓަރިން ނިކުންނާން ދިޔައީ ހިތްހަމަޖެހިފައ ހުރެ ލުއި ހިނިތުންވުމެއްގައެވެ.

"މާ އަވަހަށް ތަނަކަށް ދާން ޖެހިފައި އޮތީތަ. ޔޫ ސްޓިލް ހޭވް ތްރީ އަވާސް ޓު ސްޓޭ ވިތް މީ...... " ކެމީލާގެ ދުވަހުގެ ތާވަލް ރޭވިފައިވާ ގަނޑަށް ބަލައިލަމުން ނާޔަލް ސުވާލުކުރިއެވެ. އެހާ ރަސްމީކޮށް ވާހަކަދެއްކުމުން ބަލިކަށިވާގޮތްވެ އަލުން އައިސް ގޮނޑީގައި އިށީންނަން މަޖުބޫރުވީ ނާޔަލް އިތުރަށް އެއްޗެއް ނުބުނަނީހެވެ.

"އަޅުގަނޑު.....އެއްޗެއް ބޯން.." ކެމީލާ ކުޑަކޮށް ލަދުގަތެވެ.

"ސޯ؟ ހޭވް ކޮފީ ވިތް މީ.........."

"އަޅުގަނޑު... ބަނޑުހައެއް ނުވޭ..........." ކެމީލާ ކަންބޮޑުވިއެވެ.

"ޔޫ ޝުޑް ބީ. މިތާ އިންނަތާ ކޮން އިރެއް. އެހެންނޫނަސް އަހަރެން ނުބުނަމެއްނު އެކްސްކިއުޒް ތަކެއް ދޭށޭ. ކާން ޖެހޭނީ. އިޓްސް އެން އޯޑާ. "

"ވާހަކައެއް ދައްކަންވެފައި އެބައޮތޭ...." ނާޔަލް ކެމީލާއަށް ބަލައިލީ ފުން ނަޒަރަކުންނެވެ. ސީރިޔަސްވުމުން ލޮލުގެ ކުލަ ވަކިން ގަދަވެލައެވެ. ވަރުގަދަ ބުމައާއި ދިގު އެސްފިޔަތަކާއިއެކު އެފަދަ ކުލައެއްގެ ކަޅިއެއް ހުރުމުން އަޅައިގަންނަގޮތެއް ހުރެއެވެ. އަންހެންކުދިން މޮޔަވާވަރުވެއެވެ.

ނާޔަލް ފޯނުކުރީ ކެފޭއަށެވެ. ގެނެސްދޭންވީ އެއްޗެއްސަށް އޯޑަރުދީފައި ނާޔަލް ޖައްސައިލީ މޭޒުމަތީގައެވެ. އެއްފައި ބިންމަތީގައި ވިއްދާލައިގެން އޭނަ އިންއިރު މޮޑެލްއަކާ ތަފާތެއް ނެތެވެ. ރަސްމީގޮތްގަނޑު މުޅިން ބަދަލުވިއެވެ. އަންހެންކުދިންނަށް ހިތްކިޔާ ނާޔަލް ވުޖޫދަށް އައިފަދައެވެ. ކެމީލާއިނީ ހަދާނެގޮތް ހުސްވެފައެވެ. ނާޔަލްއާއި ޖޯންއާއި ދެމީހުން ހަމަ އެއްކަހަލަ ދެމީހުންނޭ ހިތަށްއެރިއެވެ. ނާޔަލްގެ މިޒާޖު ހުންނަގޮތުން "ބޭޑްބޯއި" އަކަށްވުރެ " އަލްފާ މޭލް" އެއްފަދައެވެ.

(ނުނިމޭ)

comment ކޮމެންޓް