ކޯޓަށް ހާޒިރުނުވާ ކަމަށް ބުނެ ރައީސް މައުމޫނަށް ދެމުން އައި ބައެއް އިނާޔަތްތައް ކަނޑާލައިފި: ވަކީލުން

ކޯޓަށް ހާޒިރުކުރުމަށްޓަކައި ރައީސް މައުމޫން މިއަދު މާލޭގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ކޯޓަށް ހާޒިރުވެވަޑައިގެންފައިނުވާތީ އެމަނިކުފާނަށް ދެމުން އައި ބައެއް އިނާޔަތްތައް ފުލުހުން ކަނޑާލާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

އިއްޔެ މެންދުރު 15:00 ގައި ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލީހަށް މައުމޫނަށް ހާޒިރުނުވެވުނީ އެމަނިކުފާނުގެ ސިއްހީ ހާލަތު ތަން ނުދޭތީ ކަމަށް އެމަނިކުފާނުގެ އާއިލާއިން ވަނީ ބުނެފައެވެ. އަދި އެކަން ކޯޓަށް އެންގި ކަމަށްވެސް ވަނީ ބުނެފައެވެ. އިއްޔެ ޝަރީއަތުގެ މަޖިލިސް މައުމޫނަށް ހާޒިރުވެ ވަޑައި ނުގަނެވޭތީ ވަނީ ކެންސަލްކޮށްފައެވެ.

މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނުގެ ސިއްހީ ހާލަތު އަދިވެސް ގޯސް ކަމަށާއި އެމަނިކުފާނަށް އިއްޔެ ކޯޓަށް ހާޒިރުވެވަޑައިނުގަނެވުނީ އެ ސަބަބާ ހުރެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯޓަށް ހާޒިރުނުވީތީ ފުލުހުން ދެމުން އައި އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލް އިއްޔެއިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހަށް ކަނޑާލާފައިވާ ކަަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ.

މިދިޔަ ހަފްތާގައިވެސް ރައީސް މައުމޫނަށް އެއްވެސް ޝަރީއަތުގެ މަޖިލީހަކަށް ވަޑައިގެންނެވިފައެއް ނުވެއެވެ.

ރައީސް މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހި އަބަދުވެސް މީހަކު ކައިރީ ބަހައްޓަން ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފައެވެ.

އާއިލާއިންނާއި ރައީސް މައުމޫނުގެ ވަކީލުން ވަނީ ތަކުރާރުކޮށް އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދޭން އެދިވަޑައިގެންފައެވެ. ނަމަވެސް ގޭ ބަންދަށް ބަދަލު ކުރެވެން ނެތް ކަަމަށް ކޯޓުން ވަނީ ނިންމައިފައެވެ.

ރައީސް މައުމޫނު ބަންދުކޮށްފައިވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ރައީސް މައުމޫނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފައެވެ.

comment ކޮމެންޓް